Roadha Mihaaru
ޖަމާއަތުގެ ނަމާދު ހުއްޓައިލަން އިލްމުވެރިން ދެކޮޅު

ޖަމާއަތުގެ ނަމާދު ހުއްޓައިލަން އިލްމުވެރިން ދެކޮޅު

27 ފެބުރުއަރީ 2021

މާލޭގައި އާންމުން އެއްވެ އުޅުމުގެ ފުރުސަތު އެހެން ގިނަ ކަންކަމުގައި ހުރުމުން، ހަމައެކަނި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުމަކީ ކޮވިޑް-19 ފެތުރެން ހުރަސްއެޅިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބައެއް އިލްމުވެރިން، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ލަފާ ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި އާންމުން އެއްވެ އުޅުމުގެ ފުރުސަތު އެހެން ގިނަ ކަންކަމުގައި ހުރުމުން، ހަމައެކަނި ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުމަކީ ކޮވިޑް-19 ފެތުރެން ހުރަސްއެޅިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބައެއް އިލްމުވެރިން، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ލަފާ ދެއްވައިފި އެވެ.

އެކަމަކު މިހާރަށް ވުރެ ވެސް ޖަމާއަތުގެ ނަމާދު ކުރުކުރެވިދާނެ ކަމަށް، އިލްމުވެރިން ވަނީ ފާހަގަކުރައްވައިފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން މަދުނުވެ ކުރިއަށް ދާ ދުވަސްވަރެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާ މެދު ދީނީ އިލްމުވެރިންގެ ލަފަޔަކަށް އެޗުޕީއޭއިން އެދުމުން، އިލްމުވެރިންނާ އެކު އިސްލާމިކް މިނިސްޓްރީން ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ދީނީ އިލްމުވެރިޔާ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފް "މިހާރު" އަށް ވިދާޅުވީ މާލޭގެ އާއްމު ދިރިއުޅުމުގެ އެހެން ކަންކަން ހުރި ގޮތުން، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިޔަސް، ބަލި ފެތުރުން ހުއްޓުވުމުގެ މަގުސަދު ހާސިލުނުވާނެ ކަމަށް ބައެއް އިލްމުވެރިން ލަފާދެއްވި ކަމަށެވެ.

މިސާލެއްގެ ގޮތުން އިލްމުވެރިން ދެއްކެވީ މާލޭގެ ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމެވެ. އެތަންތަނުގައި މީހުން ޖަމާވެ، ގިނަ ވަގުތު ހޭދަކުރާ ކަމަށާއި އެއާ ހިލާފަށް މިސްކިތުގައި މީހުން ހޭދަކުރަނީ ވަރަށް މަދު ވަގުތުކޮޅެއްކަން އިލްމުވެރިން ފާހަގަކުރެއްވި ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

"މިކަން މިހެން އޮތް އިރު، ޖަމާއަތުގެ ނަމާދުކުރުން ހުއްޓާލައިފި ނަމަ އާއްމު ރައްޔިތުން އަޅުގަނޑުމެންނާ މި ސުވާލުތައް ކުރިމަތިކުރާނެ،" ޑރ. އިޔާޒް ވިދާޅުވި އެވެ.

މާލެ: އޭޕްރިލް 20، 2020: ކޮރޯނާވައިރަހާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވުމުން މާލޭގެ މިސްކިއްތައް ބަންދު ކޮއްފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލެ: އޭޕްރިލް 20، 2020: ކޮރޯނާވައިރަހާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވުމުން މާލޭގެ މިސްކިއްތައް ބަންދު ކޮއްފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މަޝްވަރާގައި ބައެއް އިލްމުވެރިން ވިދާޅުވީ ކެފޭތައް ރޭގަނޑު 8:00 ގައި ބަންދުކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް ދުވާލުގެ ގިނަ ވަގުތު އެތަންތަން ހުންނަނީ ހުޅުވާފައި ކަމަށެވެ. އަދި އެތަންތަނުގައި މީހުން ތިބެނީ މާސްކް ވެސް ނާޅާ ކަމަށް، ބައެއް އިލްމުވެރިން ވިދާޅުވި އެވެ.

"އެކަމަކު މިސްކިތުގައި ޖަމާއަަތުގައި ނަމާދުކުރަން ހޭދަވަނީ ގިނަވެގެން 10 މިނެޓް،" އިލްމުވެރިންގެ ވާހަކަތަކަށް ބިނާކުރައްވާ ޑރ. އިޔާޒް ވިދާޅުވި އެވެ.

އިލްމުވެރިން ފާހަގަކުރެއްވި އަނެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގޯތިގެދޮރުގެ ދަތިކަން މާލޭގައި ބޮޑުވުމުން ގޭގައި ނަމާދުކުރަން ދަތި އެތައް ބަޔަކު މިސްކިތަށް ދާދިއުމެވެ. ކޮވިޑްގެ ފުރަތަމަ ރާޅާ އެކު މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރި އިރު ވެސް، ބައެއް މީހުން ނަމާދުކުރަން މިސްކިތްތަކަށް އެރި އެވެ. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލިޔަސް މިސްކިތަށް ދާ މީހުން އުޅޭނެ ކަމަށް، ބައެއް އިލްމުވެރިން ފާހަގަކުރެއްވި ކަމަށްވެ އެވެ.

މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ބޭނުންވާ ސަބަބަކަށް ދައްކަނީ މިސްކިތްތަކުގެ ވެންޓިލޭޝަން ރަނގަޅު ނުވުމުގެ މައްސަލަ ކަމަށް ވިޔަސް، ޑރ. އިޔާޒް ވިދާޅުވި ގޮތުގައި، އިލްމުވެރިންގެ ނަޒަރުގައި މިސްކިތްތަކަށް ވުރެ ބައެއް ކެފޭ/ރެސްޓޯރެންޓްތަކުގެ ވެންޓިލޭޝަން ގޯހެވެ.

ބަދަލުގައި ހުށަހެޅި ކަންތައްތައް

ޑރ. އިޔާޒު ވިދާޅުވީ "ހުރިހާ ދިމާލަކުން ވެސް އެފަދަ [މީހުން އެއްވުން މަދުކުރެވޭ ފަދަ] ފިޔަވަޅުތައް އަޅާ ހާލަތުގައި ނޫނީ" ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އިލްމުވެރިންނަށް ފެނިވަޑައިނުގެންނެވި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ކުރެވިދާނެ ހަތަރު ކަމެއް އިލްމުވެެރިން ހުށަހެޅުއްވި އެވެ.

އެއް ކަމަކަށް ހުށައެޅުއްވީ ބަންގި ގޮވުމަށް ފަހު، ސުންނަތް ނަމާދަށް ވަގުތު ނުދީ ވަގުތުން ޖަމާއަތުގެ ނަމާދު ފެށުމެވެ. ސުންނަތް ނަމާދަކީ ފަސްކުރުން ހުއްދަ ކަމަކަށް ވާތީ އެގޮތަށް ހެދިދާނެ ކަމަށް، އިލްމުވެރިން އެއްބަސްވެވަޑައިގެންނެވި ކަމަށް، ޑރ. އިޔާޒް ވިދާޅުވި އެވެ.

ދެވަނަ ކަމަކީ ނަމާދުގައި ވީހާ ވެސް ކުރުކޮށް ޤުުރުއާން ކިޔަވައި، ނަމާދު ކުރުކޮށްލުމެވެ. މިސްކިތުގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ނުދިނުމާއި ބަލިވެ އުޅޭ މީހުންނާއި ކޮވިޑަށް ޝައްކުވާ ކަހަލަ އެއްވެސް އަލާމާތެއް ހުންނަ މީހުން މިސްކިތަށް ނުދިއުމަށް ބާރުއެޅުމަކީ ވެސް، ބައެއް އިލްމުވެރިން ހުށައެޅުއްވި ކަންކަން ކަމަށް، ޑރ. އިޔާޒް ވިދާޅުވި އެވެ.