Roadha Mihaaru
ނަޖީބު މަރާލަން ހަނާގެ ގަސްތު އޮތްތޯ ސުވާލުތަކެއް

ނަޖީބު މަރާލަން ހަނާގެ ގަސްތު އޮތްތޯ ސުވާލުތަކެއް

03 ފެބުރުއަރީ 2021

މީގެ އަށް އަހަރު ކުރިން، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލުމުގެ ކުށް ސާބިތުވެފައިވާ އަހްމަދު މުއްރަތާ އެކު އެ ކުށް ކުރުމުގައި ބައިވެރިވި ފާތިމަތު ހަނާގެ ގަސްތާ މެދު ސުޕްރީމްކޯޓުގެ ފަނޑިޔާރުން ދައުލަތާ މިއަދު ގިނަ ސުވާލުތަކެއް ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީގެ އަށް އަހަރު ކުރިން، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލުމުގެ ކުށް ސާބިތުވެފައިވާ އަހްމަދު މުއްރަތާ އެކު އެ ކުށް ކުރުމުގައި ބައިވެރިވި ފާތިމަތު ހަނާގެ ގަސްތާ މެދު ސުޕްރީމްކޯޓުގެ ފަނޑިޔާރުން ދައުލަތާ މިއަދު ގިނަ ސުވާލުތަކެއް ކުރައްވައިފި އެވެ.

ނަޖީބު މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ، ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާ ކަމަށް ކަނޑައަޅައި ހަނާގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މަރުގެ ހުކުމެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ހަނާގެ ފަރާތުންނެވެ.

އުއްތަމަ ފަނޑިޔާރު އަަހުމަދު މުއުތަސިމް އަދުނާނު ރިޔާސަތު ބެލެހެއްޓެވި، ފަސް ފަނޑިޔާރުންގެ ބެންޗުން މި ސުވާލުތައް ކުރެއްވީ ނަޖީބް މަރާލުމުގެ ގަސްދު ހަނާގެ ނެތްކަމުގެ މައްޗަށް ހަނާގެ ވަކީލު އަހުމަދު ޝާފިއު ވަކާލާތު ކުރެއްވުމުންނެވެ. އޭނާ ވިދާޅުވީ ނަޖީބު މަރާލުމުގައި ބައިވެރިވެވުނުކަމަށް ހަނާ އިއުތިރާފް ވަނީ އޭނާ ކޮށްފައިވާ ބައެއް ކަންކަމާ ހެދި ކަމަށެވެ. އެއީ ނަޖީބުގެ އަނގަ ބަންދުވާނެހެން މޫނުމަތީގައި އަދި ގުޑައިނުލެވޭނެހެން ގޮނޑިއާ އެކު ޓޭޕް އެޅުމާއި ހާދިސާ ސިއްރުކުރުމުން ކަމަށެވެ.

"އެހެންވީމާ އެ ފަރާތުން، މި އިބާރާތުގެ ތެރޭގައި މެރުމުގެ ކަންތައްތަކާ ގުޅިގެން އެއްވެސްް އެއްޗެއް، މަގުތޫލު މަރުވެދާ ފަދަ އަމަލަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން އަޅުގަނޑު ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ބޭނުން،" ޝާފިއު ވިދާޅުވި އެވެ.

އެ މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ސުވާލުކުރުމުން ވެސް ހަނާގެ ޖަވާބު ދީފައި ވަނީ ނަޖީބު މަރާލުމުގެ ގަސްދެއް ނެތްކަން ދޭހަވާ އިބާރާތަކުން ކަަމަށް ވެސް ޝާފިއު ވިދާޅުވި އެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށަށް ހަނާ އިއުތިރާފްވަނީތޯ ޝަރީއަތުގެ މަޖިލީހުގައި ސުވާލުކުރި ކަމަށާއި އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެ ކަމުގައި ބައިވެރިވެނުކަމަށް އިއުތިރާފުވާ ވާހަކަ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

ހަނާގެ ވަކީލު ނެންގެވި އަނެއް ނުކުތާ އަކީ މުއްރަތު ނަޖީބަށް ވަޅިން ހަމަލާދީ މަރާލާފައިވާކަން ހަނާ އަށް އެނގުނީ އެ ކުށްކުރިތާ ގިނަ އިރުތަކެއް ފަހުން، އަނެއް ދުވަހުގެ ހެނދުނު ކަމަށް ވުމެވެ. މުއްރަތާއި ހަނާ ވެސް ދަށު ކޯޓުގައި ބުނެފައިވާ ގޮތުގައި މުއްރަތު ނަޖީބަށް ހަމަލާދީ މަރާލި އިރު ހަނާ އޮތީ ނިދައިފަ އެވެ. ހެނދުނުވީ ފަހުން މުއްރަތު ހަނާ އަށް ގޮވައި ހޭއްލައްވާފައި އެ ވާހަކަ ބުނި ކަމަށް ވެސް އެ ދެ މީހުން ކުރިން ބުނެފައި ވެ އެވެ.

"ކަން ހިނގަިއދިޔަ ގޮތް ބުނުމުން ހަނާގެ ފަރާތުން 'ތި ހެދީ ކިހިނެއްހޭ' މި އިބާރާތުން ބުނެފައިވާކަން އަހުމަދު މުއްރަތުގެ ފަރާތުން ބުނެފައި ވާތީ، ހަނާއަށް ކުރިން މި ދެންނެވިހެން އެފަދަ ކަމެއް ހިނގާނެކަމުގެ ނޮލެޖް [މައުލޫމާތު] އެއްވެސް ވަރަކަށް އެނގިފައިި ވެސް ނެތްކަން ދެކެން ޖެހޭކަަމަށް ގަބޫލުކުރެވޭ،" ޝާފިއު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ސުވާލުތަކެއް

ހަނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބޭނުންކޮށްފައިވާ އޭނާގެ އިއުތިރާފަކީ ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރުތާ އެއްފަދަ އިއުތިރާފެއް ކަމަށް ދައުލަތުން ގަބޫލުކުރަންތޯ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު ދައުލަތުގެ ވަކީލުންނާ ކުރެއްވި ސުވާލުކުރެއްވި އެވެ.

ފަނޑިޔާރު އިޝާރާތްކުރެއްވި މާއްދާގައި އޮތީ މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އަތުވެދާނެ ފަދަ ކުށަކަށް އޭނާ ވާ އިއުތިރާފަކީ ހުޅުވާލެވިފައިވާ ކޯޓެއްގައި އަދި ވަކީލުންގެ އެހީތެރިކަން ލިބިހުރެ، ވާ އިއުތިރާފަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތުން ވާ އިއުތިރާފަކީ ކުށުގެ އެންމެހާ ރުކުންތަކަށް، އަމިއްލަަ އިޚުތިޔާރުގައި ވާ އިއުތިރާފަކަށް ނުވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި ހަމަ އެކަނި ހެއްކެއްގެ ގޮތުގައި، ދައުލަތުން އެފަދަ އިއުތިރާފް ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އިއުތިރާފްގެ ބަޔާން ދިން އިރު ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ހަނާއަށް ދީފައިވާ ކަމަށާއި އެހެންވެ ހަނާގެ އިއުތިރާފަކީ އެ އުސޫލާ އެއްގޮތަށް ވެފައިވާ އިއުތިރާފެެއް ކަމަށެވެ.

ފަނޑިޔާރު ޝުޖޫންގެ އަނެއް ސުވާލަކީ ކުށްކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީ ގޮތުން ޔަގީންކުރެވޭ ވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެ ގާނޫނުލް އުގޫބާތުގައި އޮންނަ އިރު އެކަން ފުރިހަމަވެފައި އޮތްތޯ އެވެ.

ދައުލަތުން ބުނީ އެކަން ވެސް ފުރިހަަމަކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތުގެ ވަކީލުންނާ ސުވާލުކުރެއްވީ [ނަޖީބު] މެރުމުގެ ގަސްދު ހަނާގެ އޮތްކަން އެނގެނީ މައްސައިގެ ވާގިއާތުތަކުގެ ކިހާ ހިސާބަކުންތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ހަނާ އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ އަހުމަދު މުއްރަތު ދިިރިއުޅެމުން ދިޔަ މ. މަސްރޫރާ ގެއަށް ނަޖީބު ގެންދިއުމުގެ ކުރިން ވެސް ނަޖީބު މަރާލަން ހަނާ އާއި މުއްރަތު ރާވާފައިވާކަން އެ މީހުންގެ އިއުތިރާފުން އެނގޭ ކަމަށެވެ. އެ ގެއަށް ނަޖީބު ގެންދިއުމަށް ފަހު އޭނާ މަރާލަން މަގުފަހިވާ ގޮތަށް ހަނާ ވެސް ކަންތައްތަކެއް ކޮށްފައި ވުމަކީ ވެސް ގަސްދު އޮތްކަމުގެ ހެއްކެއް ކަމަށް ދައުލަތުން ބުންޏެވެ.

ނަޖީބު މަރާލުމުގައި ހަނާ ބައިވެރިވެފައިވާކަން އެނގެނީ ކިހިނެއްތޯ ވެސް ފަނޑިޔާރު މަހާޒް ސުވާލުކުރެއްވި އެވެ. ދައުލަތުން ބުނީ އެކަން އެނގެނީ ނަޖީބު އެ ގެއަށް ގެންދިއުމަށް ފަހު ނަޖީބު މަރާލަން ހަނާ އާއި މުއްރަތު ރާވާފައިވާކަމަށް ވެފައިވާ އިއުތިރާފާއި ގޮނޑިއަކާ އެއްކޮށް ނަޖީބު ބަނދެ، އޭނާގެ އަނގަޔާ އެއްކޮށް މޫނުގައި ޓޭޕް އެޅި ކަމަށް ވެފައިވާ އިއުތިރާފުން ކަމަށެވެ. މުއްރަތަށް ނަޖީބު މަރައިލަން ފަސޭހަވި އެންމެ ބޮޑު ސަބަކީ ވެސް ހަނާގެ އެ އަމަލު ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ދައުލަތުގެ ވަކީލުންގެ އިތުރުން ހަނާއާ ވެސް ސުވާލުތަކެއް ކުރެއްވި އެވެ. ދައުލަތާ އޭނާ ކުރެއްވި އެއް ސުވާލަކީ ހަނާ އާއި މުއްރަތު އުޅުނު ގެއަށް ނަޖީބު ގެނައީ އޭނާ މަރައިލަން ރާވައިގެންކަން ސާބިތުވަނީ ކޮން ގޮތަކަށްތޯ އެވެ. ހަމަ އެގޮތަށް ނަޖީބުގެ މޫނުމަތީގައި ޓޭޕް އެޅި އެޅުމަކީ މަރާލުމުގެ ނިޔަތުގައި ކުރި ކަމެއްކަން ސާބިތުވަނީ ކޮން ހެކިތަކަކުންތޯ ވެސް ސުއޫދު ސުވާލުކުރެއްވި އެވެ.

ދައުލަތުގެ ފަރާތުން ބުނީ ފުލުހުންނަށް ހަނާ ދިން ބަޔާނުގައި އެކަން ވަރަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށާއި ނަޖީބު އެ ގެއަށް ގެންދަން ރޭވީ ފޭރުމަށް ފަހު އޭނާ މަރާލަން ވެސް ހަނާ އާއި މުއްރަތު ނިންމައިގެން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހަނާއާ ވެސް ސުވާލުތަކެއް ކުރެއްވި އެވެ. ހަނާ ބުނީ އޭގެ ތެރެއިން ގިނަ ސުވާލުތަކަށް ޖަވާބު ދެވޭނީ ވަކީލާ މަޝްވަރާކޮށްފައި ކަމަށެވެ. އެހެންވެ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށާއި ފުރުސަތު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެ ފަރާތުން ވެސް ވާހަކަތައް ނިންމައިލުމަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.