Roadha Mihaaru
ލަވަކިޔުންތެރިޔާ އަރިއާނާ ކައިވެނިކޮށްފި

އެންގޭޖްވިތާ ފަސް މަސް ފަހުން ލަވަކިޔުންތެރިޔާ އަރިއާނާ ކައިވެނިކޮށްފި

19 މެއި 2021

މީގެ ފަސް މަހެއްހާ ދުވަސް ކުރިން ލޯބިވެރިޔާ ޑާލްޓަން ގޮމޭޒްއާ އެންގޭޖްވި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ އާދީއްތަ ދުވަހު ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ފަސް މަހެއްހާ ދުވަސް ކުރިން ލޯބިވެރިޔާ ޑާލްޓަން ގޮމޭޒްއާ އެންގޭޖްވި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ އާދީއްތަ ދުވަހު ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނީ ދެ މީހުންގެ ކައިވެނީގެ ހަފުލާ ކެލިފޯނިގައި ހުންނަ ގޭގައި ބޭއްވީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި ހަފުލާގައި ބައިވެރިވީ ގާތްގަނޑަކަށް 20 އަށް މީހުން ކަމަށެވެ. އަރިއާނާ، 27، ކައިވެނިކުރި ޑާލްޓަން، 25، އަކީ ލޮސް އެންޖެލިސްގެ ރިއަލް އެސްޓޭޓް އެޖެންޓެކެވެ.

ކައިވެނީގެ ހަފުލާއާ ބެހޭ ގޮތުން އަރިއާނާ ތަރުޖަމާނު މީޑިއާތަކަށް ބުނީ އާދައިގެ ގޮތަކަށް މަދު ބަޔަކާ އެކު ކައިވެނީގެ ކައިވެނީ ހަފުލާ ބޭއްވިޔަސް ދެ މީހުން ތިބީ ވަރަށް އުފަލުން ކަމަށާއި މުޅި ހަފުލާ ވެސް ފެނިގެން ދިޔައީ ވަރަށް އުފާވެރި އަދި މަޖާކޮށް ކަމަށެވެ.

އަރިއާނާ އާއި ޑާލްޓަން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.

އަރިއާނާ އަކީ އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ ކާމިޔާބު އެކެކެވެ. މިއުޒިކް ދާއިރާ އިން މިހާތަނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ އަރިއާނާ މިހާތަނަށް ހަ އަލްބަމް ނެރެފައިވެ އެވެ. މިދިޔަ އަހަރު ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ މި އަހަރު ނެރުނު "ޕޮޒިޝަންސް" އެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. "އަންޑަޑޯގްސް" އާއި "ޒޫލޭންޑާ 2" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަރިއާނާގެ ކުރިއަށް އޮތް ފިލްމަކީ ނެޓްފްލިކްސްގެ "ޑޯންޓް ލުކް އަޕް" އެވެ.

އޭގެ ކާސްޓްގައި ހޮލީވުޑްގެ އޭ-ލިސްޓް ތަރިން ކަމަށްވާ މެރީލް ސްޓްރީޕާއި ލިއޮނާޑޯ ކެޕްރިއޯ އާއި ޖެނިފާ ލޯރެންސާއި ކޭޓް ބްލެންޝެޓާއި މެތިއު ޕެރީ އާއި ޓައިލާ ޕެރީ އާއި ޓިމޮތީ ޝެމަލޭ އާއި ޖޯނާ ހިލް އަދި ކްރިސް އިވަންސް ފަދަ ތަރިން ހިމެނެ އެވެ.