Roadha Mihaaru
ފޭސް2 ގެ އިންޓަނޭޝަނަލް ސްކޫލް އައިލެންޑާސް އަށް

ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އައިލެންޑާސްއާ ހަވާލުކޮށްފި

02 އޮކްޓޯބަރ 2021

ހުޅުމާލޭގެ ދެވަނަ ފޭހުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެޗްޑީސީން އައިލެންޑާސް އެޑިއުކޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ދެވަނަ ފޭހުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެޗްޑީސީން އައިލެންޑާސް އެޑިއުކޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

އެ ސްކޫލް އަމިއްލަ އަށް އިމާރާތް ކޮށްގެން ހިންގާ ގޮތަށް އައިލެންޑާސްއާ ހަވާލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އައިލެންޑާސް އިން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އަދްލީ ރަޝީދެވެ.

މާލޭގައި ވެސް އިންޓަނޭޝަަލް ސްކޫލު ހިންގަވާ އަދުލީ ވިދާޅުވީ، ހުޅުމާލޭގައި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް އޭނާ ވިދާޅުވި ގޮތުގައި އިދާރީ ކަންތައްތައް ނިމުނުހާ އަވަހަކަށް ފެށޭނެ އެވެ.

އައިލެންޑާސް އިން ބުނިގޮތުގައި، ހުޅުމާލޭގައި އެ ކުންފުނިން ހިންގާނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ އިންޓަނޭޝަަލް ސްކޫލެކެވެ. އެ ތަން އިމާރާތް ކުރާނީ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހިސާބުން ފައިމަގުގައި ދެެވޭ ސަރަހައްދެއްގަ އެވެ.

"ފޭސް 2 ގައި ތަރައްގީކުރާ މި ސްކޫލުން ދަރިވަރުންނަށް ތަޖުރިބާ ކުރެވޭނީ ވަރަށް ތަފާތު، ފެންވަރު ރަނގަޅު ތައުލީމީ މާހައުލަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ އުނގެނުމުގެ ހުނަރުތަކެއް،" އަދްލީ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކައި، މި ސަރުކާރުން މީހުން އާބާދުކުރަން ފަށާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލްތަކާއި މިސްކިތްތައް އަދި ހުޅުވާފައި ނުވާއިރު އެ ތަނުގައި ހުރި ފްލެޓްތައް ލިބުނު އާއިލާތަކުން މިިހާރު އަންނީ އެ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަމުންނެވެ. އެގޮތުން ބަދަލުވި އާއިލާތަކުގެ ކުދިން ސްކޫލަށް ގެންދިއުމުގައި ބެލެެމނިވެރިންނަށް ބޮޑެތި ދަތިތަކެއް ހުރުމުން އާއްމުންގެ ޝަކުވާ ވަރަށް ބޮޑެވެ.