Roadha Mihaaru
ކޮކަ ކޯލާ އިން ކަރުދާސްފުޅި ޓެސްޓްކުރަނީ

ކޮކަ ކޯލާ އިން ކަރުދާސްފުޅި ޓެސްޓްކުރަނީ

13 ފެބުރުއަރީ 2021

ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަމާޒު ހިފާފައިވާތީ ކޮކަ ކޯލާ ކުންފުނިން ކަރުދާސްފުޅި ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަމާޒު ހިފާފައިވާތީ ކޮކަ ކޯލާ ކުންފުނިން ކަރުދާސްފުޅި ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

މިކަމަށް ހާއްސަކޮށްގެން މިހާރު ކަރުދާސްފުޅީގެ ޕްރޮޓޯޓައިޕެއް ވެސް ހަދައި އެ ވަނީ ދައްކާލައިފަ އެވެ. ޑެންމާކްގެ ޕަބޯކޯ ކުންފުންޏާ ގުޅިގެން ހަތް އަހަރު ވަންދެން ކުރި މަސައްކަތުން އުފެއްދި މި ޕްރޮޓޯޓައިޕަކީ އަދިވެސް މުޅިން ޕްލާސްޓިކް ނެތް އެއްޗެއް ނޫނެވެ. ފައިބަ-ކަރުދާސް ފުޅީގައި ޕްލާސްޓިކްގެ ވަރަށް ތުނި ފަށަލެއް ހިމަނާފައިވެ އެވެ.

ކޮކަ ކޯލާގެ އަމާޒަކީ 100 ޕަސެންޓް ރިސައިކަލްކުރެވޭ، ޕްލާސްޓިކް އެއްވެސް ވަރަކަށް ނުހިމެނޭ ފުޅީގައި ކުންފުނީގެ ބުއިންތައް ނެރުމެވެ. މައިގަނޑު އަމާޒަކީ 2030 ގައި ޒީރޯ ވޭސްޓަށް ދިއުމެވެ.

ކޮކަ ކޯލާގެ އުފެއްދުންތައް ކަރުދާސް ފުޅީގައި ނެރެން ވިސްނާ އިރު އެންމެ ބޮޑަށް އިސްކަންދޭން ޖެހެނީ ރަހަ އަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނަ، ފުޅި އުފައްދަން ބޭނުންކުރާ ކަރުދާހުގެ ސަބަބުން ފައިބަ ފްލޭކްސް ވެސް ބުއިންތަކުގެ ތެރެއަށް އެއްވެސް ގޮތަކުން ނުދާނެކަން ކަށަވަރުކުރުމެވެ.

ކޮކަ ކޯލާ އިން ބުނީ ޕަބޯކޯ އިން އުފެއްދި ކަރުދާސް ފުޅީގައި އެންމެ ފުރަތަމަ ބުއިންތައް ނެރޭނީ ޓްރަޔަލްއެއްގެ ގޮތުން ހަންގޭރީގައި ކަމަށެވެ. ކަރުދާސް ފުޅީގައި ޓެސްޓްކުރާ ފުރަތަމަ ބުއިމަކީ "އަޑޭޒް" ކިޔާ ފުރްޓް ޑްރިންކެކެވެ.

މި ޓެސްޓްކުރަން އެންމެ ފުރަތަމަ ނެރޭނީ 2،000 ފުޅި އެވެ. އެ ފުޅިތައް ހަންގޭރީގެ ރޭލު ސްޓޭޝަންތަކުގައި ބަހާނެ އެވެ.

ކޮކަ ކޯލާގެ ކޮމާޝަލް މެނޭޖަރު މައިކަލް މިޝެލްސެން ވިދާޅުވީ ކަރުދާސްފުޅީގައި ނެރޭ "އަޑޭޒް" އިން ކުރިއަށް ދާންވީ ގޮތުގެ ބޮޑު މަންޒަރެއް ސާފުވާނެ ކަމަށެވެ.

"އެންމެ މުހިއްމު އެއް ކަމަކީ ބުއިންތަކުގެ އަސްލު ރަހަ ކޮމްޕްރަމައިޒްނުވުން. އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ތިމާވެއްޓާ ރައްޓެހި ފުޅީގައި އުދެއްދުންތައް ގެނެސްދޭން ބޭނުން ވަނީ." އޭނާ ވިދާޅުވި އެެވެ.

މިކެލްސަން ވިދާޅުވި ގޮތުގައި ނަތީޖާ ވަރަށް ރަނގަޅުވާނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑެވެ.

"މިއީ ގޮންޖެހުންތައް ބޮޑު މަސައްކަތަކަށްވާނެ. އެކަމަކު އޮޕްޝަންތަކެއް ހުހެއް ނުވާނެ. ޓެކްނޮލޮޖީގެ ތެރެއިން މިހާރު ކޮންމެވެސް ގޮތަކުން ސާފު ހައްލު ހޯދޭނެ." އޭނާ ވިދާޅުވި އެވެ.