Roadha Mihaaru
ލަތާ ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި

ލަތާ ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި

08 ފެބުރުއަރީ 2021

ޓީވީ ސިލްސިލާތަކުގައި އުމުރަށް ވުރެ އެތައް އަހަރެއް ދޮށި ރޯލްތަކެއް ކުޅެފައިވާ ބަތަލާ ލަތާ ސަބްރަވާލް ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ ސިލްސިލާތަކުގައި އުމުރަށް ވުރެ އެތައް އަހަރެއް ދޮށި ރޯލްތަކެއް ކުޅެފައިވާ ބަތަލާ ލަތާ ސަބްރަވާލް ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި އެވެ.

ސްޓާ ޕަލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ފަދަ ސިލްސިލާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މުހިއްމު ކެރެކްޓާތަކެއް ކުޅުނު 45 އަހަރުގެ ބަތަލާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ސިލްސިލާތައް ކުޅުން ހުއްޓާލައި މިހާރު ބޭނުން ވަނީ ވެބް ސީރީޒްތަކާއި ފިލްމުތަކުގައި މަސައްކަތްކުރަން ކަމަށެވެ. އެގޮތުން ލިބޭ ކުޑަކުޑަ ރޯލްތަކަށް ވެސް އެއްބަސްވާނެ ކަމަށް ލަތާ ބުންޏެވެ.

"އަހަރެންގެ ހަޔާތުގައި ވެސް ސިލްސިލާތައްވެފައި އޮތީ ވަރަށް މުހިއްމު ބަޔަކަށް. [އެކަމަށްޓަކައި ފުރުސަތު ދިން މީހުންނަށް] ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

އާންމުކޮށް ގެވެހި ރޯލުތައް ކުޅެގެން އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދި ލަތާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "އިޝްގް މޭ މަރުވާޖާ" އާއި "ވޯ އަޕްނާ ސާ" އާއި "ވޯ ރެހެނޭ ވާލީ މެހެލޯން ކީ" އަދި "ޚުޝިޔާން" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ. ގިނަ ސިލްސިލާތަކުގައި ލަތާ ކުޅެފައި ވަނީ އޭނާއާ އުމުރުގެ ގޮތުން މާ ބޮޑު ތަފާތެއް ނެތް މަންމަ/ބޮޑުމަންމަ ނުވަތަ ބޮޑުދައިތަ ފަދަ ރޯލްތަކެވެ.

އޭނާ ވެބް ސީރީޒްތަކާއި ފިލްމުތަށް މިހާރު ވަގުތު ދޭން ނިންމާފައިވާ އިރު ބައެއް ފިލްމުތަކުގައި ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރާ އެކު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ގެނެސްދިން "ވިވާ" އާއި ޝާހިދުގެ އަލަތު ފިލްމު "އިޝްގް ވިޝްގް" ގެ އިތުރުން ސަލްމާން ޚާނާ އެކު ސޫރަޖް ގެނެސްދިން "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.

ލަތާގެ ފިރިމީހާ ސަންޖީވް ސޭތު އަކީ ވެސް އެކްޓަރެކެވެ. "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އަކީ އެ ދެ މީހުން ދެމަފިރިންގެ ރޯލު ކުޅުނު ސިލްސިލާތަކެވެ.

ލަތާ އަކީ ފިރިހެން ކުއްޖެއްގެ މައެކެވެ. ދެހާސް ދިހައެއްގައި ލަތާއާ ކައިވެނިކުރުމުގެ ކުރިން ސަންޖީވްގެ ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ.