Roadha Mihaaru
"ރައްކާ ރޯޑް ޝޯ" ގައި ވާޗުއަލް ރަންއެއް

"ރައްކާ ރޯޑް ޝޯ" ގައި ވާޗުއަލް ރަންއެއް

28 ޑިސެމްބަރ 2020

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ފުލުހުންނާއި އެލައިޑް އިންޝުއަރަންސް ގުޅިގެން ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯ" ގައި މިފަހަރު ހަފުތާއެއްގެ މުއްދަތަށް ވާޗުއަލް ރަން އެއް ބާއްވަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ފުލުހުންނާއި އެލައިޑް އިންޝުއަރަންސް ގުޅިގެން ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯ" ގައި މިފަހަރު ހަފުތާއެއްގެ މުއްދަތަށް ވާޗުއަލް ރަން އެއް ބާއްވަން ނިންމައިފި އެވެ.

"ރަން ފޯ މޯލްޑިވްސް" ވެބްސައިޓުން އަންނަ ބުރާސްފަތި ދުވަހުގެ 6:00 ގެ ނިޔަަލަށް މި ރަންގައި ރަޖިސްޓްރީ ވެވޭނެ އެވެ. ހިލޭ ބައިވެރިވުމުގެ ފުރުސަތު 950 މީހަކަށް ދިނުމަށް ފަހު އޭގެ އިތުރުން ރަޖިސްޓްރީވާ މީހުން ފީއެއް ދައްކަންޖެހޭނެ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ރޯޑް ސޭފްޓީގެ ސަބް އިންސްޕެކްޓަ މުހައްމަދު ނައީމް ވިދާޅުވީ އެލައިޑާއި ފުލުހުން ގުޅިގެން މަގުމަތީ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން ހަރަކާތްތަކެއް ހިންގަން ފެށީ 2014 ވަނަ އަހަރު ކަމަށެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު މި ހަރަކާތްތައް ކުރިއަށް ނުގެންދެވުނަސް މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ހުރި ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ކަންތައްތައް ފަސްކުރަން ޖެހުނީ އެވެ.

ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 5،665 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ. ވާޗުއަލް ރަންގައި ބައިވެރިން ދުވަމުން ދާއިރު ވެބްސައިޓުން މި ނަންބަރު ދަށްވަމުންދާތަން ފެންނާނެ އެވެ.

މި ރަންގައި ބައިވެރިވާ މީހުންނަށް ސެޓްފިކެޓަކާއި ޓީޝާޓެއް ވެސް ލިބޭނެ އެވެ.

ވާޗުއަލް ރަން އަކަށް ވާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށް ވެސް ދުވުމުގައި ބައިވެރިވެވޭނެ އެވެ.

އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގު ވިދާޅުވީ މި ޕްރޮގްރާމުން މުޖްމަތައުއަށް ފައިދާ ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއ މި ކަމުގައި ފުލުހުންގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

"މިއީ ހަގީގަތުގައި މުޖްތަމައުއަށް ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށް ގަބޫލުކުރަން. އަޅުގަނޑުމެން އުންމީދުކުރަނީ މުޖްތަމައުން މިކަމަށް އެއްބާރުލުން ދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކުގައި ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ހަފްތާއަކަށް ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ އަހަރު، މި ހަރަކާތްތައް މަސް ދުވަހުގެ މުއްދަތަކަށް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.