Roadha Mihaaru
ސޯނޫ އާއި ޝާން މުޅިން ބަދަލުވެފައި

ސޯނޫ އާއި ޝާން މުޅިން ބަދަލުވެފައި

06 އޯގަސްޓް 2021

ބޮލީވުޑްގެ ކޮންމެ ފަންނާނަކު ވެސް މިހާރު ކަސްރަތަށް ވަރަށް ބޮޑު އިސްކަމެއްދެ އެވެ. ބައެއް ފަންނާނުންނަކީ ފިޓްނެސް ފްރީކުންނެވެ. ގަވައިދުން ކަސްރަތުކުރުމާއި ދުޅަހެޔޮ ޑައިޓްތައް ފޮލޯކުރުމަކީ އެ މީހުންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކޮންމެ ފަންނާނަކު ވެސް މިހާރު ކަސްރަތަށް ވަރަށް ބޮޑު އިސްކަމެއްދެ އެވެ. ބައެއް ފަންނާނުންނަކީ ފިޓްނެސް ފްރީކުންނެވެ. ގަވައިދުން ކަސްރަތުކުރުމާއި ދުޅަހެޔޮ ޑައިޓްތައް ފޮލޯކުރުމަކީ އެ މީހުންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސޯނޫ ނިގާމް، 48، އާއި ޝާން، 48، ހަށިގަނޑު ވެސް މި ހުރީ ބަދަލުކޮށްލައިފަ އެވެ.

އިންސްޓަގްރާމްގައި ޝާން ޕޯސްޓްކުރި ފޮޓޯއެއްގައި ފެންނަނީ ޖިމެއްގައި ސޯނޫއާ އެކު ހުއްޓަ އެވެ. ފޮޓޯ އިން ފެންނަނީ ދެ މީހުންގެ ހަށިގަނޑު ވެސް ވަރަށް ވަރުގަދަކޮށެވެ. ވަކިން ބޮޑަށް ސޯނޫ ހަށިގަނޑުން ބޮޑު ބަދަލުތަކެއް ފާހަގަކުރެވެ އެވެ.

ދެ ފަންނާނުން ބުނެފައިވާ ގޮތުގައި މިއީ މިދިޔަ އަހަރު ކުރިމަތިވިލާން ޖެހުނު ލޮކްޑައުންއާ އެކު، ލިބުނު ހުސް ވަގުތުގެ ތެރެއިން ލިބުނު ހިތްވަރެއްގެ ތެރެއިން ފެށި މަސައްކަތުގެ ނަތީޖާ އެވެ. އެހެންވެ ދެ ދެ މީހުން ވެސް މިހާރުކަސްރަތަށް ވަރަށް ވަގުތު ދެ އެވެ. ކޮންމެ ހަފުތާއަކު ވެސް ޖިމް ސެޝަންތައް ނަގަ އެވެ.

ނަތީޖާ ރަނގަޅުކަމުން ދެ ފަންނާނުން ވެސް ތިބީ މިކަމުގައި ދެން ދެމިތިބޭށެވެ.

މިހާތަނަށް އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިޔައި ދީފައިވާ ސޯނޫ އާއި ޝާން އަކީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރެއިން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައި ފުރަތަމަ ދެ ފަންނާނުންނެއް ނޫނެވެ.

ލަވަކިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ އަކީ ވެސް 2007 ގައި ފިލްމު ކުޅެން ފެށި ފަހުން ފިޓްނެސް އަށް ވަރަށް ބޮޑަށް އިސްކަންދޭ މީހެކެވެ.

ސޯނޫ އާއި ޝާން އަކީ ވެސް ކުރިން ފިލްމުތަކެއްގައި އެކްޓަރުންގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ބަޔަކަށްވާތީ ދެ މީހުން ހަށިގަނޑަށް ގެނައި ބަދަލުން އަނެއްކާ ވެސް އެ މީހުންނަށް ފިލްމު ކުޅެން ހުށަހެޅުންތައް ލިބުމަކީ ވެސް ވުން ގާތް ކަމެކެވެ.