Roadha Mihaaru
މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ

މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ

25 ފެބުރުއަރީ 2021

މާލެ ސަރަހައްދުގެ ޕްރީސްކޫލާއި ޕްރައިމަރީގެ ގްރޭޑުތައް ބަންދުކޮށްފައި އޮތް އޮތުމާ މެދު ބެލެނިވެރިންގެ އިތުރުން ސިޔާސަތު ކަނޑައަޅުއްވަން ތިއްބަވާ ފަރާތްތަކުން ފުންކޮށް ވިސްނަވަން، އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކުން މިއަދު އިލްތިމާސްކޮށްފި އެވެ.

މާލެ ސަރަހައްދުގެ ޕްރީސްކޫލާއި ޕްރައިމަރީގެ ގްރޭޑުތައް ބަންދުކޮށްފައި އޮތް އޮތުމާ މެދު ބެލެނިވެރިންގެ އިތުރުން ސިޔާސަތު ކަނޑައަޅުއްވަން ތިއްބަވާ ފަރާތްތަކުން ފުންކޮށް ވިސްނަވަން، އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކުން މިއަދު އިލްތިމާސްކޮށްފި އެވެ.

އައިލެންޑާސް އިން ހިންގާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލެންޏޭ ވިދާޅުވީ ރާއްޖޭގެ މުޅި ތައުލީމީ ނިޒާމަށް ބަދަލު ގެނެސް، މުއްދަތު ދިގުކުރި މި ހަ މަސް ދުވަހުގެ މައިގަނޑު ބޭނުމަކަށް ވީ މިދިޔަ އަހަރު އޮންލައިންކޮށް ކިޔަވައިދިން އިރު ފުރިހަމަނުކުރެވުނު ކަންކަން މި އަހަރު ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ދަސްކޮށްދިނުން ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޕްރީ ސްކޫލްތަކާއި ދަށް ގްރޭޑްތައް ބަންދުކުރުމުން އެ ފުރުސަތު އަނެއްކާވެސް މިވަނީ ގެއްލިފަ އެވެ. ޑރ. އެއްޔާގެ ކަންބޮޑުވުމަކީ ކުރިއަށް އޮތް ދެ ހަފްތާއެއް ތެރޭގައި މާޗުމަހު މިޑް ޓާމަށް ސްކޫލްތައް ބަންދުކުރަން ޖެހުމާއި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރޯދަ މަހާ އެކު ކިޔަވައިދިނުމުގެ ގަޑިތައް ކުރުވުމެވެ.

އީދު ބަންދަށް ފަހު، ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާ ޓާމް ބަންދާ ދެމެދު ކިޔަވައިދޭން ދެން ލިބޭނީ މަހެއްހާ ދުވަހެވެ. އޭގެ މާނައަކީ، ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން ދިރާސީ އަހަރު ދިގުކުރި މުއްދަތުގެ ބޭނުން މާ ބޮޑަށް ނުހިފި ތައުލީމީ ނިޒާމު ހަމަ މަގުން ކައްސާލުމެވެ. އެއީ، ޑރ. އެއްޔާ ވިދާޅުވި ގޮތުގައި، ތައުލީމީ ނިޒާމް ރަނގަޅުކުރަން ކުރިއަށް އޮތް އަހަރުތަކުގައި ދަތިވާނެ ފަދަ ބޮޑެތި ގެއްލުންތަކެކެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން އޯގަސްޓްގައި ފެށޭ ދިރާސީ އާ އަހަރާ ހަމައަށް ވެސް ދިގުދެމުން އެކަށީގެންވާ ކަމަށެވެ. އޭގެ މާނައަކީ އަނެއްކާވެސް ސްކޫލްތައް ބަންދުކޮށްފައި ބޭއްވުންތޯ އޭނާ ސުވާލުކުރެއްވި އެވެ.

އައިލެންޑާސްގެ ޑިރެކްޓަރު އަދުލީ ރަޝީދު ވިދާޅުވީ ސްކޫލް ބަންދުކުރުމާ މެދު އާންމު މުޖުތަމައު އާއި ބެލެނިވެރިންގެ ހިޔާލު މުހިންމު ވިޔަސް މި ހިސާބަށް ކަންތައް ދިއުމުން ތައުލީމީ ދާއިރާގެ މާހިރުންގެ ލަފައަށް، ބެލެނިވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބުރަވާން ޖެހޭނެ ކަމަށެވެ.

"ސްކޫލުތަކަކީ އެހެން މާހައުލުތަކަށް ވުރެ ރައްކާތެރި ތަންތަން. ސްކޫލު ބަންދުކޮށްގެން ކޮވިޑު ޖެހޭ އަދަދުތަކެއް ވޭތުވެދިޔަ ހަފްތާތަކުގައި ދަށެއް ވެސް ނުވޭ،" އަދުލީ ވިދާޅުވި އެވެ.

"ސްކޫލުތަކުންނެއް ނޫން ބަލި މި ފެތުރެނީ. ސްކޫލަކީ ބަންދުކުރެވޭ އެންމެ ފަހު ތަން ކަމަށް ވިސްނުން ބަދަލުވާން އެބަ ޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިން ގޮވައިގެން ރެސްޓޯރަންޓުތަކާއި ޕާކްތަކާއި ބީޗުތަކާއި އެއް ގެއިން އަނެއް ގެޔަށް ދެވެ އެވެ. އެހެންކަމުން ކުޑަކުދިންގެ އަސާސީ ހައްގެއް ކަމަށްވާ ސްކޫލަށް ނުދެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވި ގޮތުގައި ސްކޫލްތައް ބަންދުކޮށްފައި އޮތްއޮތުމަށް ކިތަންމެ ގިނަ ދުވަހެއް ވެގެން ދިއަސް އެކަމާ ދެކޮޅަށް އަޑުއުފުލާނެ ވިސްނުމެއް ކުޑަކުދިންގެ ނެތަސް އެ ކުދިންގެ ހައްގުގައި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ މާހިރުން އިސްނަގަން ޖެހޭނެ އެވެ. އެހެންކަމުން ކުދިންނަށް ސްކޫލަށް ދެވޭނެ ގޮތެއް އިންތިޒާމްކުރަން އެބަ ލާޒިމް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސް އާއި ބިލަބޮންގް ހައި ޑްރީމް ކެމްޕަސްގެ ޕްރިންސިޕަލް އަމިނަތު ތަހުމީނާ ވިދާޅުވި ގޮތުގައި ސްކޫލަށް ގޮސް ކިޔެވެމުގެ ބޭނުންތެރިކަން އެންމެ ބޮޑީ ވެސް ޕްރީސްކޫލާއި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ.

"އޮންލައިންކޮށް ކިޔަވައިދިނުމުގައި ސްކޫލްތަކުން ނަމޫނާ ދައްކުވައިދިނަސް ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލްގެ ދަރިވަރުންނަށް އޮންލައިންކޮށް ދިގުދެމިގެންދާ ގޮތަކަށް ކިޔަވައިދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުރި. ސާނަވީ، މަތީ ސާނަވީ އަދި ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިންނާ ހިލާފަށް، މި އުމުރުގެ ދަރިވަރުންނަކީ އެ ކުދިންގެ ކިޔެވުން އަމިއްލައަށް ކުރިއަށްގެންދެވޭ އުމުރުގެ ކުދިންނެއް ނޫން،" ތަހުމީނާ ވިދާޅުވި އެވެ.

"އެ ކުދިން އޮންލައިކޮށް ކިޔަވަން ތިބެން މައިންބަފައިން ނުވަތަ އެއްކޮށް ދިރިއުޅޭ އާއިލާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ. އަދި ކޮންމެ ދުވަހަކު ބެލެނިވެރިންނަށް ކުދިން ކައިރީގައި ގޭގައި މަޑުކޮށްގެން ވެސް ނުތިބެވޭނެ."

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް މައުރޫފާ ފާހަގަކުރެއްވި ގޮތުގައި ސްކޫލަކީ ދަރިވަރުން ހަމައެކަނި ތައުލީމު ހާސިލްކުރަން ދާ ތަނެއް ނޫނެވެ.

"އަޅުގަނޑުމެންގެ ކަރިކިއުލަމް ބިނާކޮށްފައި މި އޮންނަނީ، ކިޔެވުމުގައި ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތަކުގެ އިތުރަށް އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ވެސް ސްކޫލްގެ ތެރެއިން ކަށަވަރުކުރެވޭ ފަދަ ގޮތަކަށް. އެއީކީ އަޅުގަނޑުމެންނަށް ގޭގައި ކުދިން މޭޒެއް ކައިރީގައި ބައިތިއްބައިގެން، ސްކްރީނެއް މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަންކަމެއް ނޫން،" މައުރޫފާ ވިދާޅުވި އެވެ.

"އެހެންކަމުން މިހާ ގިނަ މުއްދަތަކަށް ގޭގައި ބައިތިއްބައިގެން ކިޔެވުން ކުރިއަށްގެންދަން ޖެހޭތީ އެ ކުދިންނަށް މަދުވާ ކިތަންމެ ކަމެއް ހުންނާނެ. މިކަންކަން އުނިވެ، ގިނަ ދުވަސްވާ ވަރަކަށް އެކަމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށާއި އެ ކުދިންގެ ޝަހުސިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ގިނަ ދުވަހަށް ނުވަތަ ދާއިމަށް ދެމިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް. މިއީ އަޅުގަނޑުމެން ހަގީގަތުގައި ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް."

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ތައުލީމަށް ހުރި ގޮންޖެހުންތަކަށް ބިނާކޮށް ޔުނިސެފުން ހެދި ރިޕޯޓެއްގައި ބުނީ ކިޔަވައިދިނުން މިހެން އޮންލައިކޮށް ދިގުދެމިގެން ދިއުމަކީ ކުދިން ކިޔަވަން ފޫހިވެ "ލާނިން ލޮސް" ނުވަތަ ދަސްވާ މިންވަރު ދަށްކޮށްދޭނެ ކަމެއް ކަމަށެވެ.

އައިލެންޑާސްގެ ވެރިން ގަބޫލުކުރައްވަނީ ބޮޑެތި މީހުންނާއި ބެލެނިވެރިންނާއި ޕޮލިސީ ލެވެލްގެ ހުރިހާ ފަރާތްތަކުން ވެސް އެކަންކަމާ މެދު ވިސްނަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ. އަދި އެ ބޭފުޅުން ގޮވާލެއްވީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކުދިންނަށް އަލުން ސްކޫލަށް ދެވޭނޭ ގޮތަކަށް ފިޔަވަޅުތައް އެޅުމަށެވެ.