Roadha Mihaaru
243 ކިލޯ މިޔަރުއުރަހައިިގެ މައްސަލަ އަދިވެސް ނުނިމޭ

މަސްދުވަސް ވީއިރު ވެސް 243 ކިލޯގެ މިޔަރުއުރަހަ މައްސަލައިގެ ތަހުގީގެއް ނުނިމޭ

28 ސެޕްޓެމްބަރ 2021

ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް 243 ކިލޯގެ މިޔަރު އުރަހަތަކުގެ މައްސަލައިގެ ތަހުގީގު މަސް ދުވަސް ވީއިރު ވެސް ނުނިމޭ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް 243 ކިލޯގެ މިޔަރު އުރަހަތަކުގެ މައްސަލައިގެ ތަހުގީގު މަސް ދުވަސް ވީއިރު ވެސް ނުނިމޭ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 14 ފޮށިގަނޑެއްގައި ހުރި 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގަތެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި އެ ބޭރުކުރަން މަސައްކަތް ކުރީ ލޮނު މަސް ޝިޕްމެންޓެއް ކަމަށް ދައްކައިގެން ކަމަށެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

"ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދަނީ. ވަރަށް އަވަހަށް ނިމޭނެ،" އޮފިޝަލު ވިދާޅުވި އެވެ.

ތަހުގީގަށް އޭހާ ގިނަ ދުވަސް ހޭދަވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ތަހުގީގަށް ގިނަ ދުވަސް ނުވާ ކަމަށާއި އެކަމަށް ވަކި މުއްދަތެއް ނޯންނަ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރާ ފަރާތެއް ވެސް އަދި ނޭނގެ އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތެއް ކަސްޓަމްސްއިން ނުދެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނީ މައްސަލާގައި ޝާމިލްވާ ކުންފުނީގެ ނަން ހާމަ ނުކުރަނީ، މިކަހަލަ މައްސަލަތަކުގައި އޮޅުވައިލުންތައް ހުންނާތީ ކަމަށެވެ.

މީގެ ކުރިން މިފަދަ މައްސަލައެއްގައި ތަހުގީގު ނިންމައި ދައުވާ ވެސް ކޮށްފައިވެ އެވެ. އެއީ 429 ކިލޯގެ މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މައްސަލައިގައި ދައުވާކުރީ އައްބާސް އަބްދުﷲ އާއި އަހުމަދު މުހައްމަދު ކިޔާ ދެ މީހަކަށެވެ. އެ މީހުންނަށް ކުރި ދައުވާތަކަކީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރުމުގެ ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމަން ކަސްޓަމްސްއަށް ގާތްގަނޑަކަށް ހަ މަސް ހޭދަވި އެވެ. ކަސްޓަމްސް އިން އޭރު ބުނީ އެ މައްސަލަ ލަސްވީ، ކޮވިޑާ ހެދި ތަހުގީގަށް ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމާއި އެކްސްޕޯޓު ކުރުމަކީ ވެސް މަނާ ކަމެކެވެ.

އެ ނިންމުން ނިންމި އިރު ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ދިރިހުރި މިޔަރެއްގެ ފައިދާ ދިވެހި އިގްތިސާދަށް މާ ބޮޑަށް ކުރެ އެވެ. ނަމަވެސް، އަދިވެސް ބައެއް ރަށްރަށުގައި ވަރަށް ފާޅުކަން ބޮޑުކޮށް މިޔަރުގެ މަސްވެރިކަން ކުރެ އެެވެ.