Roadha Mihaaru
ރުގްޔާ ނަމުގައި އަނިޔާކުރި 2މީހުންގެ މައްސަލަ ޕީޖީއަށް

ރުގްޔާގެ ނަމުގައި ހަތަރު މައިން ރަހީނުކޮށް އަނިޔާދިން ދެ މީހުންނަށް ދައުވާކޮށްދޭން އެދިއްޖެ

25 ޑިސެމްބަރ 2020

ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު"އަށް ވިދާޅުވީ އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކުރުމުގެ އިތުރަށް އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރާ 24 އަހަރުގެ ފިރިހެނަކާއި އަނބިމީހާ އާއި ދޮންދަރިންނަށް އަނިޔާވެރިވުމުގައި ހިތްވަރުދީ ބައިވެރިވި 39 އަހަރުގެ ފިރިހެނެކެވެ.

ދެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އަންހެން މީހާ އާއި އޭނާގެ އާއިލާ އިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި އަންހެންމީހާ އާއި ތިން ދަރިން ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ޖިންނީގެ އުނދަގުލެއް ކަމަށް ބުނެ މީހަކު ގެނެސް އެކި ކަންކަން ކުރަން ފެށީ އެވެ. ރުގްޔާގެ ނަމުގައި އެ މީހާ ފަހުން ތިން މަސް ވަންދެން އެ ގޭގައި ވެސް ދިރިއުޅުނެވެ.

ރުގްޔާގެ ނަމުގައި އުޅުނު މީހާ، ބުނާގޮތުގައި އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފަ އެވެ. އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އަންހެން މީހާ އާއި ދަރިފުޅުގެ ގައިގައި އެކި އެއްޗެހިން ތަޅައި އަނިޔާކުރުމާއި ކާން ނުދީ ބަނޑަށް ބޭތިއްބުމާއި އަޅުން ގޮތަށް ގެންގުޅުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މި އަނިޔާގެ އަމަލު "މިހާރު"އާ ހިއްސާކުރިއިރު އަންހެން މީހާގެ ގައިގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. އޭނާ ބުނާ ގޮތުގައި އެއީ، ގޭގައި ބަންދުކޮށް އޭނާއަށް ކުރި އަނިޔާގެ ނިޝާންތަކެވެ. އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުގައިވެ އެވެ. ހަށިގަނޑުގެ ތެރޭގައި ޖިންނި އުޅޭތީ ރަތް ޔުނިފޯމެއް ލުމަކީ ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އެ ކުއްޖާ ބަންދުކޮށްގެން ގެންގުޅުނީ ސްކޫލަށް ވެސް ނުފޮނުވަ އެވެ.

ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާއިން ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. ރަށު ޕޮލިސް ސްޓޭޝަނުން ބެލި މި މައްސަލަ މާލޭގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ބަދަލުކުރީ އެ ރަށުގައި އޭނާ ހުރެގެން މައްސަލަ ބެލޭނެ ކަމުގެ ޔަގީންކަމެއް އާއިލާ އަށް ނެތުމުން ކުރި ޝަކުވާތަކާ ހެދި އެވެ.

މި އާއިލާ ރަހީނުކޮށްފައި ތިބި މުއްދަތުގައި، އާއިލާގެ މީހަކު ރިޕޯޓްކޮށްގެން ޖެންޑަ މިނިސްޓްރީގެ ސޯޝަލްވޯކަރަކު އެ ގެއަށް ދިޔަ އެވެ. އެކަމަކު އަންހެން މީހާ ދައްކާ ހުރިހާ ވާހަކަތަކަކީ ޖިންނި ދައްކުވާ ވާހަކަތަކެއް ކަމަށް ބުނެ މައްސަލަ ކުރިއަށް ގެންދިއުން ފިރިމީހާ ހުއްޓުވައި ސޯޝަލް ވޯކަރު ފޮނުވާލީ ކަމަށް އަންހެން މީހާ ބުނެ އެވެ.

މިއީ، ރުގްޔާގެ ޝިކާރައަކަށް ވި އެންމެ އާއިލާއަކަށް ދިމާވި އަނިޔާގެ ވާހަކަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުގްޔާގެ ނަމުގައި ސިހުރާއި ފަންޑިތަ އިން އެތައް ބަޔަކަށް އަނިޔާދެމުން އެބަދެ އެވެ. ބައެއް މީހުންނަށް ޖިންސީ ގޯނާ ކުރިމަތިވެފައިވާ އިރު ޖިސްމާނީ އަދި ނަފްސާނީ އެތައް އަނިޔާއެއް ތަހައްމަލް ކުރަން ޖެހި މުޅި އުމުރު އެ ހިތްދަތިކަމުގައި އުޅެން ޖެހިފައިވާ މީހުން ވެސް އެބަ ތިއްބެވެ.

ރުގްޔާ ކުރުމުގެ ނަމުގައި ގޮސް އެ މީހަކާ ސިހުރުގެ ކޮންމެވެސް ކަމަކާ ގުޅުވައި އެކަމުން ސަލާމަތްކުރުމުގެ ނަމުގައި ވިޔާނުދާ، ހަޑިހުތުރު، އަނިޔާވެރި އަމަލުތަކާ އެކު އެތައް އުނދަގޫތަކެއް ވެސް ބައެއް މީހުންނަށް ޖައްސާފައި އެބަ ހުއްޓެވެ.

ރުގްޔާގެ ނަމުގައި ހިންގާ ޖަރީމާތަކުން އާއްމުންނަށް އަނިޔާދިނުން އާއްމުވެފައި އޮތަސް މިކަމުގައި ފިޔަވަޅު އެކަށީގެންވާ ގާނޫނު ފިޔަވަޅު އެޅޭނެ ގޮތެއް ނެތެވެ. މިފަދަ ގިނަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރުމުން އެ މީހަކު ދިރިއުޅޭ ގެއަށް ގޮސް ސިހުރު ފޮތްތައް "ހައްޔަރުކޮށްފައި" ތަހުގީގު އެ ހިސާބުން ނިމެނީ އެވެ.