Roadha Mihaaru
ބޫސްޓަ ޑޯޒް ދިނުމަށް ބޮޑު މުސާރާއަކަށް މީހުން ހޯދަނީ

ބޫސްޓަ ޑޯޒް ދިނުމަށް ބޮޑު މުސާރާއަށް މީހުން ހޯދަނީ

12 ޖެނުއަރީ 2022

މި މަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކޮވިޑް-19 ގެ ވެކްސިންގެ ބޫސްޓަ ޑޯޒް ދިނުމުގެ ކެމްޕެއިންގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އުޖޫރައިގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ލިބޭ ގޮތަށް ވަޒީފާގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކޮވިޑް-19 ގެ ވެކްސިންގެ ބޫސްޓަ ޑޯޒް ދިނުމުގެ ކެމްޕެއިންގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އުޖޫރައިގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ލިބޭ ގޮތަށް ވަޒީފާގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ވަނީ ބޫސްޓަ ޑޯޒްގެ ޖެހުމުގެ ކެމްޕެއިނަށް ތިން މަގާމަކަށް 56 މީހަކު ހޯދަން އިއުލާންކޮށްފަ އެވެ. އެއީ ޕްރޮގްރާމް އެސިސްޓެންޓުންގެ ގޮތުގައި 32 މީހަކާއި ވެކްސިނޭޓަރުންގެ ގޮތުގައި 10 މީހަކާއި ފްލޯ މެނޭޖަރުންގެ ގޮތުގައި ހަތަރު މީހަކާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަތަރު މީހަކާ އަދި މެޑިކަލް އޮފިސަރުންގެ ގޮތުގައި ވެސް ހަތަރު މީހެކެވެ.

މި މަގާމުތައް ތިން މަސް ދުވަހަށް އަދާކުރަން ޖެހޭއިރު، މީގެ ތެރެއިން ޕްރޮގްރާމް އެސިސްޓެންޓުންނާއި ފްލޯ މެނޭޖަރުންނާއި އަދި ސަޕޯޓް ސްޓާފުންނަށް ދޭން ނިންމާފައި ވަނީ މަހަކު 7،500ރ. އެވެ. އަދި ވެކްސިނޭޓަރުންނަށް މަހަކު 14،700ރ. ދޭން ނިންމާފައިވާއިރު، މެޑިކަލް އޮފިސަރުންނަށް މަހަކު 24،240ރ. ދޭން ވަނީ ނިންމައިފަ އެވެ.

ޕްރޮގްރާމް އެސިސްޓެންޓުންނާއި ފްލޯ މެނޭޖަރުންނާއި ސަޕޯޓް ސްޓާފުންގެ ޝަރުތާއި މަސްއޫލިއްޔަތުތައް

• ޕްރޮގްރާމް އެސިސްޓެންޓުން ވެކްސިން ޖަހައިދޭ ސެންޓަރުތަކުގައި އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުމާއި ޓެކްނިކަލް އެހީތެރިކަން ދޭން ޖެހޭނެ.

• ސަޕޯޓް ސްޓާފުން ލޮޖިސްޓިކްގެ މަސައްކަތް ކުރަން ޖެހޭއިރު، އޭގެ ތެރޭގައި ވެކްސިން ޕެކް ކުރުމާއި ޑިސްޓްރިބިއުޓްކުރުން ވެސް ހިމެނޭ.

• ފްލޯ މެނޭޖަރުންގެ މަސްއޫލިއްޔަތަކީ ވެކްސިން ޖަހަން އަންނަ މީހުންގެ ރަޖިސްޓްރޭޝަންގެ މަސައްކަތްކުރުމާއި އިރުޝާދު ދިނުމާ އަދި ވެކްސިން ސެންޓަރުގެ ސަރަހައްދު ބެލެހެއްޓުން.

• ގިނަ ވަގުތު، ޝިފްޓް ޑިއުޓީ އާއި ހަފުތާ ބަންދުތަކުގައި ވެސް މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެ.

• ދަށްވެގެން އޯލެވެލް ފާސް އޮތުމާއި އިނގިރޭސި އަދި ދިވެހި ބަހުން ލިޔަންކިޔަން އެނގުން.

• ކޮމްޕިއުޓަރު ބޭނުންކުރުމުގެ އެންމެ އަސާސީ ހުނަރު ހުންނަން ޖެހޭނެ.

ވެކްސިން ކިއޫގައި ތިބި ބައެއްގެ މައުލޫމާތު ސާފުކޮށް، ވެކްސިން ޖަހަން ތައްޔާރުވަނީ.-- ފައިލް ފޮޓޯ:ނިޝާން އަލީ/ މިހާރު

ވެކްސިން ކިއޫގައި ތިބި ބައެއްގެ މައުލޫމާތު ސާފުކޮށް، ވެކްސިން ޖަހަން ތައްޔާރުވަނީ.-- ފައިލް ފޮޓޯ:ނިޝާން އަލީ/ މިހާރު

ވެކްސިނޭޓަރުންނާއި މެޑިކަލް އޮފިސަރުން ޝަރުތާއި މަސްއޫލިއްޔަތުތައް

• މެޑިކަލް އޮފިސަރުންގެ ޒިންމާ އަކީ ވެކްސިން ޖަހާ މީހުންގެ އޮބްޒާވްކުރުމާއި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެ މީހުންނަށް އެހީތެރިވުން.

• މެޑިކަލް އޮފިސަރުންނަށް ކުރިމަތިލެވޭނީ ބޭސިކް މެޑިކަލް ޑިގްރީއެއް ފުރިހަމަކޮށްފައިވާ، ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާ އަދި ސިއްހީ ފަރުވާދިނުމުގެ ލައިންސެންސް އޮންނަ މީހަކަށް.

• ވެކްސިނޭޓަރުންގެ ޒިންމާއަކީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން މީހުންނަށް ވެކްސިން ދިނުން.

• ވެކްސިނޭޓަރު ކަމަށް ކުރިމަތިލެވޭނީ ނާސިންގެ ޑިޕްލޮމާއެއް ނުވަތަ ޕްރައިމީ ހެލްތު ކެއާގެ ޑިޕްލޮމާއެއް އޮތުމާ އެކު ސިއްހީ ފަރުވާދިނުމުގެ ލައިންސެންސް އޮންނަ މީހަކަށް.

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މި މަހު 18 ވަނަ ދުވަހުގެ 2 ޖެހުމުގެ ކުރިން، ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

ހާއްސަ މުސާރައަކަށް ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ކުރަން މީހުން މި ހޯދަނީ އަލަށެވެ. ރާއްޖޭގައި ކޮވިޑްގެ ވެކްސިން ދިނުމުގެ ފުރަތަމަ ޕްރޮގްރާމަށް ވޮލަންޓިއަރުންގެ ގޮތުގައި މީހުން ނެގީ، ޕްރޮންޓްލައިން އެވަލެންސްގެ ނަމުގައި ވަކި ވަރެއް ދޭ ގޮތަށެވެ. އެ އެލަވަންސް ނުލިބި، ލަސްވެގެން ވަރަށް ގިނަ މައްސަލަތައް ވެސް ފެންމަތިވި އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމަށް ރޭވިފައިވާ ކެމްޕެއިން ފެށުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބުމާ އެކު މި މަހު މެދު ތެރޭ އާއްމުކޮށް ހުޅުވާލައިގެން އެ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

ބޫސްޓަ ޑޯޒްގެ ގޮތުގައި، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ފައިޒާގެ 100،620 ޑޯޒް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފަ އެވެ. އެކަމަކު ގިނަ ބަޔަކަށް ބޫސްޓަ ޑޯޒު ޖެހުން ލަސްވެފައި ވަނީ އެ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ނުލިބިގެންނެވެ.

މި ހަފުތާގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ.