Roadha Mihaaru
ވެކްސިން ޖެހި ޓޫރިޒަމް މުވައްޒަފުން 14،500 އަށް

14،500 އަށް ވުރެ ގިނަ ޓޫރިޒަމް މުވައްޒަފުން ކޮވިޑް ވެކްސިން ޖަހައިފި

30 މާޗް 2021

މިދިޔަ ހަފުތާގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 14،898 މުވައްޒަފަކު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ހަފުތާގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 14،898 މުވައްޒަފަކު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓު މުވައްޒަފުންނެވެ. އެގޮތުން، މިހާތަނަށް 14،147 މުވައްޒަފަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ 306 މުވައްޒަފަކާއި ލިވަބޯޑުތަކުގައި މަސައްކަތް ކުރާ 220 މުވައްޒަފެއްގެ އިތުރުން ހޮޓަލްތަކުން 70 މުވައްޒަފަކާއި ޓްރެވަލް އެޖެންސީތަކުގެ 24 މުވައްޒަފެއް އަދި އެކި އެކި ހަރަކާތްތައް ހުށަހަޅަން ރިސޯޓުތަކަށް ދާ 64 އާޓިސްޓަކާއި ޓޫރިޒަމް މިނިސްޓްރީގެ 67 މުވައްޒަފަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވަނީ އެ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކޮވިޑް ވެކްސިން ޖެހުމަށް ގިނަ މުވައްޒަފުން ތިބޭ ރިސޯޓުތަކުގައި ވަނީ ކޭމްޕުތައް ބަހައްޓައިފަ އެވެ. އެހެނިހެން ރިސޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެތަނަކާ އެންމެ ކައިރީގައި ހުންނަ ފެސިލިޓީއަކުން ވެކްސިން ޖެހޭނެ އިންތިޒާމް ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ވަނީ ހަމަޖައްސައިފަ އެވެ.

މިހާތަނަށް ރާއްޖޭގެ 233،875 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް 639 ޓޫރިސްޓު ފެސިލިޓީއަކުން އަންނަނީ ހިދުމަތްދެމުންނެވެ. މީގެ ތެރޭގައި 150 ރިސޯޓަކާއި 395 ގެސްޓު ހައުސް އާއި 137 ސަފާރީ އަދި 11 ހޮޓެލް ހިމެނެ އެވެ. މިއީ އެދުގެ ނިސްބަތުން ބަލާ ނަމަ 46،023 އެނދެވެ.