Roadha Mihaaru
އަމީތާބުގެ އަންހެން ކާފަދަރި ވިޔަފާރީގެ ތެރެއަށް

އަމީތާބުގެ އަންހެން ކާފަދަރި ވިޔަފާރީގެ ތެރެއަށް

18 ފެބުރުއަރީ 2021

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ ދޮށީ އަންހެން ކާފަދަރިފުޅު ނަވިއާ ނަވޭލީ ނަންދާ ބޮލީވުޑަށް ނުކުތުމުގެ ބަދަލުގައި އޭނާގެ ބައްޕަ ނިކިލް ނަންދާގެ ވިޔަފާރީގައި ކުރިއަށް ދާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ ދޮށީ އަންހެން ކާފަދަރިފުޅު ނަވިއާ ނަވޭލީ ނަންދާ ބޮލީވުޑަށް ނުކުތުމުގެ ބަދަލުގައި އޭނާގެ ބައްޕަ ނިކިލް ނަންދާގެ ވިޔަފާރީގައި ކުރިއަށް ދާން ނިންމައިފި އެވެ.

ކުރިން ވަރަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިދިޔަ އަހަރު އެމެރިކާގެ ނިއު ޔޯކްގެ ފޯދަމް ޔުނިވަސިޓީން ކިޔެވުން ނިންމައިިލި ނަވިއާ، 24، އެކްޓިން އަށް ނުކުންނާނެ ކަމަށެވެ. އެފަދަ ވާހަކަތަކެއް ދޭތެރެއަކުން މީޑިއާތަކުގައި ވެސް ދެކެވުނެވެ. ނަމަވެސް ކުރިން ވެސް ނަވިއާގެ މަންމަ ޝްވޭތާ ބައްޗަނަކީ ފިލްމީ ދާއިރާ އަށް އަންހެން ދަރިފުޅު ނުކުންނަން އެހާ ގަބޫލު، އެކަމާ އެހާ ރުހޭ މީހެއް ވެސް ނޫނެވެ. އާއިލާގެ އެންމެންހެން ފިލްމީ ދާއިރާގައި އުޅުނަސް ޝްވޭތާ އަކީ ވެސް ފިލްމީ ކަންކަމާ ވަރަށް ދުރުގައި އުޅޭ މީހެކެވެ.

އެކަމަކު އޭނާގެ ފިރިހެން ދަރިފުޅު އަގަސްޓިއާ ނަންދާ، 23، ވަރަށް އަވަހަށް ފިލްމު ކުޅެން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުން ފެށިގެން ވާހަކަތައް ދެކެވެ އެވެ. އޭނާ ބޮލީވުޑަށް ލޯންޗްކުރާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ނަވިއާ އަކީ ބައްޗަން އާއިލާ އިން ރަސްމީކޮށް އަންހެނަކު ވިޔަފާރީގެ ތެރެއަށް ނުކުންނަ ފުރަތަމަ މީހާ އެވެ. އެގޮތުން އޭނާގެ ބައްޕަ ނިކިލްގެ އާއިލީ ވިޔަފާރި ކުންފުނި އެސްކޮޓްސް ލިމިޓެޑްގެ އެންމެ ބޮޑެތި ޒިންމާތަކާ ނަވިއާ ހަވާލުވާނެ އެވެ. އާއިލާގެ ވިޔަފާރީގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ވާހަކަ ނަވިއާ ވެސް ވަރަށް ފަހުން ދައްކާފައިވެ އެވެ. އެސްކޮޓްސް އަކީ އިންޖިނިއަން ދާއިރާ އަށް ހާއްސަ ކުންފުންޏެކެވެ.

އޭނާގެ ބައްޕަ ނިކިލް އަކީ ކަޕޫރް ޚާންދާނަށް ނިސްބަތްވާ މީހެކެވެ. ނިކިލް މަންމަ ރީތޫ ނަންދާ އަކީ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ދަރިއެކެވެ. ރީތޫ ވަނީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވެފަ އެވެ. އޭނާގެ ކޮއްކޮ ރިޝީ ވެސް މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވެފައިވާ އިރު މިދިޔަ ހަފުތާގެ ތެރޭގައި ރީތޫގެ ކޮއްކޮ ރަޖީވް ކަޕޫރް ވަނީ ހާޓްއެޓޭކެއް ޖެހިގެން މަރުވެފަ އެވެ.

ފިލްމީ ދާއިރާ އަށް ނަވިއާގެ ޝައުގުވެރިކަން ނެތް ނަމަވެސް އޭނާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައި ވަނި އެކްޓަރަކާ އެވެ. އެއީ އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ އެވެ. ދެހާސް އަށާރައިގައި ފިލްމު "މަލާލް" އިން އެކްޓިން އަށް ނުކުތް މީޒާންގެ ކުރިއަށް އޮތް ފިލްމަކީ "ހަންގާމާ 2" އެވެ.

ނަވިއާ އާއި މީޒާންގެ ލޯބީގެ ވާހަކަ ދެކެވެމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ އެވެ.

ނަވިއާގެ މާމަ ޖަޔާ ބައްޗަން އަށެއްކަ އަހަރު ވަންދެން އެެކްޓިންއާ ދުރުގައި ހުރުމަށް ފަހު މިހާރު އަންނަނީ މަރާޓީ ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ.