Roadha Mihaaru
ބޭނުމީ އަޝްފާގު ރިކަވާވެގެން މެޗުތަކުގައި ކުޅެން: އާތީ

ބޭނުމީ އަޝްފާގު ރިކަވާވެގެން މެޗުތަކުގައި ކުޅެން: އާތީ

21 ޖެނުއަރީ 2021

ވެލެންސިއާ އިން ބޭނުންވަނީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގަށް (ދަގަނޑޭ) ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާވެގެން މެޗުތަކުގައި ކުޅުވަން ކަމަށާއި އެކަމަކު މެޗުތަކުގެ ހާލަތު ބަދަލުވާގޮތަކުން އޭނާ ބޭނުންކުރަންޖެހޭ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވެލެންސިއާ އިން ބޭނުންވަނީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގަށް (ދަގަނޑޭ) ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާވެގެން މެޗުތަކުގައި ކުޅުވަން ކަމަށާއި އެކަމަކު މެޗުތަކުގެ ހާލަތު ބަދަލުވާގޮތަކުން އޭނާ ބޭނުންކުރަންޖެހޭ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މި މަހު ނުވަ ވަނަ ދުވަހު ޓީސީ އާއި ވެލެންސިއާ އެއްވަރުވި މެޗުގެ ދެ ވަނަ ހާފުގައި ދަގަނޑޭގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. ލީގުގައި އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުގައި ދަ ގްރާންޑޭއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައިގައި ދަގަނޑޭ ނުހިމެނެ އެވެ. އެކަމަކު އެ މެޗުގައި ދަ ގްރާންޑޭ ލީޑުނެގުމުން ދެ ވަނަ ހާފުގައި ވެލެންސިއާ އިން ދަގަނޑޭ ކުޅެން އެރުވި އެވެ. ވެލެންސިއާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ދަގަނޑޭ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ވެލެންސިއާގެ މައިތަނބު ކަމަށްވާ ދަގަނޑޭ އަށް މިއަދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅެވޭނެކަން ކަށަވަރުވާނީ އިއްޔެ އޮތް ފަހު ޕްރެކްޓިހަށް ފަހު ކަމަށެވެ.

"އަޝްފާގު (ދަގަނޑޭ)ގެ އިންޖަރީ ދެން ޓެސްޓްތަކެއް ހަދާފައި ގޯސްނުވީމަ ކަންނޭނގެ އެންމެ ފަހުން މެޗުގައި ވެސް ކުޅެން އެ އެރީ. އެހެން ނަމަވެސް އެއް މެޗަށް ވުރެން މުޅި ލީގަށް ވިސްނާތީވެ އަޝްފާގު ނުކުޅެވޭތޯ މި ބަލަނީ. އެހެން ނަމަވެސް ކުރިން މެޗުގައި ވެސް ރިޒަލްޓް އައި ގޮތަކުން އަޝްފާގު މި ލީ. މި ވަގުތު އަޝްފާގު ހުރީ ކުޑަ ވަގުތު ކޮޅެއްގައި ކުޅެލެވޭ ވަރުގެ އިންޖަރީއެއްގައި. އަހަރެމެން މި ބަލަނީ މެޗު ނުކުޅެ ރިކަވާ ކުރެވޭތޯ. ބޭނުމީ އޭނާ ރިކަވާވެގެން މެޗު ކުޅުވަން،" އާތީ ބުންޏެވެ.

ވެލެންސިއާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ލީގު ތާވަލުގެ އެއް ވަނަ މަގާމަށް އެރުނު ނަމަވެސް މަގާމު ނުދެމެހެއްޓުނީ އެހެންވެ އެވެ. އާތީ ބުނީ ވެލެންސިއާ އިން މިހާރު ދަސްކުރަން ޖެހިފައި އޮތްކަމަކީ ގޯސްކޮށް ނަތީޖާ ނުކުތުމުން އެ ރަނގަޅުކޮށްގެން ނުކުމެ އަލުން މޮޅެއް ހޯދަަން ކަމަށެވެ.

"ވިނިން ސްޕިރިޓެއްގައި ޓީމު އަންނައިރު އެ މީހުން (ކުޅުންތެރިން) ކުޅޭގޮތާއި ބައްޔެއް ވެގެން ޓީމު ކުޅެން އަންނަ ގޮތާ ހުރިހާ އެއްޗެއް ފެންނާނެ މި މެޗުން. ކުޅުންތެރިން ސައިކޮލޮޖިކަލީ ކިހާ ވަރަކަށްތޯ ތައްޔާރުވެފައި މި އިނީ އެ ވެސް އެނގޭނެ. އަހަރެމެންނަށް މިއީ ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް. ބޭނުންވަނީ ވެލެންސިއާ ބައްޔަކަށް ފަހު އެނބުރި އަންނަނީ ކިހިނެއްތޯ ބަލާލަން. ރަނގަޅު ގޮތަކަށް އައިސްފިއްޔާ ޓީމު އޭނީ ރަނގަޅަށް،" އާތީ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ސަސް އަށް އެ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު ކުރެވުނި ދެ ޕްރެކްޓިހެވެ. އެއީ އެޑްވާންޓޭޖަކަށް ވެދާނެތޯ އެހުމުން އާތީ ބުނީ އެ ގޮތަށް ނުވިސްނާނެ ކަމަށާއި ވެލެންސިއާ އިން ތައްޔާރުވަނީ މި ސީޒަނުގައި މިހާތަނަށް ސަސް ނެރެފައިވާ ނަތީޖާތަކަށް ބަލައިގެން ކަމަށެވެ.

"(ކޯޗު ބަދަލުވުމުން) ސަސްގެ ޕްލޭޔަރުންނަށް މީގެ އިފެކްޓެއް ކޮށްފާނެ އެ މީހުންގެ މޮޓިވޭޝަނާއި ޑީ މޮޓިވޭޝަން ކަންކަމަށް ބަލާއިރު،" އާތީ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ވެލެންސިއާ މި މެޗުން މޮޅުވެގެން ފައިބާނީ،"

ވެލެންސިއާ އިން ކުރިއަށް ހުރި މެޗުތަކުގައި ފުރަތަމަ އެގާރައިން ވެސް ބަދަލުތަކެއް ފެނިދާނެ ކަމުގެ އިޝާރާތެއް އާތީ ވަނީ ދީފަ އެވެ. އެ ގޮތުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ވެލެންސިއާ ބެންޗުގައި އިން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އަށް ވެސް ކޮންމެވެސް ހިސާބަކުން ފުރުސަތު ލިބޭނެ ކަމަށް އާތީ ބުންޏެވެ.

ދެ ވަަނައިގައި އޮތް ވެލެންސިއާ އާއި ފަސް ވަނައިގައި އޮތް ސަސްގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.