Roadha Mihaaru
"ޓްރުތު ސޯޝަލް" ގެ ނަމުގައި ޓްރަމްޕްގެ އެޕެއް

"ޓްރުތު ސޯޝަލް" ގެ ނަމުގައި ޓްރަމްޕްގެ އެޕެއް ލޯންޗް ކުރައްވަނީ

22 އޮކްޓޯބަރ 2021

މައިގަނޑު ހުރިހާ ސޯޝަލް ޕްލެޓްފޯމްތަކުން ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ތިން މަހެއްހާ ދުވަސް ކުރިން ލޯންޗް ކުރެއްވި އެޕް "ގެޓާ" ގެ ދަށުން "ޓްރުތު ސޯޝަލް" ގެ ނަމުގައި ސޯޝަލް އެޕެއް ލޯންޗް ކުރަން ނިންމަވައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިގަނޑު ހުރިހާ ސޯޝަލް ޕްލެޓްފޯމްތަކުން ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ތިން މަހެއްހާ ދުވަސް ކުރިން ލޯންޗް ކުރެއްވި އެޕް "ގެޓާ" ގެ ދަށުން "ޓްރުތު ސޯޝަލް" ގެ ނަމުގައި ސޯޝަލް އެޕެއް ލޯންޗް ކުރަން ނިންމަވައިފި އެވެ

މިކަން އިއުލާންކޮށް އޭނާ ވިދާޅުވީ "ތެދު ވާހަކަތަކަށް ގެނެސްދޭން" ލޯންޗްކުރާ އެޕް މެދުޗެރިކޮށް ވަރަށް އަވަހަށް އަމިއްލަ ހިޔާލުތައް ފާޅުކުރަން ފައްޓަވާނެ ކަމަށެވެ. އަދި އެ އެޕަކީ އެކަމަށް ހާއްސަ ކޮށްގެން އިފެއްދި ޓްރަމްޕްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) ގެ ދަށުން ހިންގާނެ އެއްޗެކެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާގެ ކުންފުނި ވަރަށް އަވަހަށް ޑިޖިޓަލް ވޯލްޑް އެކިއުޒިޝަންގެ ދަށުން ހިއްސާގެ ބާޒާރުހައި ވެސް ލިސްޓް ކުރައްވާނެ އެވެ.

ވެރިކަން ކުރެއްވި ދުވަސްވަރު ސަރުކާރުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ޓްވިޓާ މަދުވެރިކޮށް ހާމަކުރައްވާ ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާގެ ސޯޝަލް އެޕް "ޓްރުތު" އަކީ މިހާރުގެ ބޮޑެތި ޓެކް ކުންފުނިތަކާއި އެ މީހުންގެ އެޕްތަކަށް ގޮންޖަހައިލާނެ އެއްޗެކެވެ.

"ޓްރުތަކީ މިނިވަންކަމާ އެކު ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރެވޭނެ ޕްލެޓްފޯމެއް. އަމާޒަކީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ހިޔާލު މިނިވަންކަމާއި ފަސޭހަކަމާ އެކު ފާޅުކުރެވޭނެ ޕްލެޓްފޯމެއް." އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޓްވިޓާ އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކަކީ އުސޫލުތަކެއް ހަމައެއް ލަމައެއް ނެތް އަދި ވަކި ކޮޅަކަށް ބުރަވެފައިވާ އެއްޗިއްސެވެ.

"ޓްވިޓާ އަކީ މިހާރު ތާލިބާނުން ކަހަލަ މީސްމީހުންނަށް އޮތް އެއްޗެއް." ތާލިބާނުން ޓްވީޓްކުރާތީ ފާޑުކިޔައި ޓްރަމްޕް ވިދާޅުވި އެވެ. "ހިތާމަ އަކީ އެއީ މިހާރު އެމެރިކާ ރައްޔިތުންގެ ފެވަރިޓަކަށްވި ރައީސަކަށް ބޭނުންކުރެވޭ އެއްޗަކަށް ނުވާތީ."

މި އަހަރުގެ ކުރީކޮޅު ޓްވިޓާ އާއި ފޭސްބުކާއި އެހެން ވެސް ގިނަ ޕްލެޓްފޯމްތަކުން ޓްރަމްޕް ވަނީ ބޭރުކޮށްފަ އެވެ. ސަބަބަކީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގަތުމުން ސަޕޯޓަރުންނަށް ހިތްވަރު ދެއްވައިގެން، އެމެރިކާގެ ގާނޫނު ހަދާ މަލިޖިސް ހުންނަ ކެޕިޓޮލް ހިލް އަށް ބޮޑެތި ގެއްލުންތަކެއް ދިނުމެވެ.