Roadha Mihaaru
ސިދާތާއި ޖެނިފާ އަށް ވެބް ސީރީޒެއް

ސިދާތާއި ޖެނިފާ އަށް ވެބް ސީރީޒެއް

23 ޖޫން 2021

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ސިދާތު ޝުކްލާ އާއި ޖެނިފާ ވިންގެޓަށް ވެބް ސީރީޒެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ސިދާތު ޝުކްލާ އާއި ޖެނިފާ ވިންގެޓަށް ވެބް ސީރީޒެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެލީ ޗައްކަރުން ބުނި ގޮތުގައި ދެ ތަރިންނަށް ސްޓްރީމިން ފްލެޓްފޯމަކުން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމާފައިވާ އިރު، އެކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އެކަމަކު އެއީ ކޮން ޕްލެޓްފޯމެއްގެ އެއްޗެއް ކަމެއް ހާމައެއްނުކުރެ އެވެ.

ސިދާތާއި ޖެނިފާ އަދި މިހާތަނަށް އެކީގައި އަދި މަސައްކަތެއް ނުކުރެ އެވެ.

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ކާމިޔާބުކުރި ފަހުން ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ސިދާތު އެންމެ ފަހުން ފެނިފައި ވަނީ އެކްތާ ކަޕޫރްގެ އޯލްޓް ބާލާޖީން މިދިޔަ މަހު ގެނެސްދިން ވެބް ސީރީޒް "ބްރޯކެން ބަޓް ބިއުޓިފުލް 3" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަށް ޕްރަބާސް އާއި ސައިފް އަލީ ޚާންގެ ފިލްމު "އާދިޕުރުޝް" އިން ވެސް ފުރުސަތު ލިބިފައިވާ އިރު ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ސީރީޒަކަށް ވެސް މިހާރު ސޮއިކޮށްފައިވެ އެވެ. ސްޕައި ޖޯންރާގެ އެ ސީރީޒްގެ ކާސްޓްގައި ޕަންޖަކް ތުރިޕަތީ އާއި މޮނިކާ ޑޯގްރާ ވެސް ހިމެނެ އެވެ.

ކުރިން ބޮލީވުޑްގެ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ ޖެނިފާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ސޮނީ ޓީވީން މިދިޔަ އަހަރު ނިންމައިލި "ބޭހަދު 2" އެވެ. އަދި އެ ޗެނެލުން މިދިޔަ އަހަރު ނިންމައިލި "އިޝާރޯ އިޝާރޯ މޭ" ގެ ކުޑަ ރޯލަކުން ވެސް ޖެނިފާ ފެނިފައިވެ އެވެ.

ސިދާތާ އެކު ވެބް ސީރީޒެއް ކުޅެން ފުރުސަތު ލިބުނު އިރު، ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ ކުރީގެ އަންހެނުން ވެސް ކުރިން ވެބް ސީރީޒެއް ކުޅެފައިވެ އެވެ. އެއީ އެކްތާގެ އޯލްޓް ބާލާޖީގެ "ކޯޑް އެމް" އެވެ.