Roadha Mihaaru
ޓްރަމްޕްގެ ޓީމުން "ގެޓާ" ކިޔާ އެޕެއް ލޯންޗްކޮށްފި

ޓްރަމްޕްގެ ޓީމުން "ގެޓާ" ކިޔާ ސޯޝަލް އެޕެއް ލޯންޗްކޮށްފި

03 ޖުލައި 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުން ބޭރުކޮށްފައިވާތީ އޭނާގެ ޓީމުން "ގެޓާ" ގެ ނަމުގައި އެޕެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުން ބޭރުކޮށްފައިވާތީ އޭނާގެ ޓީމުން "ގެޓާ" ގެ ނަމުގައި އެޕެއް ލޯންޗްކޮށްފި އެވެ.

ބީޓާ ވާޝަނުގައި އަދި އޮތް އެޕް ރަސްމީކޮށް ލޯންޗްކުރަން ނިންމާފައި ވަނީ އާދީއްތަ ދުވަހު އެވެ. "ގެޓާ" އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.

"ގެޓާ" ރޭޓްކޮށްފައިވަނީ އުމުރުން 17 އަހަރުން މަތީގެ މީހުންނަށެވެ.

މި އެޕް ޓްރަމްޕްގެ ޓީމުން ސިފަކުރަނީ ބޮޑެތި ޓެކް ކުންފުނިތަކުގެ އެޕްތަކަށް ގޮންޖަހައިލާނެ އެއްޗެއްގެ ގޮތުގަ އެވެ. އަދި އެޕަށް "ގެޓާ" ގެ ނަން ދިނީ ގައުމު އެކަތިގަނޑަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އާންމުކޮށް ބޭނުންކުރައްވައި އުޅުއްވާ "ގެޓިން ޓުގެދާ" އިންނެވެ. މީގައި 777 ލަޒުފަށް ޓެކްސްޓުން ޕޯސްޓްކުރެވޭނެ އެވެ. އަދި ތިން މިނިޓަށް ވުރެ ދިގު ނޫން ވީޑިއޯތައް ވެސް ލެވޭނެ އެވެ. މީގެ އިތުރުން އެޕުން ލައިވްސްޓްރީމް ވެސް ކުރެވޭނެ އެވެ.

ރަސްމީ ކުލައަކަށް ރަތް ބޭނުންކޮށްފައިވާ "ގެޓާ" ގައި އެހެން ޕްލެޓްފޯމްތަކުގައި ވެސް ޕޯސްޓްތަކަށް ވެސް ލައިކްކޮށް، ރިޕްލައިކޮށް އަދި ޝެއާކުރެވޭ ގޮތަށް ބަޓަންތަކެއް ވެސް ހިމަނާފައިވެ އެވެ. އެކަމަކު މީގައި ޑައިރެކްޓް މެސެޖް (ޑީއެމް) ފީޗާއެއް އަދި ނެތެވެ.

ޓްރަމްޕްގެ ޓީމްގެ "ގެޓާ" ގައި އިސްކޮށް މަސައްކަތްކުރައްވަނީ އޭނާގެ ތަރުޖަމާން ޖޭޒަން މިލާ އާއި ކެމްޕޭން ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޓިމް މާޓޯ އެވެ.

ޓްރަމްޕްގެ ޓީމުން އާ އެޕެއް ލޯންޗްކޮށްފައި ވަނީ މެއި މަހުގެ ތެރޭގައި "ފްރޮމް ދަ ޑެސްކް އޮފް ޑޮނަލްޑް ޓްރަމްޕް" ނަމުގައި ވެބްސައިޓެއް ލޯންޗްކޮށް ސޯޝަލް އެޕްތަކުގައި ހިމެނޭ ބައެއް ފީޗާތައް ވެސް ހިމަނައިގެން ނެރެ، މަހެއްހާ ދުވަސް ފަހުން އެ ހުއްޓާލާފައި ވަނިކޮށެވެ.