Roadha Mihaaru
އެކްތާގެ "ނާގިން 6" ޖެނުއަރީ 30 ގައި

އެކްތާގެ "ނާގިން 6" ޖެނުއަރީ 30 ގައި

10 ނޮވެމްބަރ 2021

އިންޑިއާގެ ޓީވީގެ ރާނީގެ ގޮތުގައި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ކަލާޒް ޗެނެލަށް ގެނެސްދޭ މަގުބޫލު ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަން އަންނަ ޖެނުއަރީ މަހުގެ 30 ގައި ޕްރީމިއާ ކުރާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ޓީވީގެ ރާނީގެ ގޮތުގައި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ކަލާޒް ޗެނެލަށް ގެނެސްދޭ މަގުބޫލު ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ ހަ ވަނަ ސީޒަން އަންނަ ޖެނުއަރީ މަހުގެ 30 ގައި ޕްރީމިއާ ކުރާނެ ކަމަށް ބުނެފި އެވެ.

އޭނާ މިކަން އިއުލާންކުރީ އާދީއްތަ ދުވަހުގެ ރޭ ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ އެވެ. ނަމަވެސް "ނާގިން 6" އާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. ހަރުފަ އަށް ބަދަލުވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ "ނާގިން" އަކީ 2015 އިން ފެށިގެން ގެނެސް ދެމުން އަންނަ އެއްޗެކެވެ.

މީގެ ކޮންމެ ސީޒަނެއްގައި ވެސް އެންމެ ހާއްސަ މީހަކީ ނާގިން ނުވަތަ ހަރުފައެއްގެ ރޯލު ކުޅޭ ބަތަލާ އެވެ. އެހެންވެ، ހަ ވަނަ ސީޒަނުން ވެސް މަޝްހޫރު ތަރިއަކު ފެންނާނެ ކަމުގެ އުންމީދު ބޮޑެވެ. މިދިޔަ އަހަރު ނިންމައިލި "ނާގިން 5" ގައި ހަރުފައެއްގެ ރޯލު ކުޅުނީ ބަތަލާ ސުރުބީ ޗަންދަނާ އެވެ.

"ނާގިން" ގެ ބަތަލާއިންގެ ރޯލު މޯނީ ރޯއި އާއި އަނީތާ ހަސަންދާނީގެ އިތުރުން ސުރްބީ ޖޯތީ ވެސް ކުޅެފައިވެ އެވެ.

ޖުމްލަ 52 އެޕިސޯޑާ އެކު "ނާގިން 5" ގެނެސްދިނީ އޮގަސްޓް 9، 2020 އިން ފެބްރުއަރީ 6، 2021 އަށެވެ. "ނާގިން" ގެ ފުރަތަމަ ސީޒަންގައި 62 އެޕިސޯޑް، ދެވަނަ ސީޒަންގައި 75 އެޕިސޯޑް، ތިން ވަނަ ސީޒަންގައި 104 އެޕިސޯޑް އަދި ހަތަރު ވަނަ ސީޒަންގައި 37 އެޕިސޯޑް ގެނެސްދިނެވެ.

މިދިޔަ އަހަރު "ނާގިން 5" ނިންމާލައި އޭގެ ސްޕިން-އޮފެއްގެ ގޮތުގައި ތަފާތު ކާސްޓަކާ އެކު "ކުޗް ތޯ ހޭ: ނާގިން އޭކް ނަޔޭ ރަންގް މޭ" ގެ ނަމުގައި ފެބްރުއަރީ 7 އިން މާޗް 21 އަށް ވެސް ސިލްސިލާއެއް ގެނެސްދިނެވެ.

ގިނަ ބަޔަކު ޓީވީ ސިލްސިލާތަކުގެ އަވާގައި ޖެއްސި ކަމުގެ ލަގަބު ލިބޭ އެކްތާގެ "ނާގިން 6" ދައްކަން ފަށާ ތާރީހު އިއުލާންކުރި އިރު، ކުރީގެ އެކްޓަރު ޖީތެންދުރާގެ ދަރިފުޅަށް ހޯމަ ދުވަހު ވަނީ އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު، ޕަދުމާ ޝްރީ އެވޯޑް ވެސް ލިބިފަ އެވެ.