Roadha Mihaaru
ހިލަރީއަށް އަދި ވެރިކަމަށް އާދެވިދާނެ، ހަނި ފުރުސަތެއް

ޓްރަމްޕްގެ ބަދަލުގައި ހިލަރީ ވެރިކަމަށް އަތުވެދާނެ، އެކަމަކު ހަނި ފުރުސަތެއް!؟

14 ނޮވެމްބަރ 2016

ވޮޝިންޓަން (ނޮވެމްބަރު 14) - އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބުވެފައިވާކަން މިހާރު މިިވަނީ ކަށަވަރުވެފަ އެވެ. ޓްރަމްޕްގެ ހަރުކަށި ސިޔާސަތުގެ ސަބަބުން އޭނާ އެމެރިކާގެ ރައީސް ކަމަށް ގެންނަން ގިނަ ބަޔަކު ދެކޮޅު ހެދިޔަސް ހަގީގަތަކީ މިއީ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވޮޝިންޓަން (ނޮވެމްބަރު 14) - އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބުވެފައިވާކަން މިހާރު މިިވަނީ ކަށަވަރުވެފަ އެވެ. ޓްރަމްޕްގެ ހަރުކަށި ސިޔާސަތުގެ ސަބަބުން އޭނާ އެމެރިކާގެ ރައީސް ކަމަށް ގެންނަން ގިނަ ބަޔަކު ދެކޮޅު ހެދިޔަސް ހަގީގަތަކީ މިއީ އެވެ.

އެކަމަކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ވެރިކަމުގެ ހުވާ ކުރަން ތައްޔާރުވެ ވަޑައިގަންނަވަމުންދާ ޓްރަޕްމް އެމެރިކާގެ ވެރިކަމަށް ވަޑައިގަތުން ހުއްޓުވިދާނެ އެއް ފޯމިއުލާ އަދިވެސް އެބައޮތެވެ. ޓްރަމްޕާ ވާދަކުރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިޓަން ބަލި ގަބޫލު ކުރައްވާފައި ވިޔަސް ޓްރަމްޕްގެ ބަދަލުގައި ހިލަރީ އަށް ވެރިކަމަށް އާދެވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ ވަރަށް ހަނި ފުރުސަތެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

އެމެރިކާގެ ނިޒާމް އޮންނަ ގޮތުން ރައީސްގެ މަގާމަށް ބޭފުޅަކު ހޮވޭނީ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން 270 ވޯޓު ލިބިއްޖެ ނަމަ އެވެ. ސްޓޭޓްތަކުގެ ފަރާތުން ރައީސް ހޮވަން ވޯޓުލާނީ އެ ސްޓޭޓެއްގެ ރައްޔިތުންގެ މެދުގައި ވޯޓު ނަގައިގެން ހޮވާ "އިލެކްޓާސް" އެވެ.

މިދިޔަ ހަފުތާގައި ނިމިގެން އެ ދިޔައީ އެއް ގޮތަކުން ބުނާ ނަމަ އިލެކްޓޯރަލް ކޮލެޖް ވޯޓާސް ހޮވުމުގެ އިންތިޚާބެވެ. އެ އިންތިޚާބުގައި 290 އަށް ވުރެ ކޮލެޖް ވޯޓް ލިބުނީ ޓްރަމްޕަށެވެ. އޭނާ ރައީސް ކަމަށް ހޮވުނީ ކަމަށް އިއުލާންކުރީ އެހެން ވެގެންނެވެ.

ދެން އޮތީ އިލެކްޓްރޯލް ކޮލެޖް ވޯޓާސްގެ ގޮތުގައި ހޮވުނު މީހުންގެ މެދުގައި އެމެރިކާގެ ރައީސް ހޮވަން ނަގާ ވޯޓު ނުވަތަ "އަސްލު" އިންތިޚާބެވެ. އެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި، އިލެކްޓޯރަލް ކޮލެޖް ވޯޓާސްގެ ތެރެއިން ބަޔަކު ޓްރަމްޕާ ދެކޮޅަށް އަދި ހިލަރީއާ އެއްކޮޅަށް ވޯޓު ދީގެން 270 ވޯޓު ހިލަރީ އަށް ލިބިއްޖެ ނަމަ ވެރިކަމަށް އަންނާނީ ހިލަރީ އެވެ.

މިހާރު ނަތީޖާ އޮތްގޮތަށް ބަލާއިރު، އެކި ސްޓޭޓްތަކުން 228 އިލެކްޓޯރަލް ކޮލެޖް ވޯޓާސް ހިލަރީ އަށް ވަނީ ލިބި އަދި ޓްރަމްޕަށް 290 އިލެކްޓޯރަލް ކޮލެޖް ވޯޓާސް ވަނީ ލިބިފަ އެވެ. އަންނަ މަހު ބާއްވާ "އަސްލު" އިންތިޚާބުގައި، ޓްރަމްޕަށް ތާއީދުކުރާ 42 އިލެކްޓޯރަލް ކޮލެޖް ވޯޓާސް ހިލަރީއާ އެއްކޮޅަށް ވޯޓު ދީފި ނަމަ ހިލަރީ އަށް ވެރިކަމަށް އާދެވުނީ އެވެ. އެހެންވެ، އެމެރިކާގެ ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ބާރު މިހާރު އޮތީ އިލެކްޓޯރަލް ކޮލެޖް ވޯޓާސް އަތްމަތީގަ އެވެ.

އެކަމަކު ކުރިން ވެސް ފާހަގަކުރިހެން މިއީ ވަރަށް ހަނި ފުރުސަތެކެވެ. ސަބަބަކީ އެމެރިކާގެ ތާރީޚުގައި ވެސް އިލެކްޓޯރަލް ކޮލެޖް ވޯޓާސް އަކީ އެ މީހުން ހޮވާ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ވޯޓު ދޭ ބައެކެވެ. ރައްޔިތުންގެ ފިކުރާ ދެކޮޅަށް އިލެކްޓޯރަލް ކޮލެޖުން ހޮވާ "އިލެކްޓާސް" ވޯޓު ދީފައި ވަނީ ވަރަށް މަދު ހާލަތްތަކެއްގައި އަދި ވަރަށް މަދު ބައެކެވެ. އިލެކްޓޯރަލް ކޮލެޖް ވޯޓާސްގެ ގޮތުގައި ޕާޓީތަކުން މީހުން ނެރެނީ ވެސް ވަރަށް އިތުބާރު ކުރެވޭ އަދި ޕާޓީ އަށް ވަރަށް ވަފާތެރި މީހުންނެވެ.

އިލެކްޓްރަލް ކޮލެޖް ވޯޓާސް އެ މީހުންގެ ރައްޔިތުންގެ ފިކުރާ ދެކޮޅަށް ވޯޓު ދިނުމަކީ ބައެއް ސްޓޭޓްތަކުގައި އެ މީހުން ކުށްވެރިވާ ކަމެއް ކަމަށްވިޔަސް ވޯޓު ގުނާއިރު އެ މީހުންގެ ވޯޓު ވެސް ގުނާނެ އެވެ. ހިލަރީ އަށް އަދިވެސް ވެރިކަމަށް އައުމުގެ ވަރަށް ހަނި ފުރުސަތެއް އޮތް ކަމަށް ބުނެވެނީ އެހެންވެގެންނެވެ.

ސިޔާސީ އަދި އަސްކަރީ މަގާމެއްގެ ތަޖްރިބާ ނެތް ޓްރަމްޕް ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުގެ ރައީސް ކަމަށް ހޮވުމުން އެކަމާ ހިތާމަކޮށް، އެތައް ބަޔަކަށް ނަފްސާނީ ގޮތުން އޭގެ އަސަރު ވަނީ ފޯރައިފަ އެވެ. ހީނުކުރާ ފަދަ ގޮތަކަށް ޓްރަމްޕް ހޮވުމުން ގިނަ ބަޔަކު އަދިވެސް ތިބީ ޝޮކެއްގަ އެވެ. އެކަމާ ހިތާމަ ކުރާ މީހުންނަށް މިއީ ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ހިލަރީ ސަޕޯޓަރުންނަށެވެ. އެކަމަކު މިހާރު އޮތް ނަތީޖާ ބަދަލުވުމަކީ ވަރަށް ނާދިރު ކަމެކެވެ.