Roadha Mihaaru
ޔޫރަޕުގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި

ޔޫރަޕުގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި

27 ޑިސެމްބަރ 2020

ޖެނީވާ (ޑިސެމްބަރު 27) - ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ޔޫރަޕުގެ ގައުމުތަކުގައި ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ޑިސެމްބަރު 27) - ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ޔޫރަޕުގެ ގައުމުތަކުގައި ފަށައިފި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން އިއްޔެ ވިދާޅުވީ ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން މިހާރު ވަނީ ޔޫރަޕުގެ މެންބަރު 27 ގައުމަށް ފޮނުވާފައި ކަމަށެވެ. ބައެއް ގައުމުތަކުގައި ހޮނިހިރު ދުވަހު ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. އަނެއްބައި ގައުމުތަކުގައި ވެކްސިން ދޭން މިއަދު ފަށާނެ އެވެ. އެހެންކަމުން މި ހަފުތާގައި ޔޫރަޕުގެ 446 މިލިއަން މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ބެލެވެ އެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީ އަދި ޔޫރަޕިއަން ކޮމިޝަނުން ވަނީ ފައިޒާގެ ވެކްސިނަށް ހުއްދަ ދީފަ އެވެ. ބޭސް އުފައްދާ އެކި ކުންފުނިތައް މެދުވެރިކޮށް ޔޫރަޕުން ވަނީ ދެ ބިލިއަން ޑޯޒުގެ ވެކްސިން ހޯދައިފަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މިހާތަނަށް ވަނީ ކޮވިޑުގައި 335،000 މީހުން މަރުވެފަ އެވެ. ޔޫރަޕުން މިހާތަނަށް ވަނީ 14 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.

ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާ ވިދާޅުވީ ޖަރުމަނުގެ ހުރިހާ ހިސާބުތަކަށް ވެސް ވެކްސިން މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. މާދަމާ ނޫން އަނެއް ދުވަހު އިތުރު ޑޯޒްތައް ލިބޭނެ ކަމަށެވެ.

އިޓަލީގެ ފޮރިން މިނިސްޓަރު ލުއިޖީ ޑި މާއިއޯ ވިދާޅުވީ "މިނިވަންކަމެއް ލިބެން" އޮތީ ވެކްސިން ޖަހައިގެން ކަމަށެވެ.

ހަންގޭރީގައި ވަނީ ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށައިފަ އެވެ. ސްލޮވާކިއާގައި ވެސް ވަނީ ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށައިފަ އެވެ.