Roadha Mihaaru
ބިލަބޮންގްގެ އޭ ލެވެލް ދަރިވަރުންގެ ނަތީޖާ ރަނގަޅު

ބިލަބޮންގުން އޭ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ރަނގަޅު: އައިލެންޑާސް

13 ޖެނުއަރީ 2021

މިދިޔަ އަހަރު ރާއްޖޭގައި އޭ ލެވެލް ހެދި ހަމައެކަނި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހިންގާ އައިލެންޑާސް ގްރޫޕް އިން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރު ރާއްޖޭގައި އޭ ލެވެލް ހެދި ހަމައެކަނި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހިންގާ އައިލެންޑާސް ގްރޫޕް އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާ ހެދި ސިލަބަސް ފުރިހަމަކުރަން ފުރުސަތު ނުލިބުމުން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އޯ ލެވެލް އަދި އޭލެވެލް އިމްތިހާން ފަސްކުރާށެވެ. ނަމަވެސް ބިލަބޮންގް ގެ ގްރޭޑް 12 ކިޔަވަމުން އައި 10 ދަރިވަރުން އެކުދިންގެ އޭ ލެވެލް އިމްތިހާނު ފުރިހަމަކުރި އެވެ.

އައިލެންޑާސް އިން ބުނީ އެންމެ ރަނގަޅު ނަތީޖާ ލިބުނު ދަރިވަރު ހެދި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދި ކަމަށެވެ. އެއީ ގްރޭޑް އެކަކުން ފެށިގެން އޭ ލެވެލްއާ ހަމައަށް ބިލަބޮންގުގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް ވެސް އައިލެންޑާސް އިން ބުންޏެވެ.

ބިލަބޮންގް ހައި ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތި ހާލަތުގައި ވެސް އެ ސްކޫލްގެ ދަރިވަރުންގެ ނަތީޖާ އެހާ ރަނގަޅުވީ އެ ކުދިން ކުރި ހިތްވަރާއި ބުރަ މަސައްކަތުން ކަމަށެވެ.

އިމްތިހާނުގައި ބައިވެރިވި 10 ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރުން ވަނީ ހުރިހާ މާއްދާއަކުން ފާސްވެފަ އެވެ. ތިން މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ނުވަޔަކަށް އަރަ އެވެ.

ޝާނިމް ވިދާޅުވީ ލޮކްޑައުން ދުވަސްވަރު އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސެކަންޑަރީ ސްކޫލްތައް ހުޅުވަން ހުއްދަ ދިނުމުން ޕްރެކްޓިކަލް ބައިތައް ހަދަން ހުރިހާ ކުދިން ސްކޫލަށް ނެރުނު ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކްލާސްތަކުގެ ހާޒިރީ ވަރަށް ރަނގަޅު. ދަރިވަރުންގެ ހިތްވަރާއި، މުދައްރިސުންގެ ހީވާގި ކަމާއި، ބެލެނިވެރިން ދެއްވި އެއްބާރުލުން ވަރަށް ފުރިހަމަ،" ޝާނިމް ވިދާޅުވި އެވެ.