Roadha Mihaaru
އެފްބީއައި އިން ހިލަރީ "ސާފުކޮށްދީފި،"، ކެމްޕޭނަށް ދިރުން

އެފްބީއައި އިން ހިލަރީ "ސާފުކޮށްދީފި"، ކެމްޕޭނަށް އާ ދިރުމެއް

07 ނޮވެމްބަރ 2016

އެމެރިކާގެ ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އިރު އީމެއިލް ފޮނުއްވުމުގައި އަމިއްލަ ސާވާއެއް ބޭނުންކުރެއްވުމުން ސިޔާސީ މައްސަލަގަނޑެއްގެ ތެރޭގައި އުޅުއްވަމުން ގެންދަވާ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް، އެފްބީއައިގެ ވެރިޔާގެ އެންމެ ފަހުގެ ވާހަކަތަކުން ހަމަޖެހުމެއް ލިބިވަޑައިގެންފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އިރު އީމެއިލް ފޮނުއްވުމުގައި އަމިއްލަ ސާވާއެއް ބޭނުންކުރެއްވުމުން ސިޔާސީ މައްސަލަގަނޑެއްގެ ތެރޭގައި އުޅުއްވަމުން ގެންދަވާ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް، އެފްބީއައިގެ ވެރިޔާގެ އެންމެ ފަހުގެ ވާހަކަތަކުން ހަމަޖެހުމެއް ލިބިވަޑައިގެންފި އެވެ.

މީގެ ހަފުތާއެއް ކުރިން އީމެއިލްގެ މައްސަލަ އަނެއްކާވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ބޮޑު ސުރުހީއަކަށް ވީ، ހިލަރީގެ މުވައްޒަފެއްގެ ކުރީގެ ފިރިމީހާގެ ކޮމްޕިއުޓަރަކުން، ހިލަރީގެެ އީމެއިލްތަކެއް ފެނުމާ ގުޅިގެން، އެ މައްސަލަ ބަލަމުންދާ ކަމަށް އެފްބީއައިގެ ޑައިރެކްޓަރު ޖޭމްސް ކޯމޭ، ކޮންގްރެސް އަށް އެންގެވުމުންނެވެ.

އޭނާ އެގޮތަށް އެންގެވީ ހިލަރީގެ އީމެއިލްތަކުގެ ހަގީގަތް ހޯދަން ކުރިން އެފްބީއައި އިން ހިންގި ތަހުގީގާ "އެއް ހަމަޔަކުން" ގުޅިދާނެ ފަދަ އެއްޗެހިތަކެއް އެ ކޮމްޕިއުޓަރުން ފެނުމުންނެވެ. އިންތިހާބު އެހާ ކައިރީގައި އޮއްވާ، ހިލަރީގެ މައްޗަށް އެއްވެސް ކަހަލަ ތުހުމަތެއް ކުރެވިދާނެ ސާބިތު ހެއްކެއް ނެތި ކޯމޭ އެގޮތަށް ކޮންގްރެސް އަށް އެންގެވުމަކީ، އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ޑިމޮކްރެޓިކް ޕާޓީން ވަނީ ބުނެފަ އެވެ.

އިއްޔެ އަލުުން ކޮންގްރެސް އަށް ކޯމޭ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ހިލަރީގެ އީމެއިލްތަކުގައި ނެތް ކަމަށެވެ.

އެމެރިކާގެ ވާދަވެރި ރިޔާސީ އިންތިހާބު ބާއްވަން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް އެފްބީއައި އިން އެގޮތަށް އެންގުމުން ހިލަރީގެ ކެމްޕޭނަށް ވަނީ އާ ދިރުމެއް ލިބިފަ އެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަޕްގެ އިސް އޮފިޝަލުން ވިދާޅުވަނީ އެފްބީއައި އިން އެހާ އަވަހަށް ގޮތެއް ނިންމުމުން ސުވާލު އުފެދޭ ކަމަށެވެ.

އެމެރިކާގެ އިސް އޮފިޝަލުން ބޭނުންކުރަން ޖެހެނީ ސަރުކާރުގެ އީމެއިލް ސާވާ އެވެ. އެކަަމަކު ހިލަރީ ވަނީ އަމިއްލަ ސާވާ ބޭނުންކުރައްވައިގެން އެތައް ހާސް އީމެއިލެއް ފޮނުއްވައިފަ އެވެ. ތަހުގީގަށް ފަހު އެފްބީއައި އިން ޖުލައި މަހު ނިންމީ ދައުވާ ކުރެވޭ ކަހަލަ އެއްވެސް އަމަލެއް ހިލަރީ ހިންގަވާފައި ނުވާ ކަމަށެވެ.

އެގޮތަށް އެފްބީއައި އިން އޭރު ނިންމިޔަސް ޓްރަމްޕް އަަބަދުވެސް އުފައްދަވާ ސުވާލަކީ ހިލަަރީގެ 30،000 އަށް ވުރެ ގިނަ އީމެއިލް ފޮހެލީ ކީއްވެތޯ އެވެ. ހިލަރީގެ ކެމްޕޭން އޮފިޝަލުން ބުނާ ގޮތުގައި ފޮހެލާފައި ވާނީ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް، ހިލަރީގެ ޒާތީ އީމެއިލްތައް އެކަންޏެވެ.

އަބަދުވެސް ޔަގީންކަން އޮވޭ

ކޯމޭގެ އާ އެންގެވުމަކީ އެމެރިކާގެ އާންމުންގެ ތެރޭގައި ހިލަރީއާ މެދު އުފެދުނު ޝައްކުތަކަށް ލިބުނު ހައްލެކެވެ. އަލުން ތަހުގީގެއް ކުރާ ކަމަށް އެފްބީއައި އިން ބުނުމާ އެކު ހިލަރީގެ ތާއީދަށް ބުރޫއެރި އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރިން ދެ ބޭފުޅުންގެ މެދުގައި އޮތް ތަފާތު ކުޑަވެ، ޓްރަމްޕަށް ބައެއް ސާވޭތަކުން ކުރި ވެސް ލިބިވަޑައިގަތެވެ.

އެކަމަކު އަދިވެސް މި އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ، ގިނަ ލަފާކުރުންތަކުން ދައްކާ ގޮތުގައި، ހިލަރީ އެވެ.

ކެމްޕޭންގައި ހިލަރީ ބޭނުންކުރައްވާ މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާގެ އިސް މުޝީރުން ވިދާޅުވީ އެފްބީއައިގެ އާ ތަހުގީގުން ވެސް ނުކުންނާނީ ހަމަ ކުރީގެ ވެސް ނަތީޖާކަމާ މެދު ޝައްކުނުކުރައްވާ ކަމަށެވެ.

"މި މައްސަލަ ހައްލުވީތީ އުފާކުރަން،" ހިލަރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ޖެނިފާ ޕަލްމެއިރީ ވިދާޅުވި އެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެފްބީއައިގެ އެންގުމާ އެކު ހިލަރީ އަށް އަނެއްކާވެސް ވަރަށް ބޮޑު ދިރުމެއް ލިބިވަޑައިގަންނަވާނެ އެވެ. ކެމްޕޭންގެ އެންމެ ފަހު ދުވަހު، އޭނާގެ އެއްވެސް ކުށެއް ނެތް ކަން ދައްކަވަން އާ ބާރެއް ލިބިވަޑައިގެންފި ކަމަށް ވެސް، ތަޖުރިބާކާރުން ބުނެ އެވެ.