Roadha Mihaaru
ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި

ސުޝާންތު ކުޅުނު ރޯލު ޝަހީރު ކުޅެން ފަށަައިފި

14 ޖުލައި 2021

މިދިޔަ އަހަރު އަމިއްލަ އަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސުންގް ރާޖްޕޫތުގެ އެކްޓިން ކެރިއަރުގެ ފެށުން ކަމަށްވާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި އޭނާ ކުޅުނު ކެރެކްޓާ މާނަވް ރޯލާ އެކު، މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝެއިހް ވަރަށް އަވަހަށް ބައްދަލުކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު އަމިއްލަ އަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސުންގް ރާޖްޕޫތުގެ އެކްޓިން ކެރިއަރުގެ ފެށުން ކަމަށްވާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި އޭނާ ކުޅުނު ކެރެކްޓާ މާނަވް ރޯލާ އެކު، މަޝްހޫރު ޓީވީ އެކްޓަރު ޝަހީރު ޝެއިހް ވަރަށް އަވަހަށް ބައްދަލުކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.

ޒީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީން "ޕަވިތުރަ ރިޝްތާ" މި ހަދަނީ ވެބް ސީރީޒެއްގެ ގޮތުގަ އެވެ. އެހެންވެ ޓީވީން ގެނެސްދިނުމުގެ ބަދަލުގައި އެ ބަލައިލެވޭނި ބާލާޖީގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބާލާޖީންނެވެ.

އޭގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ ސީރީޒްގެ ޝޫޓިން ފެށިކަން ވެސް ކަށަވަރުކޮށްދީ، ޝޫޓިންގެ ތެރޭގައި ނަގާފައިވާ ބައެއް ފޮޓޯތައް އާންމުކޮށްފަ އެވެ.

އެގޮތުން "ޕަވިތުރަ ރިޝްތާ" ގެ ސީރީޒްގެ ލީޑް އެކްޓަރު މާނަވްގެ ރޯލު ޝަހީރު ކުޅޭ އިރު، ބަތަލާ އަކީ ކުރިން ވެސް އަރްޗަނާ ދޭޝްމުކްގެ ރޯލު ކުޅުނު އަންކިތާ ލޯކަންދޭ އެވެ.

މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އަންކިތާ އާއި ސުޝާންތު "ޕަވިތުރަ ރިޝްތާ" ގެ ސެޓުން ދިމާވެ، ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅުނެވެ. އެ ދެ މީހުން ވަކިވީ ކައިވެންޏަށް ވެސް ތައްޔާރުވަމުން ދަނިކޮށެވެ.

"ޕަވިތުރަ ރިޝްތާ" ކުޅެމުން ދަނިކޮށް ސުޝާންތަށް 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުމުން އޭނާ ސިލްސިލާ ދޫކޮށްލި އެވެ. އޭގެ ފަހުން މާނަވްގެ ރޯލު ކުޅުނީ ހިތޭން ތެޖްވާނީ އެވެ.

"ޕަވިތުރަ ރިޝްތާ" އަކީ 2009-2014 އަށް ގެނެސްދިން އެއްޗެކެވެ.

މީގެ އާ ބައެއް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމިކަން އެކްތާ އިއުލާންކުރީ ސުޝާންތު މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އަދި އެ ހަދަން ނިންމީ ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

އޭނާ އާންމުންގެ ލޯބި ހޯދި މާނަވްގެ ކެރެކްޓާއާ މި ފަހަރު ހަވާލުވި ޝަހީރަކީ މި ވަގުތު އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މަގުބޫލު އެކެކެވެ. ޝަހީރު ކުޅުނު ސޮނީ ޓީވީގެ ކާމިޔާބު ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ވެސް ރޭ ވަނީ ދައްކަން ފަށައިފަ އެވެ. އެ ގެނެސްދެނީ ރާއްޖެ ގަޑިން ރޭގަނޑު 8:00 ގަ އެވެ.

"ޕަވިތުރަ ރިޝްތާ" ގެ ސީރީޒް ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަމަށް އޯލްޓް ބާލާޖީން ބުންޏެވެ. އަދި މީގެ ކާސްޓުން ކުރީގެ ބައެއް ތަރިންނާއި އާ ކާސްޓުންތަކެއް ވެސް ފެނިގެން ދާނެ އެވެ.