Roadha Mihaaru
ރިސޯޓުތަކުގައި ވެކްސިން ދޭން ފަށައިފި

ރިސޯޓުތަކުގައި ވެކްސިން ދޭން ފަށައިފި

14 ފެބުރުއަރީ 2021

ޓޫރިޒަމް މިނިސްޓްރީ އާއި އެޗުޕީއޭއާ ގުޅިގެން ރިސޯޓުތަކުގައި ކޮވިޑް-19 ގެ ވެކްސިން ދޭން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމް މިނިސްޓްރީ އާއި އެޗުޕީއޭއާ ގުޅިގެން ރިސޯޓުތަކުގައި ކޮވިޑް-19 ގެ ވެކްސިން ދޭން މިއަދު ފަށައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ފުރަތަމަ ދޭން ފެށީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. އެކަމަކު، މި ހަފުތާގެ ތެރޭގައި އިތުރު ރިސޯޓުތަކުގައި ވެސް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ، ބަނޑޮހުގައި ވެކްސިން ދޭން ފެށީ އެހެން ރިސޯޓުތަކުގައި ވެސް ވެކްސިން ދެވޭނެ ކަން ޔަގީން ކުރަން ކަމަށެވެ. މިއަދުގެ މިހާތަނަށް ޕްރޮގްރާމް ކުރިއަ ށްގޮސްފައި ވަނީ ކާމިޔާބުކަމާއެކު ކަމަށާއި 100 އެއްހާ މުވައްޒަފުންނަށް ވެކްސިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޒާން ވިދާޅުވިގޮތުގައި ޓޫރިޒަމް މިނިސްޓްރީން އަންނަނީ ވެކްސިން ދޭނެ ގޮތާއި ވެކްސިން ގެންގުޅޭނެ ގޮތް ރިސޯޓުތަކުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ދަސްކޮށްދެމުންނެވެ. މި ތަމްރީނުތައް ނިންމައި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކަށް ފެތޭ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ވެސް ކޮވިޑު ވެކްސިން ދިނުމުގެ ހުއްދަ ދޭނެ އެވެ.

"މިއަދު ހަމައެކަނި ބަނޑޮހުގައި ވެކްސިން ދޭން ފެށި ނަމަވެސް އަޅުގަނޑުމެންގެ ޝަރުތުތައް ފުރިހަމަ ކުރާ ރިސޯޓުތަކަށް ހުއްދަ ދޭނެ. މި ދެ ދުވަހު މި ބަލަނީ ރިސޯޓުތަކުގައި މިކަން ރަނގަޅަށް ކުރިއަށް ގެންދެވޭނެތޯ. މިހާތަނަށް ވަރަށް ރަނގަޅަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ދަނީ،" ރައްޒާން ވިދާޅުވި އެވެ.

ބަނޑޮހުގެ ނަރުހަކު އެ ރިސޯޓުގެ މުވައްޒަފަކަށް ވެކްސިން ދޭންތައްޔާރުވަނީ: ކޮންމެ ރިސޯޓެއްގައި ވެސް ވެކްސިން ދޭން ޓްރެއިންވެފައި ތިބި ދެ ސިއްހީ ހިދުމަތްތެރިން ތިބެން ޖެހޭ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ބަނޑޮހުގެ ނަރުހަކު އެ ރިސޯޓުގެ މުވައްޒަފަކަށް ވެކްސިން ދޭންތައްޔާރުވަނީ: ކޮންމެ ރިސޯޓެއްގައި ވެސް ވެކްސިން ދޭން ޓްރެއިންވެފައި ތިބި ދެ ސިއްހީ ހިދުމަތްތެރިން ތިބެން ޖެހޭ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ވެކްސިން ދޭ ރިސޯޓެއް ނަމަ އެ ކަމަށް ތަމްރީނު ކޮށްފައި ތިބި ދެ ސިއްހީ ހިދުމަތްތެރިން ތިބެން ޖެހޭނެ އެވެ. ވެކްސިން ދިނުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮަތަށް ކިޔޫގައި ތިބެވޭނެ ގޮތާއި ވެކްސިން ޖެހުމަށް ފަހު، މަޑުކުރެވޭނެ ގޮތާއި ސިއްހީ އެހީތެރިކަން ބޭނުންވާ ހާލަތެއްގައި އެ ހިދުމަތް ދެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ.

ރައްޒާން ވިދާޅުވީ މިގޮތަށް ހުއްދަ ދޭ ތަންތަނާއި ކައިރި ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް އެ ތަނަކަށް ގޮސް ވެކްސިން ޖެހޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 562 މުވައްޒަފަކަށް ވަނީ ކޮވިޑު ވެކްސިން ދީފަ އެވެ. މީގެ ތެރޭގައި 35 ރިސޯޓެއްގެ މުވައްޒަފުން ހިމެނެ އެވެ.