Roadha Mihaaru
އާ އުސޫލު އަންނާތީ މުވައްޒަފުން ހޯދުން މެދުކަނޑާލަނީ

އާ އުސޫލަށް އަމަލުކުރަން ފަށާތީ، ސިވިލްސާވިސްގެ މަގާމުތަކަށް އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލަނީ

22 ޑިސެމްބަރ 2020

ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގެ އާ މިންގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާތީ ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލަން މިއަދު އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގެ އާ މިންގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާތީ ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދަން އިއުލާނުކުރުން ވަގުތީ ގޮތުން ހުއްޓާލަން މިއަދު އަންގައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަގާމުތަކަށް މީހުން ހޯދަން އިއުލާނުކުރުން މާދަމާ އިން ފެށިގެން ހުއްޓާލަން ޖެހެނީ އާ އުސޫލަށް އަމަލުކުރަން ފަށަން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. ކޮންމެހެން ކުރަން ޖެހޭ އިއުލާނެއް އޮތް ނަމަ މާދަމާގެ ކުރިން އިއުލާނު ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ސިވިލް ސާވިސް މަގާމުތަކަށް މީހުން ހޮވުމާއި އައްޔަން ކުރަން ޖެހޭ އާ އުސޫލުގެ ތައާރަފްގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސް ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) އާއި އެ މާއްދާގެ 38 ވަނަ މާއްދާ އަދި ސިވިލް ސާވިސްގެ ގަވައިދު 2014 އާ އެއްގޮތަށް ވަޒީފާތަކަށް މީހުން އައްޔަން ކުރުމަށް ޓަކައި އަމަލުކުރަން ޖެހޭ އުސޫލެކެވެ. އާ އުސޫލަކީ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގައި އެންމެ ގާބިލު މީހުން ހޮވުމަށް އެހީތެރިވެދޭނެ އުސޫލެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

އާ އުސޫލުގައިވާ ގޮތުން މިނިސްޓްރީއެއްގެ ދަށުގައިވާ އިދާރާއެއް ނަމަ މަގާމަކަށް މީހަކު ހޯދުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ. އަދި ގަވަނިން ބޯޑެއްގެ ދަށުން ހިންގާ އިދާރާއެއް ނަަމަ ބޯޑުންނެވެ. ކައުންސިލެއްގެ ދަށުން ހިންގާ އިދާރާއެއް ނަމަ މަގާމަށް މީހުން ނެގުމާ މެދު ގޮތް ނިންމާމީ ކައުންސިލުންނެވެ.

މަގާމު ހިމެނޭ އޮނިގަނޑުގެ ސަބަބުން ސިވިލް ސާވިސް ކޮމިޝަނުން ހާއްސަ އުސޫލުތައް ކަނޑައަޅާފައިވާ މަގާމުތައް މި އުސޫލުުން އިސްތިސްނާވާނެ އެވެ.

އާ އުސޫލުގައިވާ ގޮތުން މަގާމަކަށް މީހުން ހޯދަން އިއުލާނު ނުކޮށް މީހުން ނެގޭނެ އޮތީ އެންމެ ހާލަތެކެވެ. އެއީ ސަރުކާރަށް ހިދުމަތްކުރަން އެއްބަސްވެގެން ތަމްރީނުވާ މީހުންނަށްޓަަކައި ރިޒާވްކުރާ މަގާމުތަކަށް މީހުން ނަގާ ހާލަތެވެ.

ސިވިލް ސާވިސް މަގާމުތަކަށް މީހުން ނެގުމުގެ ހުރިހާ މަރުހަލާއެއްގައި އަމުުކުރާނެ ގޮތްތައް އާ އުސޫލުގައި ވަރަށް ތަފްސީލުކޮށް ހިމަނާފައިވެ އެވެ. އޭގެތެރޭގައި މަގާމަކަށް މީހުން ނަގަން އިއުލާނުކުރުމުގެ ކުރިން އިދާރާތަކުން ފުރިހަމަކުރަންޖެހޭ ކަންތައްތަކާއި އިއުލާނު ކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި ކުރިމަތިލާ މީހުންގެ ފެންވަރު ވަޒަންކުރާނެ ގޮތްތައް ވެސްް ހިމެނެ އެވެ.

އާ އުސޫލަށް އަމަލުކުރަން ފެށުމާ އެކު ކުރިން އިއުލާނުކޮށްފައިވާ ވަގުތީ އުސޫލުތައް އުވިގެންދާނެ އެވެ.