Roadha Mihaaru
އިދިކޮޅުން ބުނީ އަނިޔާވީ ފުލުހުން ގޯސް ހެދުމުން ކަމަށް

މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވި؛ އިދިކޮޅުން ބުނީ ގޯސް ހެދީ ފުލުހުން ކަމަށް

12 ފެބުރުއަރީ 2021

އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރޭގައި ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން ބުނީ ފުލުހުންނަށް އަނިޔާވާ ވަރުގެ އެއްވެސް ކަމެއް މުޒާހަރާގައި ނުހިނގާ ކަމަށެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރޭގައި ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން ބުނީ ފުލުހުންނަށް އަނިޔާވާ ވަރުގެ އެއްވެސް ކަމެއް މުޒާހަރާގައި ނުހިނގާ ކަމަށެވެ.

ސަރުކާރުން ދާދި ފަހުން ދާއިމީ ލިސްޓު އާންމު ކުރި، ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެ މުޒާހަރާ ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ފިޔަވަޅުތައް އެޅިއިރު ބައެއް ފުލުހުންނާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް ވެސް އަނިޔާވި އެވެ.

ފުލުހުންނާ "މިހާރު" ން ސުވާލު ކުރުމުން ބުނީ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވި ކަމަށެވެ. އެއް ފުލުހެއްގެ ބޮލުގައި ދިދަ ދަނޑިއަކުން ޖެހި ބޮލުގެ ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އިތުރު ފުލުހެއްގެ ފައިމައްޗަށް ސައިކަލެއް ވެއްޓި ފަޔަށް ތަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް ފުލުހަކަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ކޯލިޝަނުން ހިންގާ އެއްވެސް ހަރަކާތެއްގައި ފުލުހުންނަށް އަނިޔާއެއް ލިބިދާނެ ފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ. ނަމަވެސް މިއަދުގެ މުޒާހަރައިން ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުންނަށް އަނިޔާވެ ބައެއް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހަކަށް އަނިޔާވީ ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ވަގުތެއްގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ރެކޯޑް މިންވަރަކަށް އިތުރުވެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ބޭއްވި މުޒާހަރާ އިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. މިހާލަތުގައި މުޒާހަރާ ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ މުޒަހާރާ އިންތިޒާމު ކުރި ބަޔަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.