Roadha Mihaaru
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި

ވެކްސިން ޖަހަން 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ރަޖިސްޓަރީ ކޮށްފި

27 ޖެނުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް 20،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ރަޖިސްޓަރީ ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް 20،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ރަޖިސްޓަރީ ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ވަނީ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ހާއްސަ ޕޯޓަލްއެއް ހަދައިފަ އެވެ. އެ ޕޯޓަލް މިދިޔަ ހަފުތާގައި ހުޅުވާފައިވާއިރު، މިހާތަނަށް 20،848 މީހުން ވެކްސިން ޖަހަން ރަޖިސްޓަރީ ވެފައިވާ ކަމަށް އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕޯޓަލްގައި ރަޖިސްޓަރީ ވާ މީހުން ދިރިއުޅޭ ތަނާއި ސިއްހީ ހާލަތާ ބެހޭ މައުލޫމާތު އެޗްޕީއޭ އިން ހޯދާނެ އެވެ. އެ މައުލޫމާތުތައް ބޭނުންކޮށްގެން، ވެކްސިން ދިނުމުގެ ތަރުތީބެއް ކަނޑައަޅާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ. ވެކްސިން ޖެހުމުގެ އެޕޮއިންޓްމަންޓާއި ވެކްސިން ޖެހިކަމުގެ ޑޮކިއުމަންޓުތައް ވެސް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް އެޗްޕީއޭ އިން ނިންމާފައި ވަނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެ އެވެ.

ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުން ވަނީ ވެކްސިންގެ 700،00 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިންޑިއާގެ ސަރުކާރުން ހަދިޔާ ކުރި 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ 50،000 މީހުންގެ ގަޔަށް ޖެހޭ ވަރުގެ އަދަދެއް ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިހާރު އަންނަނީ ކޮވިޝީލްޑް ވެކްސިނާ ބެހޭ ދިރާސާތައް ހަދަމުންނެވެ.

ވެކްސިން ޖަހަން ފަށާނެ ތާރީޚެއް އެޗްޕީއޭއަކުން އަދި ނުބުނެ އެވެ.