Roadha Mihaaru
އެމްއެންޑީއެފް ފައިލެޓުންގެ މުސާރަ ހިމަނަން ހުށަހަޅަނީ

އެމްއެންޑީއެފްގެ ޕައިލެޓުންގެ މުސާރަ ބަޖެޓުގައި ހިމަނަން ހުށަހަޅާނަން: ޝިޔާމް

14 ނޮވެމްބަރ 2021

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޕައިލެޓުން ނުލިބޭ އެއް މައްސަލައަކީ އެހެން އެއާލައިންތަކާ އެއްވަރުގެ މުސާރައެއް ނުލިބޭތީ ކަމަށް އެ މުއައްސަސާ އިން ބުނެފައިވާތީ އެކަން ހައްލުކުރަން އިދިކޮޅު ޕީޕީއެމުން އިސްނަގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޕައިލެޓުން ނުލިބޭ އެއް މައްސަލައަކީ އެހެން އެއާލައިންތަކާ އެއްވަރުގެ މުސާރައެއް ނުލިބޭތީ ކަމަށް އެ މުއައްސަސާ އިން ބުނެފައިވާތީ އެކަން ހައްލުކުރަން އިދިކޮޅު ޕީޕީއެމުން އިސްނަގައިފި އެވެ.

އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެންއެންޑީއެފަށް ބޭނުންވާ ޕައިލެޓުންގެ މުސާރަ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނަން އޭނާ ހުށަހަޅުއްވާނެ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވުން އިންޑިއާގެ ސިފައިންގެ އަތްމައްޗަށް ދޫކޮށްލާފައި އޮތް މައްސަލައިގައި އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ ކަމަށް ފާޑުކިއުން އަމާޒުކޮށްފައި ވަނިކޮށް، އެ އަދަދުތައް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި އެމްއެންޑީއެފުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހާމަކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ ތިން ސަރަހައްދަކުން ޑޯނިއާ އާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރާއިރު ޓެކްނިކަލް މީހުން ހިމެނޭ ގޮތަށް އިންޑިއާގެ 75 ސިފައިން ތިބޭ ކަމަށެވެ.

އިންޑިއާގެ ސިފައިން ޑޯނިއާ ދުއްވާތީ ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވީ، އެމްއެންޑީއެފަށް ޕައިލެޓުން ނުލިބުމުގެ ދަތިކަން އޮތް އިރު، ވޭތުވެދިޔަ ތިން އަހަރާއި މި އަހަރުގެ ބަޖެޓުގައި ވެސް އެމްއެންޑީއެފްގެ ޕައިލެޓުންނަށް މުސާރަ ދޭން ސަރުކާރުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު މިކަން ބަދަލުކުރަން ބަޖެޓުގައި އެ މުސާރަ ހިމަނަން ހުށަހަޅުއްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެ ވަރުގެ ކަމެއް ކޮށްނުދެވޭ ބަޔަކަށް ސަރުކާރުތޯ ހަމަ ކިޔަންވީ،" އޭނާ ވިދާޅުވި އެވެ.

އޭނާ މިގޮތަށް މި ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ ބޮޑު ކަމަށް ކޮމިޓީގައި އެމްއެންޑީއެފުން ބުނުމާ ގުޅިގެންނެވެ.

ސަބަބެއް ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ އަމިއްލަ އެއާލައިންތަކުގައި ޕައިލެޓުންނަށް ލިިބޭ މުސާރަ އަށް ބަލާއިރު އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގެ ދަތިިކަން އޮތުމެވެ. އެހެންވެ، ދެން ޖެހެނީ އެމްއެންޑީއެފްގެ ތެރެއިން ޕައިލެޓުން ތަމްރީނު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ވެސް ޕައިލެޓުންނަށް ދަތުރު ކުރެވޭނެ ގަޑި ހަމަވެގެން ޑޯނިއާ ނުދުއްވި ބާއްވަން ޖެހުނު ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ހަމައެކަނި ޕައިލަޓުންނަށް ވަރަށް ބޮޑު ފައިނޭޝަލް ބެނިފިޓެއް ދީފި ކަމަށް ވަންޏާ އެކަން ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ލޯޔަރުން ވެސް، ޑޮކްޓަރުން ވެސް އިންޖިނިއަރުން ވެސް. އެހެންވީމާ ބެލެންސެއް ވެސް އެބަ ޑްރޯ ކުރަންޖެހޭ." ޝަމާލް ވިދާޅުވެފައިވެ އެވެ.

ޑޯނިއާ ދުއްވަން އެމްއެންޑީއެފުން ތަމްރީންކުރި ތިން ޕައިލެޓުންގެ ތެރެއިން އެކަކު ވަޒީފާ އިން ވަކިވީ އެކަށީގެންވާ މުސާރައެއް ނުލިބޭތީ އެވެ. އިންޑިއާގެ ސަރުކާރުގެ އެހީގައި ތަމްރީނުކުރި އެ ޕައިލެޓް މިހާރު މަސައްކަތް ކުރަނީ މަންތާ އެއާލައިންގަ އެވެ. އެހެންވެ، އިންޑިއާގެ ސަރުކާރުގެ އެހީގައި ތަމްރީނުކޮށް، ސިފައިންގެ ތެރޭގައި ތިބީ މިހާރު ދިވެހި ދެ ޕައިލެންޓުންނެވެ.

ދެ އަހަރަށް އެކުލަވާލާފައިވާ އެއްބަސްވުމުގައިވާ ގޮތުން ޑޯނިއާ ދުއްވާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ކުރަންޖެހޭ ގިނަ ހަރަދުތައް ވެސް ކުރާ ގޮތަށް އެއްބަސްވެފައި ވަނީ އިންޑިއާ އިންނެވެ.