Roadha Mihaaru
އުސޫލުންބޭރުން ބޭއްވި އެހެން ޕާޓީއެއް ވެސް ހުއްޓުވައިފި

އެޗުޕީއޭގެ އުސޫލާ ޚިލާފަށް ބޭއްވި އުފަން ދުވަހުގެ ހަފުލާ ވެސް ހުއްޓުވައި، ޖޫރިމަނާކޮށްފި

22 ފެބުރުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް މާލޭގައި މިރޭ ބޭއްވި އުފަން ދުވަހުގެ ހަފުލާއެއް ވެސް ހުއްޓުވައި، އެ ހަފުލާ އޮތް ރެސްޓޯރަންޓު ވެސް 5،000ރ. އިން ފުލުހުން ޖޫރިމަނާކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗުޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް މާލޭގައި މިރޭ ބޭއްވި އުފަން ދުވަހުގެ ހަފުލާއެއް ވެސް ހުއްޓުވައި، އެ ހަފުލާ އޮތް ރެސްޓޯރަންޓު ވެސް 5،000ރ. އިން ފުލުހުން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ، އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ގްރޭންޑް ވިއު ރެސްޓޯރަންޓުގައި މިރޭ ބޭއްވި އުފަން ދުވަހުގެ ޕާޓީއެއް ހުއްޓުވާފައިވާ ކަމަށެވެ.

މާލޭގައި މިއަދު ހަވީރު ބޭއްވި ކައިވެނި ޕާޓީއެއް ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ. އެ ޕާޓީ ބޭއްވި ސޯލްޓު ކެފޭ ވެސް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ. އެއީ ވެސް އެޗުޕީއޭގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. ނަމަވެސް ސޯލްޓު ކެފޭގައި އޮތް ހަފުލާ ހުއްޓުވީ، ފުރަތަމަ ފަހަރު ފުލުހުންގެ އެންގުމަށް ތަބާނުވުމުން، ދެވަނަ ފަހަރަށް ފުލުހުން ގޮސްގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް، ކައިވެނި ހަފުލާތަކާއި ޕާޓީތަކުގެ އިތުރުން އެއް ތަނެއްގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އުޅެނީ ދުވާލަކަށް 100 އިން މަތީގަ އެވެ. އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 2،000 އިން މަތީގައި އުޅޭއިރު ހޮސްޕިޓަލުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ އެޑްމިޓް ކޮށްފަ އެވެ.