Roadha Mihaaru
ރޭޕްގެ މައްސަލައެއް ރިޕޯޓްކޮށްފައެއް ނެތް: ޕޮލިސް

އިންޑިއާ މީހަކު އަންހެނަކު ރޭޕްކުރިކަން ރިޕޯޓްކޮށްފައެއް ނެތް: ފުލުހުން

04 ޖެނުއަރީ 2021

ރާއްޖޭގެ ރިސޯޓެއްގައި އިންޑިއާ ފިރިހެނަކު ދިވެހި ޒުވާން އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ރިސޯޓެއްގައި އިންޑިއާ ފިރިހެނަކު ދިވެހި ޒުވާން އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރިސޯޓެއްގައި މަސައްކަތްކުރާ އިންޑިއާ ފިރިހެނަކު، އެތަނުގައި މަސައްކަތްކުރާ 19 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި މި މައްސަލާގައި ހިމެނޭ އިންޑިއާ މީހާ ރާއްޖޭން ފުރުވާލާފައިވާ ކަމަށް ވެސް އޮންލައިން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ވެސް ވަނީ ދަނީ ބުނަމުންނެވެ.

"ބައެއް މީޑިއާތަކުން އެފަދަ ކަމެއް ރިޕޯޓްކޮށްފައިވާތީ އެ މައުލޫމާތު ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުން،" މީޑިއާގައި ކޮށްފައިވާ ރިޕޯޓާ ބެހޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުންޏެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ އޮންނަ ގާތް ގުޅުމާ ގުޅުވައި ސިޔާސީ ބައެއް ފަރާތްތަކުން ވެސް މިކަމުގައި ދަނީ ވާހަކަ ދައްކަމުންނެވެ. ރޭޕްގެ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް ފާޑުކިޔާ މީހުން ބުނަމުން ދަނީ އިންޑިއާ މީހަކަށް ވީތީ މައްސަލަ އޮއްބާލީ ކަމަށެވެ.

ޖިނާއީ އެކި މައްސަލަތަކުގައި ހިމެނުނު އިންޑިއާގެ ބައެއް މީހުންގެ މައްޗަށް ޝަރީއަތް ނުހިންގި މީގެ ކުރިން ފުރައިގެން ގޮސްފައިވެ އެވެ. އޭގެ ތެރެއިން، 2014 ވަނަ އަހަރު އައިޖީއެމްއެޗްގައި މާބަނޑު މީހެއްގެ ގަޔަށް އެޗްއައިވީ ހުރި ލޭ އެޅުނު މައްސަލާގައި އިހުމާލުވި ލެބް ޓެކްނީޝަންގެ މައްސަލަ ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށުގެ ދައުވާ ކޯޓުން ބޭރުކޮށްލީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލުމުންނެވެ. އަދި އޭގެ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު އިންޑިއާ މީހަކު އެ މީހުންގެ ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުވާކޮށް، ކޯޓުގައި މައްސަލަ އޮއްވައި ވެސް ފުރުވާލާފައިވެ އެވެ.