Roadha Mihaaru

އެސްޓޯނިއާގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި

އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ވަޑައިގެން އެ ގައުމުގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސާފުކުރައްވައިފި އެވެ.

ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ޖެނުއަރީ 2025

އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ވަޑައިގެން އެ ގައުމުގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސާފުކުރައްވައިފި އެވެ.

އެސްޓޯނިއާ އަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އެ ތަނުގެ ހެޑް، ޓްރިން ޔޯސާރެއާގެ އިތުރުން އިންޓަނޭޝަނަލް ސާވިސް ޑިވިޝަންގެ އެކްޓިން ހެޑް ޔޯނަސް ވަންޓޯ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒާއި ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ކުރިއެރުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅި ކަމަށެވެ. އެސްޓޯނިއާގެ ޑިޖިޓަލް ޝޮސައިޓީ އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި އީ-ރެސިޑެންސީ އާއި ޑިޖިޓަލް އައިޑީކާޑާއި އީ-ޓެކްސޭޝަނާއި އެކްސް ރޯޑު ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ކަންކަމުން ހޯދާފައިވާ ކާމިޔާބީތައް އެ ޕްރެޒެންޓޭޝަންގައި ދައްކައިލި އެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ އެސްޓޯނިއާގެ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް، ޖޮނަތަން ސީވިއާ ބައްދަލުކުރައްވައި ރާއްޖެ އާއި އެސްޓޯނިއާ އާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަނާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކުރި އެވެ.

އެސްޓޯނިއާގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް، ޖޮނަތަން ސީވިއާ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުން.

އެސްޓޯނިއާގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް، ޖޮނަތަން ސީވިއާ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުން.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ޕޮލިޓިކަލް ކޮންސަލްޓޭޝަން އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

އެއީ ދެ ގައުމުން އެކި މަޝްވަރާތައް ބޭއްވުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގާތުން މަސައްކަތްކުރުން ވެސް ހިމެނޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެކެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުއިއްޒު ވަނީ އެސްޓޯނިއާގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެސްޓޯނިއާ އިން ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އާއި ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އެސްޓޯނިއާގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަނީ.

އެސްޓޯނިއާގެ ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަނީ.

ޑިޖިޓަލް ގަވާނަންސްގައި އެއްބާރުލުން ދިނުމާއި އެންމެ ރަނގަޅު ގޮތުގައި އީ-ސާވިސް ގާއިމުކުރުމާއި މިހާރު ހުރި ނިޒާމުތައް ހިމާޔަތްކުރުމަށް ސައިބާ ސެކިއުރިޓީގެ ފިޔަވަޅުތައް އިތުރު ކުރުމަށް ވެސް ރާއްޖެ އިން އެސްޓޯނިއާގެ އިސްވެރިންނާ އެކު މަޝްވަރާކުރި އެވެ. އަދި ރައީސް މުއިއްޒު ވަނީ ޑިޖިޓަލް ކެޕޭސިޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ސާފު ކުރައްވައިފަ އެވެ.

އެސްޓޯނިއާގެ ރައީސް ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވަނީ އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުމަށް ވެސް ތައުރީފް ކުރައްވައިފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައި ވެސް މަޝްވަރާ ކުރައްވައިފަ އެވެ.