Roadha Mihaaru
ޖަޔާ އަނެއްކާ ވެސް ފިލްމެއް ކުޅެނީ

ޖަޔާ ބައްޗަން އަނެއްކާ ވެސް ފިލްމެއް ކުޅެނީ

18 ފެބުރުއަރީ 2021

އެކްޓަރު އަމީތާބް ބައްޗަންގެ އަނބިމިހާ ޖާޔާ ބައްޗަށް އެކްޓިންއާ ދުރުގައި ހުންނަތާ އަށެއްކަ އަހަރު ފަހުން އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރު އަމީތާބް ބައްޗަންގެ އަނބިމިހާ ޖާޔާ ބައްޗަށް އެކްޓިންއާ ދުރުގައި ހުންނަތާ އަށެއްކަ އަހަރު ފަހުން އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތްކުރަން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 72 އަހަރުގެ ބަތަލާ މި ފަހަރު ސޮއިކޮށްފައި ވަނީ މަރާޓީ ފިލްމަކަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ މިހާތަނަށް 50 ވަރަކަށް ފިލްމު ޑައިރެކްޓްކޮށްފައިވާ މަޝްހޫރު މަރާޓީ ޑައިރެކްޓަރު ގަޖެންދުރަ އަހީރޭ ހަދާ ފިލްމެކެވެ. އޭނާ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޝޭވްރީ" އާއި "އަނޫމަތީ" އަދި "ދަ ސައިލެންސް" ހިމެނެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ގަޖެންދުރަގެ އާ ފިލްމު ޖަޔާ އަށް ނެރޭޓްކޮށް ދިނުމާ އެކު، ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން އޭނާ ވަގުތު ފިލްމަށް އެއްބަސްވި އެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު މީގެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލަން ވަނީ ރާވައިފަ އެވެ.

ޖަޔާ އެންމެ ފަހުން ކުޅުނު ފިލްމަކީ ނަސީރުއްދީން ޝާހާ އެކު 2012 ގައި ކުޅުނު "ސަންގްލާސް" އެވެ. އެކަމަކު 2013 ގައި މަރުވެފައިވާ ޑައިރެކްޓަރު ރިތޫޕަރްނާ ގޯޝް ހެދި އެ ފިލްމު އަދިއަދަށް އޮތީ ރިލީޒްނުކުރެވި އެވެ.

އެކްޓަރު އަބީޝެކް ބައްޗަންގެ މަންމަ ޖަޔާ އަކީ 1970 ގެ އަހަރުތަކުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އޭނާ 2000 ގެ އަހަރުތައް ފެށުނު ފަހުން ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަބީ ޚުޝީ ކަބީ ޢަމް" އާއި "ކަލް ހޯ ނަހޯ" އަދި "ލާގަ ޗުނުރީ މޭ ދާގް" ހިމެނެ އެވެ.

ޖާޔާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރެކެވެ. ސަމަޖްވާދީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އޭނާ ތަމްސީލުކުރަނީ އުއްތަރު ޕްރަދޭޝް އެވެ.