Roadha Mihaaru
އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ

އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ

30 ޖެނުއަރީ 2024

އެލައިޑް އިންޝުއަރެންސުން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ކޯޕަރޭޓް ހިއުމެނިޓީ އިނީޝިއޭޓިވްގައި ބައިވެރިވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރެންސުން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ކޯޕަރޭޓް ހިއުމެނިޓީ އިނީޝިއޭޓިވްގައި ބައިވެރިވެއްޖެ އެވެ.

އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ އިނީޝިއޭޓިވްގައި ބައިވެރިވެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވެއިޒެވެ. އަދި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖައްމިއްޔާގެ ސެކެޓްރީ ޖެނެރަލް ފާތުމަތު ހިމްޔާ އެވެ.

މިއީ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން އެކި ރަށްރަށަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރެޑްކްރެސެންޓުން ކުންފުނިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ އިނިޝީއޭޓިވްއެކެވެ. މި އިނީޝިއޭޓިވްގެ ދަށުން އެލައިޑަށް ރަށްރަށަށް ބޭނުންވާ ސޯޝަލް ކެއާ އާއި ދުޅަހެޔޮކަމާ ގުޅޭ ޕްރޮގުރާމްތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވޭނެ އެވެ.

އެލައިޑްގެ ސީއެސްއާރު ޕްރޮގުރާމް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން މިއަދު ވަނީ މި އިނީޝިއޭޓިވްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ "ރައްކާ" ޕްރޮގުރާމާ ވެސް ގުޅިފަ އެވެ. އެލައިޑުން އަންނަނީ ކޮންމެ އަހަރަކު ވެސް މި ޕްރޮގުރާމު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މި ޕްރޮގުރާމާ ގުޅޭ ގޮތުން އެލައިޑުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވޭޒް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން "ރައްކާ"އަށް އެހީތެރިކަން ފޯރުކޮށްދެނީ އެ ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެހީތެރިވުމަށް ކަމަށެވެ. މިއީ މުހިންމު އަދި ބޭނުންތެރި ޕްރޮގުރާމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ މި ޕްރޮގުރާމު 2014 ވަނަ އަހަރު ފެށީއްސުރެ އެލައިޑުން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ. އަދި "ރައްކާ" ޕްރޮގުރާމަށް މި އަހަރު 10 އަހަރު ފުރި، އެ ޕްރޮގުރާމުގެ 100 ވަނަ ހަރަކާތް މި އަހަރަށް ތާވަލްކޮށްފައި ވުމުން މި އަހަރަކީ މި ޕްރޮގުރާމުގެ ހާއްސަ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި މި އަހަރުގެ އެކި މަސްމަހަށް ބަހާލައިގެން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ޕްރޮގުރާމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

"ރައްކާ" އަކީ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް އާއްމުންގެ މެދުގައި އަހުލުވެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެލައިޑާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ސްކޫލު އަދި ކޮލެޖު ދަރިވަރުންނާއި ބެލެނިވެރިން އަދި އޮފީސްތަކަށް ވެސް ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގަ އެވެ.