Roadha Mihaaru
އެމްއެންޔޫގެ އާކިޓެކްޗަ ކޯސް އިތުރަށް ހަރުދަނާކުރަނީ

އެމްއެންޔޫގެ އާކިޓެކްޗަ ކޯސް އިތުރަށް ހަރުދަނާކުރަނީ

09 ނޮވެމްބަރ 2016

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ހިންގާ އާކިޓެކްޗަ ކޯހުގެ ޑިގްރީ އަދި މާސްޓާސް ކޯސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ހިންގާ އާކިޓެކްޗަ ކޯހުގެ ޑިގްރީ އަދި މާސްޓާސް ކޯސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ކަމާއި ގުޅޭ މުއައްސަސާތަކުގެ 20 ބައިވެރިންނާއެކު ޝީ ބިލްޑިންގްގައި ފެށި ބައްދަލުވުމުގައި، "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫގެ ދަށުން ކުރެވޭނެ ކަންކަން ބަލާނެ އެވެ. މިއީ އެންވަޔަރްމެންޓް މިނިސްޓްރީ އާއި އ.ދ ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ އާއި ގްލޯބަލް އެންވަޔަރުމެންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާ އެކު މި ފެށި މަސައްކަތުގެ ސަބަބުން ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާނެ ގިނަ ބަޔަކު އުފެދޭނެ ކަމަށެވެ. އަދި މިއީ ވަރަށް މުހިއްމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޖްވަދު ވިދާޅުވީ ތިމާވެއްޓާއި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިޔާދަކުރުވަނިވި ހަކަތައިން ބޭނުންކުރާ ކަރަންޓަށް 2018 ވަނަ އަހަރުގެ ކުރިން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.