Roadha Mihaaru
ޗައިނާގެ މަހުޖަނު ޖެކް މާ "ގެއްލިއްޖެ"

ޗައިނާގެ މަހުޖަނު ޖެކް މާ "ގެއްލިއްޖެ"

05 ޖެނުއަރީ 2021

ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ އަށް ވީނުވީއެއް ނޭނގި "ގެއްލިއްޖެ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ އަށް ވީނުވީއެއް ނޭނގި "ގެއްލިއްޖެ" އެވެ.

އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން އަދި ޗައިނާގައި ދެވަނަ އަށް އެންމެ މުއްސަނދި ވިޔަފާވެރިޔާގެ އެއްވެސް ޚަބަރެއް މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ޖެކް މާ "ގެއްލުނު" ކަމަށް ބުނާ ވާހަކަ ޗައިނާގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފައިވާ އިރު، އޭނާ އެންމެ ފަހުން ޓްވީޓެއް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ގަ އެވެ.

ޖެކް މާ ނުފެންނާތީ އެ ވާހަކަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ އޭނާ ޖަޖެއްގެ ގޮތުގައި ހިއްސާވާން އޮތް "އެފްރިކާސް ބިޒްނަސް ހީރޯސް" ޝޯގެ ފިނާލޭ އަށް ވެސް ވަޑައިނުގަތުމުންނެވެ. އެކަމާ ބެހޭ ގޮތުން އޭރު އުފެދުނު ސުވާލުތަކަށް ޖެކް މާ ޓީމުން ބުނެފައި ވަނީ އޭނާ ޝޯގެ ފިނާލޭ އަށް ވަޑައިނުގަނެވުނީ ވަގުތުގެ ދަތިކަމުން ކަމަށާއި އެކަމާ ބެހޭ ގޮތުން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ޖެކް މާ އެންމެ ފަހުން ކުރެއްވި ޓްވީޓް.

ޖެކް މާ "ގެއްލުނު" ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް އަރާފައި މި ވަނީ އަލީބާބާގް ހިއްސާ އޮންނަ ޖެކް މާގެ އޭންޓް ގްރޫޕް ހިއްސާގެ ބާޒާރުގައި ލިސްޓްކުރަން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ވިޔަފާރީގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފައްދައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވާފައި ވަނިކޮށެވެ.

މި ފަހުން ޖެކް، 56، މާ ވަނީ މާލީ އިދާރާތަކާއި ބޭންކްތައް ހިންގާ ގޮތާ ދޭތެރޭ ވެސް ރުހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ.

ޖެކް މާ ވަނީ މިދިޔަ އަހަރު ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ވަރަށް ގިނަ ގައުމުތަކަށް ބޮޑެތި އެހީތަކެއް ވެސް ދެއްވާފައިވެ އެވެ. ދިވެހި ރާއްޖެ ވެސް ހިމެނޭ ގޮތަށް ޖެކް މާ ދެއްވި އެހީގެ ތެރޭގައި މާސްކާއި ޓެސްޓް ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރާއި ތާމޮމީޓަރު ފަދަ ތަކެތި ހިމެނެ އެވެ.