Roadha Mihaaru
ޓްރަމްޕް ކޯފާވެއްޖެ، އެފްބީއައި އަަށް ބަހުގެ ހަމަލާ

ޓްރަމްޕް ކޯފާވެއްޖެ، އެފްބީއައި އަަށް ބަހުގެ ހަމަލާތަކެއް

07 ނޮވެމްބަރ 2016

ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް އެފްބީއައި އިން އިއްޔެ ބުނުމާ އެކު، ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކޯފާވެ، ބަހުގެ ހަމަލާތަކެއް ރޭ ފޮނުވާލައްވައިފި އެވެ.

ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށް އެފްބީއައި އިން އިއްޔެ ބުނުމާ އެކު، ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކޯފާވެ، ބަހުގެ ހަމަލާތަކެއް ރޭ ފޮނުވާލައްވައިފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރަކަށް ހުންނެވި އިރު އަމިއްލަ ސާވާ ބޭނުންކުރައްވައިގެން އީމެއިލް ފޮނުއްވި މައްސަލާގައި ހިލަރީ އަށް ވަނީ ސިޔާސީ ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި މީގެ ދިހަ ވަރަކަށް ދުވަސް ކުރިން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ، ކޮންގްރެސް އަށް އަންގަވާފައި ވަނީ، އެހެން މީހެއްގެ ކޮމްޕިއުޓަރަކުން ހިލަރީގެ އީމެއިލްތަކެއް ފެނުމުން، އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ރިޕަބްލިކަން ޕާޓީން އަބަދުވެސް ބުނާ ގޮތުގައި ހިލަރީގެ އަަމަލްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ އެވެ. އެކަމަކު އީމެއިލް މައްސަލާގައި އެފްބީއައި އިން ކުރިން ހިންގި ތަހުގީގަށް ފަހު މިދިއަ ޖުލައި މަހު ކޯމޭ ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިލަރީ ހިންގަވާފައި ނުވާ ކަމަށެވެ.

އޭގެ ފަހުން ހިލަރީގެ އަަންހެން މުވައްޒަފެއްގެ ކުރީގެ ފިރިމީހާއާ ބެހޭ މުޅިިން ތަފާތު ތަހުގީގަކަށް އޭނާގެ ކޮމްޕިއުޓަރު ބަލަމުން ދަނިކޮށް ހިލަރީގެ މެއިލްތަކެއް ފެނުމުން، ކޯމޭ އަލުން ކޮންގްރެސް އަށް އެންގެވީ ހިލަރީއާ ބެހޭ ކުރީގެ ތަހުގީގާ ގުޅުވިދާނެ ކަންތައްތަކެއް ފެނިދާނެތީ އެކަން ކޮންގްރެސްގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ.

އެމީހާގެ ކޮމްޕިއުޓަރުގައި ހިމެނޭ ހިލަރީގެ ހުރިހާ މެއިލްތައް ޗެކްކުރުމަށް ފަހު އިއްޔެ ކޯމޭ އަލުން ކޮންގްރެސް އަށް އަންގަވާފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިމެނޭ ކަމަށެވެ.

އެ އެންގެވުމަށް ރަައްދުދެއްވައި ޓްރަަމްޕް ރޭ ވިދާޅުވީ 650،000 އީމެއިލް ބަލައި، ތަހުގީގުކުރާނެ އެކަށީގެންވާ ވަގުތު އެފްބީއައި އަށް ލިބިފައި ނުވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް އެފްބީއައި އިން ހިލަރީ ސަލާމަަތްކުރީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިވަގުތު އޭނާ ހިމާޔަތްކޮށްފައި އެވަނީ އޮޅުވާލަައިފައިވާ ނިޒާމެއްގެ ތެރެއިން. މިހެން އަހަރެން ކިޔާތާ ލައްކަ ދުވަސް ވެއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.

"ހިލަރީ ކްލިންޓަނަކީ ކުށްވެރިއެއް، އޭނާ އަށް އެކަން އެނގޭ، އެފްބީއައި އަށް އެކަން އެނގޭ، އެންމެންނަށް ވެސް އެކަން އެނގޭ. ނޮވެމްބަރު 8 ގައި ވޯޓު ލައިގެން އިންސާފު ގާއިމްކުރަން އެމެރިކާ ރައްޔިތުންނަށް މި އޮތީ ފުރުސަތު ލިބިފައި،" ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން، އިމާރާތްކުރުމުގެ ދާއިރާގެ ބިލިއަނަރު، ވިދާޅުވި އެވެ.

ދެ ބޭފުޅުން ވެސް އެކި ތުހުމަތުތަކުގައި

އަންހެނުންގެ އިތުރުން އެހެން ނަސްލުތަކުގެ މީހުންނާ މެދު ވިދާޅުވެފައިވާ ދަށު ދަރަޖައިގެ ބަސްތަކާ ހެދި ޓްރަމްޕްގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެކަމަކު އެމެރިކާގެ ބާރުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ މެދު އެމެރިކާގެ ވަރަށް ގިނަ ބައެއްގެ އިތުބާރު ގެއްލިފައި ވާތީ، ހިލަރީ އަށް ވެސް ކުރިމަތިވެވަޑައިގެންފައި ވަނީ ފަސޭހަ މަގެއް ނޫނެވެ. ހާއްސަކޮށް އޭނާގެ އީމެއިލްގެ މައްސަލަ އަކީ، ރައީސަކަށް ވެވަޑައިގަންނަވާ އިރު ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ސަބަބެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އަންހެނުންނާ މެދު އިހާނެތި ބަސްތައް ވިދާޅުވިޔަސް ޓްރަމްޕް އަށް ސަޕޯޓްކުރާ އަންހެނުން މަދެއް ނޫން --ފޮޓޯ:އޭއެފްޕީ

އަންހެނުންނާ މެދު އިހާނެތި ބަސްތައް ވިދާޅުވިޔަސް ޓްރަމްޕް އަށް ސަޕޯޓްކުރާ އަންހެނުން މަދެއް ނޫން --ފޮޓޯ:އޭއެފްޕީ

ފެށުނީއްސުރެ ވެސް ޓްރަމްޕް ވިދާޅުވަމުން ގެންދެވީ ހިލަރީގެ އީމެއިލްގެ މައްސަލައާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަމިއްލަ އީމެއިލް ބޭނުންކުރެއްވީ ދައުލަތުގެ މަތީ މަގާމުގެ ބާރާއި ނުފޫޒު ނާޖާއިޒު ގޮތުގައި ހިއްޕަވަން ކަމަށް ވެސް ޓްރަމްޕް ތުހުމަތުކުރައްވަ އެވެ.

ހިލަރީ ވިދާޅުވެފައި ވަނީ އަމިއްލަ ސާވާއެއް މެދުވެރިކޮށް އީމެއިލްގެ މުއާމަލާތްތައް ހިންގެވުމަކީ އޭނާ އަށް ހެއްދެވުނު ގޯހެއް ކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކުން މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އަށް އަމާޒުކުރައްވާ ހިލަރީ ރޭ ވެސް ވިދާޅުވީ އޭނާ އަށް ވޯޓު ދިނުމަކީ އެމެރިކާ އިތުރަށް ބައިބައިވުން ކަމަށެވެ. އަދި އެމެރިކާގެ ރައީސްކަން ކުރެއްވޭވަރުގެ ކެތްތެރިކަމާއި، ގާބިލްކަން ޓްރަމްޕްގެ ނެތް ކަމަށް ވެސް ހިލަރީ ގެންދަވަނީ ވިދާޅުވަމުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ހިލަރީ އުޅުއްވަނީ ޓްރަމްޕް އަށް ވުރެ ފަސް ޕޮއިންޓް ކުރީގަ އެވެ. ނިއު ޔޯކް ޓައިމްސް އިން ލަފާކުރަނީ އިންތިހާބު ކާމިޔާބުކުރުމުގެ 84 ޕަސެންޓް ފުރުސަތު ހިލަރީ އަށް އޮތް ކަމަށެވެ.