Roadha Mihaaru
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް

ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް

05 ޖެނުއަރީ 2021

މި އަހަރު ފާހަގަކުރާ އިނގިރޭސި ރާނީ އެލިޒަބަތުގެ 95 ވަނަ އުފަން ދުވަހާ ދިމާކޮށް ވަރަށް ހާއްސަ ކޮއިނެއް އިނގިރޭސި ރޯޔަލް މިންޓުން ފަރުމާކޮށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ފާހަގަކުރާ އިނގިރޭސި ރާނީ އެލިޒަބަތުގެ 95 ވަނަ އުފަން ދުވަހާ ދިމާކޮށް ވަރަށް ހާއްސަ ކޮއިނެއް އިނގިރޭސި ރޯޔަލް މިންޓުން ފަރުމާކޮށް ދައްކާލައިފި އެވެ.

އެތަނަކީ މީގެ ކުރިން ވެސް ތާރީހީ އެތައް ހާދިސާތަކާއި އީޖާދުތަކާއި ޝަހުސިއްޔަތުންގެ ހަނދާންތަކާ ގުޅުވައިގެން ކޮއިން ނެރެފައިވާ ތަނެކެވެ.

އެޕްރީލް މަހުގެ 21 ވަނަ ދުވަހު ރާނީގެ 95 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު އެކަމާ ގުޅުވައިގެން ރާނީ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އާއި އެކަމަނާ ލޯބިފުޅު ކުރައްވާ ބައެއް ކަންކަން ވެސް ތައްސައްވުރެ ކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ކޮއިނާ އެކީ މި އަހަރު ނެރެން ނިންމާފައިވާ ހާއްސަ ކޮއިން ކަލެކްޝަނުގައި ފަސް ކޮއިން ހިމެނެ އެވެ.

އޭގެ ތެރޭގައި އިންސާނުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައި ކުލަ ޓީވީ އީދާޖުކުރި، ސްކޮޓްލެންޑަށް ނިސްބަތްވާ ޖޯން ލޮޖީ ބެއާޑަށް ހާއްސަ ކޮއިނަކާއި ސްކޮޓްލެންޑްގެ ތާރީހީ ލިޔުންތެރިޔާ ސާ ވޯލްޓާ ސްކޮޓަށް ހާއްސަ ކޮއިނަކާއި ޑެސިމަލް ޑޭ އަށް ހާއްސަ ކޮއިނެއްގެ އިތުރުން ސައިންސް ފިކްޝަން ދުނިޔެ އަށް ކިޔުންތެރިން ގެންގޮސްދިން ކުޅަދާނަ ލިޔުންތެރިޔާ އެޗްޖީ ވެލްސް އަށް ހާއްސަ ކޮއިނެއް ހިމެނެ އެވެ.

އިނގިރޭސި ތަހުތުގައި ފަހުން އެންމެ ގިނަ ދުވަހު ހުންނެވެމުގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވާ ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިން ރޯޔަލް މިންޓުން ސިފަކޮށްފައި ވަނީ "ފްލޯރަލް ޓްރިބިއުޓެއް" ގެ ގޮތުގަ އެވެ. ސަބަބަކީ މާމެލާމެއްޔާއި ބަގީޗާ ހެއްދުމަށް ރާނީ ލޯބިކުރައްވާތީ އެވެ.

އެގޮތުން ކޮއިންގެ ކުރެހުންތަކުގައި މާކޯޅިތަކާ އެކު ތާޖު ވެސް ހިމަނާފައިވެ އެވެ. އަދި ރާނީ ދެއްވި ތަގުރީރެއްގައި 1957 ގައި ބަގީޗާ ހެއްދެވުމަށް އޮންނަ ޝައުގުވެރިކަމުގެ ވާހަކަތަކާ ގުޅުވައިގެން ވިދާޅުވި އިބާރާތްކޮޅެއް ވެސް ކޮއިނުގައި ހިމަނާފައިވެ އެވެ. އެއީ "މައި ހާޓް އެންޑް ޑިވޯޝަން" އެވެ.

ކޮއިން ފަރުމާކުރެއްވި ޓިމޮތީ ނޯޑް ވިދާޅުވި ގޮތުގައި ރާނީ އަށް ހާއްސަ ކޮއިނުން ރަމްޒުކޮށްދޭނެ އަނެއް ކަމަކީ ޔުނައިޑެޓް ކިންގްޑަމްގެ ދަށުގައި އޮތް ހަތަރު ގައުމުގެ ހައިބަތެވެ. އެއީ އިނގިރޭސިވިލާތާއި ސްކޮޓްލެންޑާއި ވޭލްސްގެ އިތުރުން އުތުރު އަޔަލެންޑެވެ.

ރޯޔަލް މިންޓިން ބުނިގޮތުގައި މި އަހަރު ނެރެން ނިންމި އެންމެ ހާއްސަ ފަސް ކޮއިން ގަންނަން ބޭނުންވާ މީހުންނަށް އެތަނުގެ ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަގު ފެށެނީ 30 ޕައުންޑް (40.95 ޑޮލަރު) އިންނެވެ. ރޯޔަލް ބުނީ މިއީ ހަދިޔާއަކަށް މީހަކަށް ދޭން ނުވަތަ ހަނދާނާއި ތާރީހަށްޓަކައި ރައްކާކުރަން ވެސް ވަރަށް ހާއްސަ ކޮއިންތަކެއް ކަމަށެވެ.