Roadha Mihaaru
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް

ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ ބޮޑު އަހަރެއް

27 ފެބުރުއަރީ 2021

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ އާއިލާ އަކީ މުޅިންހެން ފިލްމީ ތަރިން ތިބި އާއިލާއެކެވެ. އޭގެ ތެރޭގައި އަންހެނުން ޖާޔާ ބައްޗަނާއި ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީ ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ އާއިލާ އަކީ މުޅިންހެން ފިލްމީ ތަރިން ތިބި އާއިލާއެކެވެ. އޭގެ ތެރޭގައި އަންހެނުން ޖާޔާ ބައްޗަނާއި ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީ ހިމެނެ އެވެ.

އަމީތާބް، 78، އަކީ އުމުރުން ކިތަންމެ ދުވަހެއް ވިޔަސް އަދިވެސް ބޮލީވުޑްގައި އެންމެ ބިޒީ އެކަކެވެ. އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ. އަމީތާބްގެ އިތުރުން އާއިލާގެ އެހެން ހުރިހާ މެމްބަރުން ވެސް މި އަހަރު ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅޭނެ އެވެ. އެހެންވެ ބައްޗަން އާއިލާގެ އެންމެން މި އަހަރު އަވަދިނެތި ފިލްމުތަކަށް ވަގުތު ހުސްކުރާނެ އެވެ. ހާއްސަކޮށް އަމީތާބެވެ.

އޭނާގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރަން އިއުލާން ވެސްކޮށްފައިވެ އެވެ. އެއީ އެޕްރީލް 30 ގައި ގެނެސްދޭ "ޗެހެރޭ" އާއި މެއި 8 ގައި ގެނެސްދޭ "ޖުންދު" އެވެ. ފަހަރުގައި އަމީތާބްގެ "ބުރައްމަސްތުރާ" އަކީ ވެސް މި އަހަރު ރިލީޒްކޮށްފާނެ ފިލްމެކެވެ. ކޮންމެއަކަސް ތާރީހު އިއުލާންކުރި ފިލްމުތަކުގެ ޕްރޮމޯޝަންތަކުގައި ވެސް އަމީތާބް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ވަރަށް ބުރަކޮށް އުޅެން ޖެހޭނެ އެވެ.

އޭނާ މިހާރު ކުޅެމުން އަންނަ ފިލްމަކީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ "މޭޑޭ" އެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާލައި މިހާރު ކުރިއަށް ދަނީ ދެވަނަ ޝެޑިއުލެވެ، އަމީތާބް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "އާނކޭ 2" ގެ ޝޫޓިން އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާއާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމު "އޫނޗާއީ" ގެ ޝޫޓިން ސެޕްޓެމްބަރުގައި ފަށާނެ އެވެ.

އަބީޝެކް މި ވަގުތު ހުރީ މެޑޮކް ފިލްމްސް އިން ހަދާ "ދާސްވީ" ގެ ޝޫޓިންގަ އެވެ. އޭނާގެ ދެ ފިލްމެއްގެ މަސައްކަތް މިހާރު ވެސް އޮތީ ނިމިފަ އެވެ. އެ ދެ ފިލްމު މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ "ދަ ބިގް ބުލް" އާއި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ބޮބް ބިސްވާސް" އެވެ.

އަމީތާބްގެ އަންހެނުން ޖާޔާ ފިލްމެއްގެ މަސައްކަތް ނުކުރާތާ ހަތް އަހަރު ފަހުން އޭނާގެ އަތުގައި ވެސް މި ވަގުތު ފިލްމެއް އެބައޮތެވެ. އެއީ މަރާޓީ ފިލްމެކެވެ. އޭގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ އެންމެ ފަހުން ފެނިފައި ވަނީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ 2019 ގައި އިއުލާންކުރި ޑައިރެކްޓަރު މަނީ ރަތުނަމްގެ ތާރީހީ ބޮޑު ފިލްމު "ޕޮނިޔިން ސެލްވަން" އެވެ.

އޭޝް އަކީ ކުރިން ވެސް ރަތުނަމްއާ އެކު މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެގޮތުން އޭނާގެ ދެ ފިލްމެއް އަބީޝެކާ އެކު ވެސް ކުޅުނެވެ. އެއީ "ގުރޫ" އާއި "ރާވަން" އެވެ.

އޭޝާ ޑަބަލް ރޯލަކުން ފެންނާނެ ކަމަށް ބުނާ "ޕޮނިޔިން ސެލްވަން" އަކީ އަންނަ އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން އަމީތާބްގެ އާއިލާ އިން ވަރަށް އަވަހަށް އިތުރު މެމްބަރަކު ވެސް ބޮލީވުޑަށް ނުކުންނާނެ އެވެ. އެއީ އޭނާގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ފިރިހެން ދަރިފުޅު އަގަސްޓިއާ ނަންދާ އެވެ. އޭނާ ބޮލީވުޑަށް ލޯންޗްކުރާނެ ކަމަށް ބުނަނީ ކަރަން ޖޯހަރެވެ.