Roadha Mihaaru
ފައުޒަންގެ ހަނދާނުގައި ސްކޫލުތަކުގައި ސުކޫތެއް

ފައުޒަންގެ ހަނދާނުގައި ސްކޫލުތަކުގައި ހިތާމައިގެ ސުކޫތެއް

11 ޖެނުއަރީ 2021

ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި އަހުމަދު ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލުތަކުގައި ހިތާމައިގެ ސުކޫތެއް މިއަދު ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި އަހުމަދު ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލުތަކުގައި ހިތާމައިގެ ސުކޫތެއް މިއަދު ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއް މިނެޓުގެ ސުކޫތެއް ގެނައީ، ފުވައްމުލަކު ސްކޫލުގެ ދަރިވަރު އެންމެ ފަހު ވަގުތު ވެސް ދެއްކި ހިތްވަރުގެ ހަނދާން އާ ކުރުމަށް ކަމަށެވެ. އުމުރުން 17 އަހަރުގެ އެ ދަރިވަރަކީ ސްކޫލަށް ވެސް މުހިއްމު އަދި އެންމެންނާ ގުޅިގެން އުޅުނު ކުއްޖެއް ކަމަށް ބުންޏެވެ.

ފައުޒާން މިދިޔަ ހޮނިހިރު ދުވަހު ވަކިވެގެން ދިޔައީ ތިމާގެ އަމިއްލަ ފުރާނައަށްވުރެ އެހެން މީހުންނަށް އެހީތެރިވުމާއި ހިތާމަތައް ފިލުވައިދިނުމަށް އަބަދު ވެސް އިސްކަންދިނުން މުހިއްމުކަން އަމަލުން ދައްކަމުންކަން ފާހަގަކުރި އެވެ.

ފައުޒާންގެ މަރާމެދު ހިތާމަފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވަކިވެ އެ ދިޔައީ، ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކައި އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ.

"އޭނާ (މަރުވީ) އެ ގުރުބާނީން ގައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުއާ އަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން،" އިއްޔެ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

މޫދުގައި ފައުޒާން އުޅުނު ގޮތުގެ މައުލޫމާތު ހުރި އޭނާގެ ރައްޓެއްސަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ގަދަ އޮޔާއެކު އަންހެން ކުއްޖަކު ލޮނުގަނޑުން މައްޗަށް އުފުއްލާލައިގެން ނޭވާ ހިފަހައްޓާލައިގެން ފައުޒާން އަޑީގައި އޮތެވެ. ފަރުމައްޗާ ހަމައަށް އަންހެން ކުއްޖާ ގެންދެވޭތޯ އޭނާ ވަރަށް މަސައްކަތްކުރި އެވެ. ނޭވާ ހާސްވަމުން ދިޔަސް، އެއްގަމާ ދިމާއަށް އަންހެން ކުއްޖާ ޖައްސަމުން، އެންމެ ފަހުން އަންހެން ކުއްޖާއަށް ފަރުމަތީގައި ފައި ޖެއްސޭ ވަރަށް ކޮއްޕާލި ކަމަށް، ރަހުމަތްތެރިޔާ ކިޔައިދިނެވެ.

ސްކައުޓާއި އެތްލެޓިކްސްގައި އުޅޭ ދަރިވަރު އެ ވަގުތު ވެސް ދިޔައީ ހާސްނުވުމަށާއި ސަލާމަތްކުރާނެ ކަމަށް ގޮވަމުން ކަމަށް އޭނާގެ ރަހުމަތްތެރިޔާ ބުންޏެވެ.