Roadha Mihaaru
ޔޫއޭއީގައި ފްލޯޓިން ގެ ވިއްކަން ފަށައިފި

ޔޫއޭއީގައި ފްލޯޓިން ގެ ވިއްކަން ފަށައިފި

27 މެއި 2021

އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޔޫއޭއީ އިން ފްލޯޓިން ގެ ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޔޫއޭއީ އިން ފްލޯޓިން ގެ ވިއްކަން ފަށައިފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްލޯޓިން ހައުސިން ޕްރޮޖެކްޓަކީ "ދަ ނެޕްޗޫން ސީ ރިސޯޓް" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ބައެކެވެ. އޭގެ ދަށުން ތަރައްގީކުރާ ފުރަތަމަ ފްލޯޓިން ގެ ގަނެފައި ވަނީ އިންޑިއާ ދަރިކޮޅުގެ ދުބާއީގެ ވިޔަފާވެރިޔާ ބަލްވިންދަރު ސަހާނީ (އަބޫ ސަލާ) އެވެ.

ފްލޯޓިން ގެއެއްގެ އަގަކީ 20 މިލިއަން ދިރުހަމް (5.45 މިލިއަން ޑޮލަރު) އެވެ.

ފްލޯޓިން ހައުސިން ޕްރޮޖެކްޓް ފުރަތަމަ ކުރިއަށް ގެންދަން ނިންމާފައި ވަނީ އަލް ހަމްރާ ޕޯޓްގެ ރަސް އަލް ޚައިމާ އާއި ޖުމޭރާގަ އެވެ.

ފްލޯޓިން ގެތައް ތަރައްގީކޮށް ވިއްކަން ކުރިއަށް ގެންދާ މަޝްރޫގައި ގެތައް އިމާރާތްކުރުމުގެ މަސައްކަތްކުރަނީ ކަނޑު އުޅަނދުފަހަރު ބަންނަން މަޝްހޫރު ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ސީގޭޓް ޝިޕްޔާޑުންނެވެ. އެގޮތުން މޫދުގައި އިމާރާތްކުރާ ގެތަކަކީ ހަތަރު ކޮޓަރި ހިމެނޭ ގޮތަށް ދެ ބުރިއަށް އިމާރާތްކުރާ ތަންތަނެވެ. އަދި ކޮންމެ ގެއެއް 900 އަކަފޫޓަށް ވުރެ ބޮޑުވާނެ އެވެ.

މި ގެތަކުގައި ހިތްގައިމު ހަތަރު ކޮޓަރިއާ އެކު އެޓޭޗް ފާހާނާ އާއި ސިޓިންރޫމާއި ބަދިގެ އާއި ބެލްކަންޏާއި ގޭގައި ގެންގުޅޭ މީހުންނަށް ހާއްސަ އިތުރު ދެ ކޮޓަރިއާ އެކު ބިއްލޫރިން ހަދާފައިވާ ސްވިމިން ޕޫލެއް ހިމެނެ އެވެ.

ލަގްޒަރީ ފެންވަރަށް ތިމާވެއްޓާ ރައްޓެހިކޮށް ތަރައްގީކުރާ ގެތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނީ ސޯލާއިންނެވެ. އަދި ގޭގެ ގިނަ ފަންކްޝަންތައް މަސައްކަތްކުރާނީ އޮޓޮމޭޓެޑް ސްމާޓް ސިސްޓަމް މެދުވެރިކޮށެވެ

"ދަ ނެޕްޗޫން ސީ ރިސޯޓް" މަޝްރޫއު 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްކޮށް ނިންމަން އަމާޒު ހިފާފައިވާ އިރު، އެތަނުގައި 156 ލަގްޒަރީ ސުއިޓްސްއާ އެކު، ވަށައިގެންވާ ސަރަހައްދުތަކުގައި 12 ރެޒިޑެންޝަލް ފްލޯޓިން ގެތައް ހުންނާނެ އެވެ.