Roadha Mihaaru
އަތުލައިގަތް މިޔަރު އުރަހައިގެ އަގު 2.6 މިލިއަން

ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކުގެ އަގު 2.6 މިލިއަން ރުފިޔާ އަށް އަރާ

04 ޖެނުއަރީ 2021

ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން އިއްޔެ ބޭރު ކުރަން އުޅުނު މިޔަރު އުރަހަތަކުގެ އަގު 2.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ދުނިޔޭގެ ބާޒާރުގެ އަގުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން އިއްޔެ ބޭރު ކުރަން އުޅުނު މިޔަރު އުރަހަތަކުގެ އަގު 2.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ދުނިޔޭގެ ބާޒާރުގެ އަގުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިޔަރު އުރަހަ ވިއްކުމާއި އިމްޕޯޓް/އެކްސްޕޯޓް މަނާ ކުރި ނަމަވެސް ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކެއުމަށް މި ތަކެތި ގަނެ ހަދަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މިޔަރުގެ އުރަހައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) ގަ އެވެ. މި ރޭޓުން ބަލާނަމަ އިއްޔެ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބައެއް ގައުމުުތަކުގައި މިޔަރު ކިލޯއެއް 400 ޑޮލަރަށް ވިއްކުނު ނަމަވެސް ބައެއް ގައުމުތަކުން ކިލޯއެއް 600 ޑޮލަރަށް ވެސް ގަނެ އެވެ.

އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މިޔަރު އުރަހަތަކުގެ މައްސަލަ ކަސްޓަމްސް އިން މިހާރު އަންނަނީ ބަލަމުންނެވެ. އެހެންކަމުން އެ ތަކެތި ބޭރު ކުރަން އުޅުނު ބައެއްގެ ނަން ހާމަ ކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން އަތުލައިގަތް މިޔަރު އުރަހަތައް އެންޒީ ބްރޭންޑުގެ ފޮށިތަކެއްގައި ބަންދު ކޮށްފައި ހުރުމުން ގިނަ ބަޔަކު ވަނީ އެންސިސް އަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް އެއީ އެންސިސް އިން ބޭރު ކުރަން އުޅުނު ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެންޒީގެ ފޮށިތައް ބޭނުންކޮށްގެން މަނާ ތަކެތި ބޭރު ކުރަން އުޅުނު ބަޔަކު ކަސްޓަމްސް އިން ހާމަ ކުރުމުން، އެ ބައެއްގެ މައްސަލަ ޖައްސާނެ ކަމަށް އެންސިސް ފިޝަރީޒް އިން ބުންޏެވެ. މައްސަލަ ޖައްސަނީ އެ ކުންފުނީގެ ރީތި ނަމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.