Roadha Mihaaru
ޕީޖީގެ އިހުމާލުން ޣައިރުގާނޫނީ ބަންދެއްގައި 34 ދުވަސް

ޕީޖީ އޮފީހުގެ އިހުމާލުން ޣައިރު ގާނޫނީ ބަންދެއްގައި ހުންނަން ޖެހުނު މީހަކަށް ބަދަލު ހޯދައިދެނީ

23 ފެބުރުއަރީ 2021

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކަށް ދައުވާ ނުކުރަން ނިންމައި ބަންދު އަމުރު ބާތިލްކޮށް އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އަނބުރާ ގެންދިއުމުން ވެސް 34 ދުވަސް ވަންދެން ބަންދުގައި ބެހެއްޓި މީހަކަށް މަދަނީ ބަދަލު ހޯދައިދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކަށް ދައުވާ ނުކުރަން ނިންމައި ބަންދު އަމުރު ބާތިލްކޮށް އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އަނބުރާ ގެންދިއުމުން ވެސް 34 ދުވަސް ވަންދެން ބަންދުގައި ބެހެއްޓި މީހަކަށް މަދަނީ ބަދަލު ހޯދައިދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

އެޗްއާރްސީއެމުން މިގޮތަށް ނިންމީ ދައުވާއެއް އަދި ބަންދު އަމުރެއް ވެސް ނެތި، ޣައިރު ގާނޫނީ ބަންދެއްގައި ބެހެއްޓި ކަމަށް ބުނެ އެ ކޮމިޝަނަށް ފެބްރުއަރީ 26 2019 ގައި ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ. މި މަހުގެ ފުރަތަމަ ދުވަހު އެ މައްސަލަ ނިންމާފައި ވަނީ އެ މީހާ ޣައިރު ގާނޫނީ ބަންދެއްގައި 34 ދުވަހު ބެހެއްޓިކަން ސާބިތުވާ ކަމަށެވެ.

އެޗްއާރްސީއެމުން މައްސަލަ ނިންމި ގޮތުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލިބުނު މި މީހާ 2018 ވަނަ އަހަރު ހައްޔަރުކޮށްފައި ހުރީ މާލޭ ޖަލުގައި ކަމަށް ވިޔަސް އޭނާގެ މައްޗަށް ދައުވާ އުފުލީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގަ އެވެ. އޭނާގެ މައްޗަށް ކުރި ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ހާޒިރު ނުކުރެވުނުކަން ފާހަގަކޮށް އެ ނިންމުގައި ބުނެފައިވަނީ އެ ކޯޓުގެ އިހްތިސާސް ނެތް ކަމަށް ނިންމައި މައްސަލަ އަނބުރާ ފޮނުވާލުމުން ކްރިމިނަލް ކޯޓަށް ހުށަހެޅުން އެއީ މެޖިސްޓްރޭޓް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ނިންމެވި ކަމަށެވެ.

ރިޕޯޓްގައިވާ ގޮތުން ޕީޖީ އޮފީހުން ދެން ނިންމީ މި މައްސަލަ އަލުން މުރާޖައާކުރުމަށެވެ. އެ އޮފީހުން އަލުން ބެލުމަށް ފަހު މިއީ ޖިނާއީ އިޖުރާއަތުގެ ރޫހާ ހިލާފަށް ފުލުހުން ތަހުގީގުކުރި މައްސަލައެއް ނިންމައި ދައުވާ އަނބުރާ ނަގަން ނިންމައި ފުލުސް އޮފީހަށް އަނބުރާ ފޮނުވާލީ އެވެ.

މައްސަލަ ހުށަހެޅި މީހާ ފެބްރުއަރީ 15، 2018 އިން ފެށިގެން، ޝަރީއަތް ނިންމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު މުރާޖައާކުރުމަށް ޕީޖީ އޮފީހުން އެދުނީ އޭގެ ފަހުންނެވެ. އެ އަމުރު ބާތިލްކޮށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ޖެނުއަރީ 23، 2019 ގައި އަމުރު ނެރެފައި ވިޔަސް، ބަންދުގައި ހުރި މީހާ ޖަލުން ދޫކޮށްލާފައި ވަނީ އޭގެ 34 ދުވަސް ފަހުން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށް އެޗްއާރްސީއެމުން ބުނެފައިވެ އެވެ. އެއީ ބަންދުން ދޫކޮށްލުމުގެ އަމުރާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެން އެކަން ކޯޓަށް އެނގި، ކޯޓު އަމުރު ކަރެކްޝަނަލް ސާވިސް އަށް ފޮނުވި ދުވަހު އެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި މިހެން ދިމާވެފައިވަނީ ބަންދުގައި ހުރި މީހާ ދޫކޮށްލުމަށް ނެރުނު އަމުރު ކަރެކްޝަނަލް ސާވިސް އަށް ނުލިބި އޮތުމުންނެވެ. އުނގޫފާރު ކޯޓުން، ކޯޓު އަމުރު ކަރެކްޝަނަލް ސާވިސް އަށް ފެކްސް ކުރި ކަމަށާއި ފޯނުކޮށްގެން ވެސް ޖަވާބެއް ނުލިބުނު ކަމަށް ތަހުގީގުގައި ބުންޏަސް އެކަން ސާބިތު ނުވާ ކަމަށާއި ޕީޖީ އޮފީހުން ވެސް އެ އޮފީހުގެ އެދުމަކަށް ބަންދުގައި ބެހެއްޓި މީހަކު ބަންދުން ދޫކޮށްލަން އަމުރު އައުމުން އެ އަމުރު ތަންފީޒުވިތޯ އެކަށީގެންވާ ގޮތުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އެޗްއާރްސީއެމުން ވަނީ ނިންމައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ބަންދުކޮށްފައއި ހުރި މީހަކު ބަންދުން ދޫކޮށްލުމުގެ އަމުރެއް ލިބުމުން، ބަންދުގައި ހުރި މީހާ ބެލެހެއްޓުމާ ހަވާލުވެ ހުރި އިދާރާއިން އަމުރު ތަންފީޒުކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަން އެޗްއާރްސީއެމްގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވެސް ކޯޓު އަމުރު ފޮނުވުމާ ގުޅޭ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ތަހުގީގަށް މި ކަންކަން ފާހަގަވާތީ އެޗްއާރްސީއެމުން ނިންމީ ބަންދުގައި ބެހެއްޓި މީހާގެ އިންސާނީ ހައްގެއް ގެއްލިފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ އަށް، ގާނޫނުއަސާސީގެ ދަށުންނާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާގެ ދަށުން މަދަނީ ބަދަލު ނަގައިދިނުމަށް މަސައްކަތްކުރުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރެއް ކަމަށް ވާތީ އެކަން އެގޮތަށް ކުރަން ވަނީ ނިންމައިފަ އެވެ.