Roadha Mihaaru
މަބްރޫކާއި ނަޒްލާ: އުއްމީދާ އެކު ކޮންމެ ދުވަހަކު

މަބްރޫކާއި ޑރ. ނަޒްލާ: އުއްމީދާއި އިންޒާރާ އެކު ކޮންމެ ދުވަހަކު

01 ޖެނުއަރީ 2021

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން، މިއީ ގިނަ ދިވެހިން ދަންނަ ބައެއް ނޫނެވެ. ޕްރޮފެޝަނަލް ހިދުމަތުގެ ތެރެއިން ނަން އިވިފައި އޮތް ނަމަވެސް، އާއްމު ދިރިއުޅުމުގައި، ގިނަ ބަޔަކަށް ހަމަ ނުފަރިތަ މޫނުތަކެކެވެ. އެކަމަކު ކޮވިޑްގެ ހިތްދަތި އަހަރު ގިނަ ބަޔަކަށް މި މޫނުތައް ފެނުނީ އުއްމީދެއްގެ ގޮތުގަ އެވެ. ބަލީގެ ހާލަތާއި ނުރައްކާތެރިކަން، ކޮންމެ ދުވަހަކުހެން ކިޔައިދެމުން، ގެންދެވި އިރު ބިރުވެރިކަން އިހުސާސްވި ނަމަވެސް، ހަމަ މި ބޭފުޅުން ވަނީ، ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އުއްމީދު ގެނެސްދެއްވައިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން، މިއީ ގިނަ ދިވެހިން ދަންނަ ބައެއް ނޫނެވެ. ޕްރޮފެޝަނަލް ހިދުމަތުގެ ތެރެއިން ނަން އިވިފައި އޮތް ނަމަވެސް، އާއްމު ދިރިއުޅުމުގައި، ގިނަ ބަޔަކަށް ހަމަ ނުފަރިތަ މޫނުތަކެކެވެ. އެކަމަކު ކޮވިޑްގެ ހިތްދަތި އަހަރު ގިނަ ބަޔަކަށް މި މޫނުތައް ފެނުނީ އުއްމީދެއްގެ ގޮތުގަ އެވެ. ބަލީގެ ހާލަތާއި ނުރައްކާތެރިކަން، ކޮންމެ ދުވަހަކުހެން ކިޔައިދެމުން، ގެންދެވި އިރު ބިރުވެރިކަން އިހުސާސްވި ނަމަވެސް، ހަމަ މި ބޭފުޅުން ވަނީ، ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އުއްމީދު ގެނެސްދެއްވައިފަ އެވެ.

ރާއްޖޭގައި ވެސް އަހަރުގެ ހީރޯއިންގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތީ ވެސް، މުޅި ދުނިޔެ ބިރު ގަންނަވާލި ކޮވިޑްގެ ވަބާއާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކަން އިތުރުކޮށް، އެއާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދޭށާއި ފަރުވާގައި ކުރިއަށް ނުކުން ސިއްހީ ހިދުމަތްތެރިންނެވެ. އޭގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަކީ އެންމެ އާންމު ދެ މޫނެވެ.

މީޑިއާ ބްރީފިންގައި މަބްރޫކާއި ނަޒްލާގެ އިތުރުން ކަމާ ގުޅޭ އިދާރާތަކުގެ އެހެން ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

މީޑިއާ ބްރީފިންގައި މަބްރޫކާއި ނަޒްލާގެ އިތުރުން ކަމާ ގުޅޭ އިދާރާތަކުގެ އެހެން ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

މައުލޫމާތު ފޯރުކޮށްދިނުމުގައި ޑރ. ނަޒްލާ ވަރުބަލިކަމެއް ނެތި

މިދިޔަ މާޗު މަހު ރާއްޖޭން ކޮވިޑް ފެނި، އެ ބަލި އެންމެ ނުރައްކާތެރި ލެވެލްއަށް ދިޔުމުގެ މާ ކުރިއްސުރެ ޑރ. ނަޒްލާ ގެންދެވީ، އާދޭސް ކުރައްވަމުންނެވެ؛ މާސްކް އެޅުމަށެވެ. އަތްދޮވުމަށެވެ. ނިއު ނޯމަލްއަށް ތައްޔާރުވުމަށެވެ. ކުރިން މާ ފަރިތަ މޫނަކަށް ނުވި ނަމަވެސް، ކޮންމެ ދުވަހަކު ޓީވީއަށް އަރުއްވައި، ކުރައްވަމުން މި ގެންދެވި އާދޭހާ އެކު ގިނަ ބައެއްގެ ސަމާލުކަން އޭނާ ހޯއްދެވި އެވެ.

ބައްޔާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އާއްމުން ހޭލުންތެރިކުރުވުމުގައި ޑރ. ނަޒްލާ ވަރުބަލިވެވަޑައެއް ނުގަންނަވަ އެވެ. ކޮންމެ ދުވަހަކު ދެ އިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މަބްރޫކާ އެކު އެންމެ ގިނައިން ފެންނަ އެއް މޫނަކީ ވެސް އެއީ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް، ވަރަށް ސާފުކޮށް، ޖެހިލުމެއް ނެތި ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. ކުރާ ސުވާލާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ފާޅުގައި އެކަމަށް ފާޑުވިދާޅުވެ އެވެ.

ރާއްޖޭން ކޮވިޑް ފެނުމުގެ މާ ކުރިން ވެސް، ބައްޔާ ގުޅޭ އެކި ތައްޔާރީތަކުގައި ނަޒްލާ ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. ހަލުއިކަމާ އެކު ފެތުރެމުން ދިޔަ އެ ބަލީގެ ނުރައްކާ ރާއްޖެއަށް ވެސް އޮތުމުން، ދާއިރާގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން، އަމިއްލައަށް ވެސް ގިނަ ޒިންމާތަކެއް ނެންގެވި އެވެ.

ޑރ. ނަޒްލާ: ވަރުބަލިވުމެއް ނެތި އަދިވެސް ހިދުމަތުގައި

ޑރ. ނަޒްލާ: ވަރުބަލިވުމެއް ނެތި އަދިވެސް ހިދުމަތުގައި

ޑރ. ނަޒްލާ ހާއްސަ ވެޑައިގެންނެވީ، ކޮވިޑް އޮޕަރޭޝަންގައި ކޮންޓެކްޓް ޓްރޭސިން އަށެވެ. އޭގެ އިތުރުން ކޮވިޑާ ގުޅޭ މައުލޫމާތު އެއްކުރެއްވުމާއި ހާލަތަށް އަންނަ ބަދަލު ދިރާސާ ކުރެއްވުމުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވި ދުވަސްވަރު، އޭނާއަށް ވެސް އެ ކަމާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެވެ. އެކަމަކު އެކަން އެއީ، ޒިންމާ ނެންގެވުމުގައި ހުރަހަކަށް ވިޔަކަ ނުދެއްވަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން، އަމިއްލައަށް ގޭގައި ކަރަންޓީނުވެ ހުންނަވައިގެން ވެސް، އާއްމުން ބޭނުންވާ މައުލޫމާތު ބަރާބަރަށް ދެއްވި އެވެ.

އޭނާ އަކީ މިހާރު، ކޮވިޑާ ގުޅިގެން ފުރަތަމަ އުފެއްދި އެންއީއޯސީ އުވައިލުމާ އެކު، ދެން އުފެއްދި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެވެ. އަދިވެސް ޑރ. ނަޒްލާ ހުންނެވީ، ވަރުބަލިވުމެއް ނެތި އާއްމުންގެ ހިދުމަތުގަ އެވެ.

އެންމެންގެ ލޯބި ހޯދި، އެންމެ ގާތުގައި ހުރި މަބްރޫކް

ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ މައުލޫމާތު އެންމެ ފުރަތަމަ ގެނެސްދިނީ ހެލްތު މިނިސްޓްރީގެ ވެރިންނެވެ. އެކަމަކު ހަމަ ދުވަސްކޮޅެއްގެ ތެރޭގައި މައުލޫމާތު ދިނުމަށް، ޓީވީއަށް އަރާ ހުންނެވި ބޭފުޅުންގެ ތެރެއިން އިސްކޮށް، ސިއްހީ ދާއިރާއާ ނުވެސް ގުޅޭ މޫނެއް ފެނުމުން، ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ވެރިން ފެޔަށް ޖެހިވަޑައިގެން ކަމަށް ހީކޮށް، އަދި އެންމެ ފުރިހަމައަށް މައުލޫމާތު ނުލިބޭނެ ކަމަށް ހީކޮށް ބައެއް މީހުން މާޔޫސް ވެސް ވި އެވެ.

އެކަމަކު، ހަމަ އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް އެއީ ކުށްހީއެއްކަން މަބްރޫކް ސާބިތުކޮށްދެއްވި އެވެ. ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އާއްމުންގެ ހުރިހާ އޮޅުންތަކެއް ފިލުވައިދެއްވަމުން އިސާހިތަކު ގިނަ ބައެއްގެ "ހީރޯއަކަށް" އޭނާ ވެވަޑައިގެންނެވި އެވެ.

މަބްރޫކް ދަރުބާރުގޭގައި: އޭނާ ކުރެއްވީ ބުރަ މަސައްކަތެއް

މަބްރޫކް ދަރުބާރުގޭގައި: އޭނާ ކުރެއްވީ ބުރަ މަސައްކަތެއް

ޕްރެސްކޮންފަރެންސްތަކުގައި، "ކަންކަން ފޮރުވަން ބުނާ ދުވަހަކު އަޅުގަނޑު މި ގޮނޑިއަކު ނީންނާނަން" ކަމަށް ވިދާޅުވި ބަހުގައި، އެންއީއޯސީގެ ތަރުޖަމާނުކަމުގެ އެންމެ ފަހު ދުވަހާ ހަމައަށް ސާބިތުވެ ހުންނެވި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނަވަނިކޮށް، ބަލިމަޑުކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކުރުމުން، ސިއްހީ ދާއިރާގެ ތަޖުރިބާ ނެތި އެކަން ކުރެވޭނެތޯ މަބްރޫކް ވެސް ސުވާލު އުފެއްދެވި އެވެ. އެކަމަކު ބައްޔާ ގުޅޭ ގޮތުން އޭނާ އާއްމުން ހޭލުންތެރި ކުރެއްވީ، ތަޖުރިބާކާރުންގެ ބަހާ އެކު އެވެ. އަދި ވަށައިގެންވާ ހުރިހާ ދާއިރާއަކަށް ނަޒަރު ހިންގަވައި، ކަމާ ގުޅޭ ހުރިހާ އިދާރާތަކަކުން މައުލޫމާތު ހޯއްދަވައިގެން އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. އޭރު ދުވާލަކު ދެ ފަހަރު ބާއްވަމުން އައި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުލުފުލުން އަމާޒުވި ސުވާލުތަކަށް، ޖެހިލުންވެވަޑައިނުގެން، ކެއްތެރިކަމާއި ސާބިތުކަމާ އެކު ޖަވާބު ދެއްވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެއީ އުނދަގޫ، ބުރަ މަސައްކަތެކެވެ. ކަންކަން ހިނގާ ގޮތް ބެލުމަށް، އަދި އެންމެ ރަނގަޅު މައުލޫމާތު ހޯއްދެވުމަށް އިދާރާތަކަށް ވަޑައިގެންނެވި އެވެ. ކަރަންޓީނު ފެސިލިޓީތަކާއި ފަރުވާ ދޭ ތަންތަނަށް ވަޑައިގެންނެވި އެވެ. ވެންޓިލޭޓަރު މަސައްކަތް ކުރާ ގޮތް ބެއްލެވި އެވެ. ކަންކަމާ ގުޅޭ ގޮތުން އޭނާ ދެއްވި މައުލޫމާތު، މީހުން ގަބޫލުކުރި އެއް ސަބަބަކީ އެއީ އެވެ.

ބަލިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ބޯލެނބުމުގައި ވެސް މަބްރޫކް މިސާލު ދެއްކެވީ، އޭނާ ހިންގަވާ މާލޭގެ މަޝްހޫރު ކެފޭ، މެރާކީ ކޮފީ ރޯސްޓާ އެންމެ ފުރަތަމަ ބަންދުކުރައްވައިގެންނެވެ. އޭނާގެ އަމާޒަކަށް ވެވަޑައިގެންނެވީ ރައްކާތެރިވުމަށް އެދި، ޕްރެސް ކޮންފަރެންސްތަކުގައި އޭނާ ކުރައްވާ އާދޭސް އަމަލުން ވެސް ދެއްކެވުމެވެ.

އާއްމުންގެ ލޯތްބާއި އިތުބާރު މަބްރޫކް ހޯއްދެވީ ވަރަށް އަވަހަށެވެ. ގިނަ ބަޔަކު އޭނާ ދުށީ ބަލިމަޑުކަމުގެ ތެރެއިން ފެނުނު އުއްމީދެއްގެ ގޮތުގަ އެވެ. އެހެންވެ، ތިން މަސް ފަހުން، އެންއީއޯސީ އުވާލައި، މައުލޫމާތު ދިނުމުގައި މަބްރޫކްގެ ދައުރު ނިމުމާ އެކު ގިނަ ބަޔަކަށް ފަޅުކަން ގެނުވި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވި ޕްރެސް ކޮންފަރެންސެއްގައި މަބްރޫކް ވާަހަކަ ދައްކަވަނީ

އޮންލައިންކޮށް ކުރިއަށް ގެންދެވި ޕްރެސް ކޮންފަރެންސެއްގައި މަބްރޫކް ވާަހަކަ ދައްކަވަނީ

މި ދެ ބޭފުޅުންގެ އިތުރުން އެޗުޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލްއަކީ ވެސް، ވަރަށް މުހިންމު ބައިވެރިއެކެވެ. ތަޖުރިބާކާރެއްގެ ގޮތުން އޭނާ ވެސް ވަނީ ވަރަށް މުހިންމު ގިނަ މައުލޫމާތުތަކެއް، ހަމަ ކޮންމެ ދުވަހަކުހެން ހިއްސާކުރައްވައިފަ އެވެ.

ޑރ. އަފްޒަލްގެ ވާހަކަތައް އަބަދުވެސް ބިނާކުރެއްވީ، ބަލިމަޑުކަން ފެތުރޭ ގޮތާއި އޭގެ ޓެކްނިކަލް މައުލޫމާތު، ސާފުކޮށް ކިޔައިދެއްވުމުގަ އެވެ.

މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

މި އަހަރު ނިމިގެން މި ދިޔައީ، އެތައް ބަޔަކު މާޔޫސް ކުރުވާފަ އެވެ. ބަލިމަޑުކަމާ ގުޅިގެން ބައެއްގެ ފުރާނަ ގެއްލުނު އިރު، ކޮންމެވެސް ގޮތަކުން މި ވަބާގެ އަސަރު ނުކުރާ ދިވެއްސަކު ނެތެވެ. އެކަމަކު އަމިއްލަ ފުރާނައަށް ބެލުމަށް ނެތި ގިނަ ބަޔަކު ކުރީ ސަފަށް ނިކުމެ، ހިދުމަތް ކުރި އެވެ. އަދިވެސް ސިއްހީ އެހީތެރިންނާއި އެޗުޕީއޭ އާއި ހެލްތު މިނިސްޓްރީންގެ މުވައްޒަފުން ތިބީ އެގޮތުގަ އެވެ. މައުލޫމާތުތަކުން ކަންބޮޑުވުންތަކެއް އުފެދުނަސް އެމީހުންގެ ފަރާތުން އުއްމީދުތަކެއް ވެސް ލިބެ އެވެ.