Roadha Mihaaru
ހުއްދަ ދިނުމާ އެކު ސިނޯފާމް ވެކްސިން ޖަހަން ފަށާނެ

ހުއްދަ ދިނުމާ އެކު ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި ދޭން ފަށަނީ

16 ފެބުރުއަރީ 2021

ކޮރޯނާވައިރަހަށް ޗައިނާ ސަރުކާރުގެ ސިނޯފާމް ކުންފުނިން އުފެއްދި، ރާއްޖެ އަށް 10،000 ޑޯޒު ލިބިފައިވާ ވެކްސިނަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހަވާލުވެ ހުންނެވި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރޯނާވައިރަހަށް ޗައިނާ ސަރުކާރުގެ ސިނޯފާމް ކުންފުނިން އުފެއްދި، ރާއްޖެ އަށް 10،000 ޑޯޒު ލިބިފައިވާ ވެކްސިނަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހަވާލުވެ ހުންނެވި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މި މަހު ފެށި ވެކްސިން ޕްރޮގްރާމްގައި އިންޑިއާ އިން ހަދިޔާކުރި އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން މިހާރު ދެމުން އަންނައިރު އެމްއެފްޑީއޭގެ ހުއްދަ ލިބުމާ އެކު ޗައިނާގެ ވެކްސިން ވެސް ޖަހަން ފަށާ ގޮތަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން އިން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން، ސިނޯފާމްގެ 10،000 ޑޯޒު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ކޮވިޑްގެ 100،000 ޑޯޒު ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ ކޮން ބްރޭންޑެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޗައިނާ އިން އާންމުކޮށް ހަދިޔާކުރަނީ ސިނޯފާމް އާއި ސިނޯވެކް ވެކްސިނެވެ.

ސްޓޭޓް މިނިސްޓަރު ޝާހް "މިހާރު" އަށް ވިދާޅުވީ ކޮންމެ ވެކްސިނެއް ވެސް ރާއްޖެ ގެނައުމުން ވަރަށް ގިނަ ކަންކަމަށް ބަލާ ކަމަށެވެ. އޭގެތެރޭގައި ވެލިޑިޓީ އާއި ރިސާޗާއި ޑޭޓާ އާއި އެހެން ރެގިއުލޭޓްރީ އޮތޯރިޓީތަކުން ދޫކޮށްފައި ހުންނަ ލައިސަންސަށް ބަލާނެކަން ފާހަގަކުރެއްވި އެވެ.

"މިފަދަ ބައިވަރު ކަންތައްތަކަށް ބަލާފައި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތެންޏާ ހުއްދަ މި ދޫކުރަނީ. ޗައިނާގެ ވެކްސިނަށް ހުއްދަ ދިނުމުގެ މަސައްކަތް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ވަރަށް ގިނަ ގައުމުތަކުގައި ވެސް މިހާރު ޖަހަމުން އަންނަ އެ ހުއްދަ ދޫކުރެވޭނެ ކަމަށް ލަފާކުރެއްވޭ ތާރީޚެއް ޝާހް ވިދާޅެއް ނުވެ އެވެ.

ޗައިނާގެ ސިނޯފާމް ވެކްސިން: މި ވެކްސިނަށް ހުއްދަ ދިނުމުގެ ކަންކަން އެމްއެފްޑީއޭ އިން ކުރިއަށް އެބަގެންދޭ.

ޗައިނާގެ ސިނޯފާމް ވެކްސިން: މި ވެކްސިނަށް ހުއްދަ ދިނުމުގެ ކަންކަން އެމްއެފްޑީއޭ އިން ކުރިއަށް އެބަގެންދޭ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޝީލްްޑް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަ ދިނީ މި ހަފުތާ ތެރޭގަ އެވެ. އެކަމަކު އޭގެކުރިން އެމްއެފްޑީއޭ އިން ބަލަން ޖެހޭ ބެލުންތަކަށް ފަހު ރާއްޖެ އިން އައީ އެ ވެކްސިން ދެމުންނެވެ.

އާބާދީގެ ބޮޑު ބަޔަކަށް ދޭން ނިންމާފައި ވަނީ ކޮވިޝީލްޑް ވެކްސިން ނަމަވެސް މިހާރު ބެލެވިފައި ވަނީ ތިން ވައްތަރެއްގެ ވެކްސިން ރާއްޖޭގައި ދޭނެ ކަަމަށެވެ. އެއީ ކޮވިޝީލްޑާއި ސިނޯފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ.

ފައިޒާ ވެކްސިން ރާއްޖެ ލިބެނީ ކޮވެސްގެ ތެރެއިން

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވެކްސް" ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ގާތްގަނޑަކަށް 108،000 ޑޯޒްގެ ޔަގީންކަން ވަނީ ލިބިފަ އެވެ.

ޝާހް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ޑަބްލިއުއެޗްއޯގެ ވެކްސިން ރާއްޖެ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެކި ބައިބަޔަށް ބަހާލައިގެން ރާއްޖެ ވެކްސިން ފޮނުވާއިރު ފުރަތަމަ ގާތްގަނޑަކަށް 40،000 ޑޯޒު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ހެލްތު މިނިސްޓްރީގެ ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީގެ ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ވެސް ރާއްޖެއަށް ފޮނުވަނީ ކޮވިޝީލްޑް ވެކްސިން ކަމަށެވެ. ހަމަ އެ ފެސިލިޓީން ފައިޒާގެ 5،000 ޑޯޒު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ވަނީ ކޮވިޝީލްޑުގެ 700،000 ޑޯޒު ގަތުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ވެކްސިން ލިބޭނެ ދުވަހެއް ކަމާބެހޭ އިދާރާތަކުން އަދި ނުބުނެ އެވެ.

ޝާހް ވިދާޅުވި ގޮތުގައި އެކި ގައުމުތަކުން ރާއްޖެ އަށް ވެކްސިން ހަދިޔާކުރުމާ އެކު ތަފާތު ތިން ވައްތަރެއްގެ ވެކްސިން ރާއްޖޭގައި ދިނުން އެއީ މައްސަލައެއް ނޫނެވެ. ގައުމުތަކަށް ވެކްސިން ލިބުން ދަތި ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނުމަކީ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ ބްރޭޑްތަކުގައި ތަފާތެއް ހުއްޓަސް މުހިއްމީ އެފިކަސީ ރަނގަޅުވުން ކަމަށެވެ.

"ވެކްސިންގައި މުހިއްމީ އިފެކްޓިވްނަސް އާއި އެފިކަސީ ރަނގަޅުވުން. ބްރޭންޑް ތަފާތުވުން އެއީ މައްސަލައެއް ނޫން. ހުއްދަ ދިނުމުގައި ގިނަ ކަންކަމަށް ބަލާފައި ހުއްދަ ދޭތީއާ އެކު،" ޝާހް ވިދާޅުވި އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް ވަނީ 43،817 މީހުންނަށް ވެކްސިން ޖަހައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލުމެވެ.