Roadha Mihaaru
ކަލާޒްގެ "ނާގިން 5" އަންނަ މަހު ނިންމާލަނީ

ކަލާޒްގެ ސިލްސިލާ "ނާގިން 5" އަންނަ މަހު ނިންމާލަނީ

14 ޖެނުއަރީ 2021

އެކްތާ ކަޕޫރް ގެނެސްދޭ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ނިންމާލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްތާ ކަޕޫރް ގެނެސްދޭ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ފަސް ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ނިންމާލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަލާޒް އިން ގެނެސްދޭ އެ ސިލްސިލާ އަކީ މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކުރި ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައް އަލުން ފެށި އިރު ކަލާޒް އިން އެންމެ ފުރަތަމަ ގެނެސްދޭން ފެށި ސިލްސިލާ އެވެ.

"ނާގިން 5" އޮގަސްޓް މަހުގެ 9 ގައި ދައްކަން ފެށީ "ނާގިން 4" ގެނެސްދޭން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް ލޮކްޑައުން އައުމުން، އޭގެ ފަހުން "ނާގިން 4" ގެ ދެތިން އެޕިސޯޑެއް ގެނެސްދީ ނިންމައިލުމަށް ފަހު އެވެ. އަދި ފަސް ވަނަ ސީޒަން ގެނެސްދޭން ފެށީ އާ ކާސްޓަކާ ވެސް އެކީގަ އެވެ.

"ނާގިން 5" ގައި ލީޑް ތަރިންނަކީ ޝަރަދު މަލްއުތުރާ އާއި ސުރްބީ ޗަންދުނާ އިތުރުން މޯހިތު ސޭގަލް އެވެ. އަދި މީގެ ރޯލުތަކުން ކުރިން ހީނާ ޚާނާއި ދީރަޖް ދޫޕަރް ވެސް ފެނިފައިވެ އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ ތެރޭގައި "ނާގިން 5" ނިންމައިލާތީ އެންމެ ފަހުގެ އެޕިސޯޑްތައް މި މަސް ނިމުމުގެ ކުރިން ޝޫޓްކޮށް ނިންމާނެ ކަމަށެވެ. އަދި މި ސިލްސިލާ ނިންމައިލުމަށް ފަހު އެކްތާ ކަޕޫރް ކަލާޒް އަށް ދެން ގެންނާނީ ވެމްޕަޔާ ސިލްސިލާއެއް ކަމަށްވެ އެވެ.

އޭނާ ކުރިން "ޕިޔާރު ކީ އޭކް ކަހާނީ" ގެ ނަމުގައި އެ ޖޯންރާގެ ސިލްސިލާއެއް ގެނެސްދީފައިވެ އެވެ.

އެކްތާގެ "ނާގިން" ސީރީޒަކީ 2015 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. އަދި މިއީ އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ އެއް ސިލްސިލާ އެވެ.