Roadha Mihaaru
ތިން އަހަރުން މުޅި ރާއްޖެ ފެރީން ގުޅާލެވޭނެ: އަސްލަމް

ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނީ ތިން އަހަރުން: އަސްލަމް

17 ޖެނުއަރީ 2021

ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލަން ބޭނުންވާ ދިރާސާކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރު ތިން އަތޮޅެއްގައި މި މަޝްރޫއު ފެށި ނަމަވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން މި އަހަރު ފެރީގެ ހިދުމަތް ފަށާނީ ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ. މި އަހަރު ތެރޭގައި އިތުރު އެއްވެސް އަތޮޅެއްގައި މި ހިދުމަތް ނުފަށާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިއަހަރު ތެރޭ ދެން ހުރި ޒޯނުތަކުގެ ހިދުމަތްތައް ނުފައްޓާނަން، ދެން ޖެހިގެން އަންނަ އަހަރާއި އޭގެ އަނެއް އަހަރު ބާކީ ހުރި ޒޯނުތަކަށް ހިދުމަތް ފަށާނީ. ތިން އަހަރު ތެރޭ މުޅި ރާއްޖޭގައި މި ހިދުމަތް ފެށޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ފެރީގެ ހިދުމަތް ފަށައިގަތުމަށް ފަހު ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފްރޭމްވޯކު ހެދި އިރު ކޮންމެ އާބާދީއެއްގެ ވެސް އެ ޕަސެންޓު މީހުން ދަތުރު ކުރާނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ދަތުރުފަތުރު ފެށުމުން ދަތުރުކުރާ މީހުން އިތުރުވަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މި ހިދުމަތަކީ އިތުބާރު ހިފޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ހިދުމަތާއެކު ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު ފޯކަސްއެއް ދީފައިވާނީ އިތބާރު ހިފޭ، ފަސޭހަ، މީހުން ގަބޫލު ކުރާ ފެންވަރުގަ ބަނެވިފައި ހުރި އުޅަނދުތަކާއި ދެވޭ ހިދުމަތަކަށް މި ހިދުމަތް ހެދުމަށް. މިއާއެކު ރަށްރަށުގެ ވަޒީފާތައް ވެސް އިތުރުވެގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.

ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން 860 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން ހއ. ހދ. އަދި ށ. އަތޮޅުގައި ފެރީގެ ހިދުމަތް ފައްޓަން 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.