Roadha Mihaaru
ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބިޑަށް ހުޅުވާލަނީ

ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލުމުގެ މަސައްކަތް އެބަކުރަން: ފިނޭންސް މިނިސްޓްރީ

31 ޑިސެމްބަރ 2020

ބިޑްކުރި ގޮތުން ހުއްޓިފައި އޮތް 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބިޑްކުރި ގޮތުން ހުއްޓިފައި އޮތް 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު އަލުން ބީލަމަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ އެ މަޝްރޫއު ކުރިއަށް ގެންދާނީ ކުރިން ޔަގީންކަންދީފައިވާ ގޮތަށް ވާދަވެރި ބީލަމުގެ ތެރެއިން ކަމަށެވެ. އެކަމަކު އަލުން ހުޅުވާނެ ތާރީޚެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް ޒަމާނީކޮށް ލުއި ފަސޭހަކުރަން އެއް ވިއުގައަކުން ގުޅާލަން ހިންގާ މި މަޝްރޫއު ކުރިން ބީލަމަށް ލައިގެން ހަވާލުކުރީ ޔޫއޭއީގެ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. އެކަމަކު ވެބްފޮންޓެއިންގެ އެއްބަސްވުން އުވައިލައި އަލުން ބީލަމަށް ހުޅުވާލަން އޭޑީބީން އޮތީ ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.

ފިނޭންސް މިނިސްޓްރީގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން ހަތަރު މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ހުރުމަކީ ވެސް ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއް ނުވެ އެވެ. ޔޫއޭއީ ކުންފުނީގެ ލިއުންތައް ހުށަހެޅީ މި ޝަރުތު ބީލަމަށް ހުށަހެޅި ފިލިޕީންސް ކުންފުނީގެ ހަމަނުވާތީ އެވެ.

ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، ބުނަމުން އައީ ވެބްފޮންޓެއިންއާ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.

މި މައްސަލަ "މިހާރު"ން ރިޕޯޓު ކުރުމުން މަޝްރޫއު ހަވާލުކުރި ގޮތުގެ ރިވިއުއެއް ފިނޭންސް މިނިސްޓްރީން ހެދި އެވެ. އެ މިނިސްޓްރީން އިސްވެ މި ރިވިއު ހެދީ ގޯހެއް ހަދާފައިވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ކަމަށާއި މިނިސްޓްރީން ބެލިއިރު ވެބްފޮންޓެއިން ޝަރުތު ހަމަވިޔަސް މައްސައަކަށް ދިމާވީ ފިލިޕީންސްގެ ކުންފުނީގެ ނަމުގައި ކުރިމަތިލައި މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޔޫއޭއީގެ ކުންފުނީގެ ލިއުންތައް ހުށަހެޅުން ކަމަށް ބުންޏެވެ.

ފިނޭންސުން ބުނީ ގޯސްކޮށް ލިއުން ހުށަހެޅިކަން އިވެލުއޭޝަން ޓީމަށް ފާހަގަނުވީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއާ ގުޅޭ ގޮތުން އޭޑީބީން ހަމައެކަނި އަންގާފައި އޮތީ އަލުން ބީލަމަށް ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމުން ނޫނީ މަޝްރޫއަށް ފަންޑް ނުކުރެވޭނެ ކަމެވެ. އެއީ ދިމާވި މައްސަލައާ ހުރެ، އޭޑީބީން ފަންޑުކުރުމުގެ ގަވާއިދުގެ ތެރެއަށް ނުފެތޭތީ އެވެ.

ވެބްފޮންޓެއިނާ އެކު ކުރިއަށް ދާ ނަމަ މަޝްރޫއަށް ޚަރަދުކުރަން ޖެހޭނީ ދިވެހި ސަރުކާރުންނެވެ.

އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. ސަރުކާރުން އަމާޒުހިފީ އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް މި ފެށޭ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފެށުމަށެވެ. އެކަމަކު މި ޚިދުމަތް ލަސްވީ ވެބްފޮއިންޓެއިނާ ހަވާލުކުރުމުގައި ދިމާވި މައްސަލައާ ހެދި އެވެ.