Roadha Mihaaru
އޮންލައިންކޮށް ކިޔަވައިދޭތީ އައިލެންޑާސް ފީ ކުޑަކޮށްފި

އޮންލައިންކޮށް ކިޔަވައިދޭތީ އައިލެންޑާސްގެ ސްކޫލުތަކުގެ ފީ ކުޑަކޮށްދީފި

22 އެޕްރީލް 2020

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭތީ ދަރިވަރުންގެ ފީ ކުޑަކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭތީ ދަރިވަރުންގެ ފީ ކުޑަކޮށްދީފި އެވެ.

އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ، ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރުމާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރަމުންދާ ކަމަށެވެ. އެކަމަކު އައިލެންޑާސްގެ ދަށުން ހިންގާ ބިލަބޮންގް އިންޓަނޭޝަން ސްކޫލާއި ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު އަދި ކެންގަރޫ ކިޑްސްގެ ދަރިވަރުންނަށް އަންނަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދުވަހުން ފެށިގެން ވެސް ކިޔަވައި ދެމުންނެވެ. އެއީ، ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅުމުގެ ފުރުސަތު ހަނިކުރަން ކަމަށް އަދުލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮންލައިންކޮށް ކިޔަވައިދޭތީ އަންނަ މަހުގެ ސްކޫލު ފީ އިން 15 ޕަސެންޓް ވަނީ ކުޑަކޮށްދީފަ އެވެ. ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ކުންފުނިން ވަނީ ދަރިވަރުންގެ މި މަހުގެ ފީ ވެސް 10 ޕަސެންޓަށް ކުޑަކޮށްދީފަ އެވެ.

ކިޔަވައިދިނުމުގެ އިތުރުން އޮންލައިންކޮށް އެސެމްބްލީ ބޭއްވުމާއި ގްރޫޕުތަކަށް ބަހާލައިގެން ވާޗުއަލްކޮށް ޕްރޮޖެކްޓު މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ޓީޗަރުންނާއި ދަރިވަރުން ބައްދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދެ އެވެ. އޭގެ އިތުރުން ކޮންމެ ހަފުތާއަކު އޮންލައިންކޮށް އިތުރު ހަރަކާތްތައް ބޭއްވުމާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މިފަދަ ދުވަސްވަރެއްގައި ކިޔެވުމުން ބާކީ ވިޔަނުދީ އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

"މިކަމަކީ ދަރިވަރުން ދިގު މުއްދަތަކަށް ގޭގައި ބަންދުވެ އެކަނިވެރިވެފައި ތިބޭ ދުވަސްވަރެއްގައި އެ ކުދިންނަށް ނަފްސާނީގޮތުން އަދި އިޖުތިމާއީ ގޮތުން ކޮންމެހެން ބޭނުން ކަމެއް،" ޕްރިންސިޕަލް ޑރ. އެއިއްޔާ ވެލައްނޭ ވިދާޅުވި އެވެ.

ދަރިވަރުން ހެލިފެލިވެ އުޅުމަކީ މުހިއްމު ކަމަކަށްވާއިރު ގޭގައި ބަންދުވެފައި ތިބުމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ވަނީ އެޅިފަ އެވެ. ނަމަވެސް ދަރިވަރުންނަށް ބޭނުންވާ ކަސްރަތު ފޯރުކޮށްދިނުމަށް އައިލެންޑާސް އިން އަންނަނީ ފިޒިކަލް އެޑިއުކޭޝަން (ޕީއީ) ފިލާވަޅުތައް އޮންލައިންކޮށް ނަގައިދެމުންނެވެ.

އަދްލީ ވިދާޅުވީ، ކުދިން ގޭގައި ބަންދުވެފައިވާ މި ވަގުތަކީ އެންމެން އަތުގުޅާލައިގެން ވަރަށް ގާތުން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

"މިފަދަ އުނަދަގޫ ދަނޑިވަޅެއްގައި ކޮންމެ ބޭފުޅަކު ވެސް އަބަދު ވިސްނުން ބަހައްޓަވަންވާނީ ކުރެވެން ހުރި ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ މިންވަރަކަށް ކުރެއްވޭތޯ. އޭރުން މި ހާލަތުން އަރައިގަނެވޭ ދުވަހު، ފަސްބަލައިލުމުން ފެންނަން އޮންނާނީ ދަތިތަކަކާއި ގޮންޖެހުންތަކެއް ތަހައްމަލު ކުރަމުން ދިޔަ ދަނޑިވަޅުގައި ވެސް، ކުދިންގެ ތައުލީމުގެ ހައްގުގައި އަޅުގަނޑުމެންނަށް ނުކުރެވުނު ކަމެއްގެ ބަދަލުގައި ކުރެވުނު ގިނަ ކަންތައްތައްތަކާއި ވެވެނު މަތިވެރި ގުރުބާނީ،" އަދްލީ ވިދާޅުވި އެވެ.