Roadha Mihaaru
ޕެރިސް ހިލްޓަން އެންގޭޖްވެއްޖެ

ޕެރިސް ހިލްޓަން އެންގޭޖްވެއްޖެ

19 ފެބުރުއަރީ 2021

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ވިޔަފާރިވެރިޔާ ޕެރިސް ހިލްޓަން އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ވިޔަފާރިވެރިޔާ ޕެރިސް ހިލްޓަން އެންގޭޖްވެއްޖެ އެވެ.

އޭނާ އާއި ލޯބިވެރިޔާ ކާޓާ ރިއަމް އެންގޭޖްވިކަން ހިލްޓަން ހިއްސާކޮށްފައި ވަނީ ބުދަ ދުވަހު ފާހަގަކުރި 40 ވަނަ އުފަން ދުވަހާ ދިމާކޮށް އިންސްޓަގްރާމްގަ އެވެ. އޭގައި އޭނާ ބުނީ "ފެއަރީޓޭލް ހުވަފެން ހަގީގަތަކަށްވެއްޖެ" ކަމަށާއި "ވާން އުޅޭ ފިރިމީހާ ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.

ހިލްޓަން ބުނީ ކާޓާ އަކީ އޭނާ މިހާތަނަށް ލޯބީގެ ގޮތުން ގުޅުނު އެންމެ ކަމުދާ މީހާ ކަމަށާއި ދެ މީހުންގެ ފުރަތަމަ ޑޭޓާއާ އެކު ވެސް އެއީ އޭނާ ބޭނުންވާ ކަހަލަ ބައިވެރިއެއްކަން ޔަގީންވި ކަމަށެވެ.

ހިލްޓަންގެ ގުޅުމާ ބެހޭ ގޮތުން ކާޓާ ޕީޕަލް އަށް ބުނީ އޭނާ މިހާރު ހުރީ "ހަގީގީ ޕެރިސްގައި" ކަމަށާއި އެ ދެ މީހުންގެ ލޯބީގެ ގުޅުމަކީ ވަރަށް ޔުނީކް ކަމެއް ކަމަށެވެ. ކާޓާ އަކީ ވެސް ވިޔަފާވެރިއެކެވެ.

ހިލްޓަނާއި ކާޓާ އެންގޭޖްވީ 2019 އިން ފެށިގެން ޑޭޓްކުރުމަށް ފަހު އެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ދެ މީހުން އެކަކު އަނެކަކަށް ދަންނަތާ 15 ވަރަކަށް އަހަރުވެފައިވާ ކަމަށް ބުންޏެވެ.

ހިލްޓަން އަކީ މިހާތަނަށް ގިނަ ބަޔަކާ ލޯބީގެ ގުޅުންތަކެއް ބާއްވައި އެންގޭޖްވެ، އެ އެންގޭޖްމަންޓްތައް ރޫޅާލާފައިވާ މީހެކެވެ. އޭގެ ތެރޭގައި ކްރިސް ޒިލްކާ، ޖޭޒަން ޝޯ އަދި ޕެރިސް ލެޓްޒިސް ހިމެނެ އެވެ.

ހިލްޓަނާއި ކާޓާގެ އެންގޭޖްމަންޓާ އެކު ވަރަށް ގިނަ ސެލެބްރިޓީން އަންނަނީ އެ ދެ މީހުންނަށް ތަހުނިޔާ ކިޔައި ސޯޝަލް މީޑިއާ އިން މެސެޖްތައް ފޮނުވަމުންނެވެ.

ނިއު ޔޯކަށް އުފަން ހިލްޓަނަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ޓްވިޓާގައި އިއުލާން ވެސް ކުރި މީހެކެވެ. އެކަމަކު ޖުލައި މަހު އެކަން އިއުލާންކޮށް ފަހުން އެކަމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކަ އެވެ.

މިއުޒިކާއި މޮޑެލިން އާއި އެކްޓިން ދާއިރާ އިން ވެސް ތަޖުރިބާތަކެއް ހޯދާފައިވާ ހިލްޓަނަކީ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ހޮޓެލްސްގެ ހިއްސާދާރެކެވެ.